ޚަބަރު ސަރުކާރު

ނޮވެމްބަރު ތިނެއްގައި، ދުޝްމަނުންނަށް ލިބުނު އެންމެ ބޮޑު ސިހުމަކީ ދިވެހީންގެ އެއްބައިވަންތަކަން: ރައީސް ޞާލިޙު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު--

ބަޑިބުރާސްފަތީގައި ދުޝްމަނުންނަށް ލިބުނު އެންމެ ބޮޑު ބިރާއި ސިހުމަކީ ދިވެހިންގެ ކިބައިން ފެނުނު އެއްބައިވަންތަކަމާއި އެކުވެރިކަންކަމަށް ވިދާޅުވެ, ޤައުމީ މަސްލަހަތާއި ޤައުމުގެ ސުލްހަ މަސަލަސްކަން އިސްކުރުމަށް މަސައްކަތް ކުރުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ގޮވައިލައްވައިފިއެވެ.

Ads by STELCO

1988 ގެ ނޮވެމްބަރު 03 ގެ ޢުދުވާނީ ހަމަލާ ދިނީ ދިވެހި ޤައުމަށް ޣައްދާރުވި މަދު ބަޔަކު ލަންކާގެ ”ޕްލޮޓް“ ޖަމާޢަތާއި ގުޅިގެންނެވެ. އެ ކަމުގައި ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީއާއި, ސ.ހިތަދޫ ޕެރިސް ހޮލިޑޭ އަޙްމަދު ނާޞިރާއި, ސ.ހިތަދޫ ޒަމާނީގޭ ޢަބްދުﷲ ޝާހިދާއި, ހ.ކަރޯގޭ ކަރޯ ޢައްބާސް އިބްރާހީމާއި, މ.ދުއްލިސާގޭ އިބްރާހިމް ނަޢީމް (ޕައިލޮޓް ނަޢީމް) އާއި, މ.ދީފުރަމްއާގޭ ސިއްކަ އަޙްމަދު އިސްމާޢީލް މަނިކާއި, މއ.ތިނަދޫގޭ ޢުމަރު ޖަލާލު ވަނީ ބައިވެރިވެފައެވެ.

ނަޞްރުގެ ދުވަހާ ގުޅިގެން މިއަދު ދެއްވި ޚިޠާބުގައި ރައީސް ވިދާޅުވީ އެ ހަމަލާއާއެކު ބިރުވެރިކަމާއި ނާމާންކަމުން ދިވެހި ޖައްވު ބަނަކޮށްލި ކަމަށާއި, ލޮލުން ކަރުނަ އޮހޮރިގެން ދިޔަ ކަމަށެވެ. އަދި ކުށެއް ނެތް ދިވެހި އަޚުންތަކެއް ޝަހީދުވުމުން ހިތްތައް ޒަޚަމްވެ ކުދިކުދިވެގެން ދިޔަކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ނަޞްރުގެ ދުވަހުގެ ހަނދާންތަކުން ވަރަށް ގިނަ ޢިބްރަތްތަކެއް ލިބިގެންދާކަން ފާހަަގަކުރައްވައި، ރައީސް ވިދާޅުވީ ފުރިހަމަ އީމާންތެރިކަމާއި ހިތްވަރާއި ސާބިތުކަމާއެކު މާތް ނިޔަތެއްގައި ޖިހާދުކުރާ ކޮންމެ މީހަކަށް ވެސް މަދަދާއި ނަޞްރުން ކާމިޔާބު ދެއްވާނެ ކަމަށެވެ. މީގެ އިތުރުން ލިބޭ އަނެއް ޢިބުރަތަކީ ދުޝްމަނުންގެ މަކަރުވެރި ރޭވުންތަކާއި ޓެރަރިޒަމްގެ ނުރައްކާތެރި ޢަމަލުތަކާމެދު އަބަދުވެސް ހޭލައި ތައްޔާރުވެ ތިބެންޖެހޭނެ ކަން ކަމަށް ރައީސް ވިދާޅުވިއެވެ.

''ހަމައެފަދައިން ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކުރުމުގެ ޤާބިލުކަމާއި ހިތްވަރާއި ކެރުން ހުރި ދިވެހި ޒުވާނުންތަކަކަށް ޤައުމު ބޭނުންވާ ކަމެވެ. އަދި ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަމަކީ ދުޝްމަނުންގެ ނުބައި ރޭވުންތައް ނާކާމިޔާބުކޮށްލެވޭނެ އެންމެ ވަރުގަދަ ހަތިޔާރު ކަމެވެ.'' ރައީސްގެ ޚިޠާބުގައި ވެއެވެ.

ރައީސް ވިދާޅުވީ ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާއިން ދިވެހި ޤައުމު ދިފާޢުކުރުމަށް ދިވެހި އުންމަތް ތެދުވީ އެއް ހަށިގަނޑެއް ފަދައިން ކަމަށާއި, އެ ދުވަހު ދެއްވި ސާބިތުކަމުގެ އަސްލަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ދިވެހިންގެ ހިތްތަކުގައި އޮތް އިސްލާމްދީނުގެ ސައްހަ ޢަޤީދާ ކަމަށެވެ. އެ ދުވަހު ދިވެހިންނަށް ދެއްވި ހިތްވަރުގެ ސިއްރަކީ ދިވެހިންގެ ހިތްތަކުގައި މި ވަޠަނާ މެދު އޮތް ޤައުމީ ލޯބި ކަމަށާއި, ދިވެހި ސިފައިންގެ ހަކަތައަކީ ދިވެހި ޢަސްކަރިއްޔާއާ މެދު ދިވެހިންގެ ހިތްތަކުގައި އޮތް އިތުބާރާއި ޔަޤީންކަން ކަމަށެވެ.

''ދުޝްމަނުންނަށް ލިބުނު އެންމެ ބޮޑު ބިރާއި ސިހުމަކީ ދިވެހިންގެ ކިބައިން ފެނުނު އެއްބައިވަންތަކަމާއި އެކުވެރިކަމެވެ.''

އެހެންކަމުން މިފަދަ ކޮންމެ މުނާސަބަތެއްގައި ހަނދާނުގައި ބަހައްޓަންވީ މި ޤައުމަށްޓަކައި އަދާކުރަން ޖެހިފައިވާ ޤައުމީ ވާޖިބު ކަމަށާއި އެއީ ހަމަ ކޮންމެ ކަމެއްގައިވެސް ޤައުމީ މަސްލަތާއި ޤައުމުގެ ސުލްހަ މަސަލަސްކަން އިސްކުރުމަށް މަސައްކަތް ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހަމަޖެހުމާއި އަމާންކަމަށް އިސްކަންދީ, މި ކަންކަމަށް އިސްކަން ދިނުމުގެ ސިފަތައް ދަރިންގެ ހިތްތަކުގައި އަށަގެންނެވުމަށްޓަކައި އެ ދަރިންގެ ހިތްތަކުގައި ޤައުމާމެދު ލޯތްބާއި ކުލުނު އުފައްދަން މަސައްކަތް ކުރުމަށްވެސް އެ މަނިކުފާނު ގޮވައިލެއްވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!