އިމްރާން ހުރީ ދޫދެއްވާ ގޮތަކަށް ނޫން؛ ކުރިޔަށްވުރެ ވަރުގަދަކޮށް އަނބުރާ އަންނާނަން
ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ދިން ބަޑީގެ ހަމަލާއިން، އެމަނިކުފާނު ރަނގަޅުވުމާއެކު އަލުން އަނބުރާ އިސްލާމާބާދުގައި މުޒާހަރާ ފައްޓަވާނެ ކަމަށް އިމްރާން ޚާން ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހު އިމްރާން ޚާން ވިދާޅުވީ އަވަހާރަކޮށްލުމުގެ ނިޔަތުގައި އެމަނިކުފާނަށް ދެމީހަކު ހަމަލާދީފައިވާ ކަމަށެވެ. ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި އެކަކު މަރުވެފައިވާއިރު 11 މީހުންނަށް އެކިވަރުގެ ޒަހަމްތައް ލިބުނު ކަމަށް ވެސް ވިދާޅުވިއެވެ.
ޕަންޖާބްގެ ހެލްތް މިނިސްޓަރު އަދި އިމްރާން ޚާންގެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ޑޮކްޓަރަކު ޔާސްމީން ރާޝިދު ވިދާޅުވީ އިމްރާން ޚާންގެ ފައިންޕުޅަށް ދެ ވަޒަން އެރި ކަމަށެވެ.
އިމްރާން ޚާން ވަނީ އަވާހަރުކޮށްލުމަށް ދިން މި ހަމަލާގައި ތިން މީހަކު ހިމެނޭ ކަމަށް ތުހުމަތު ކުރައްވާފައެވެ. އެގޮތުން ޝާރިފް ކިޔާ މީހަކާއި ޕާކިސްތާނުގެ އިންޓީރިއަރ މިނިސްޓަރު ރާނާ ސަނާއުއްލާގެ އިތުރުން އިންޓެލިޖެންސް އޮފިޝަލް މޭޖަރ ޖެނެރަލް ފައިސަލް ނަސީރް ހިމެނޭ ކަމަށް ތުހުމަތު ކުރެއްވިއެވެ.
އެހެންނަމަވެސް ޕާކިސްތާނުގެ މިލިޓަރީން ވަނީ މި ވާހަކަތައް ދޮގުކޮށްފައެވެ. އަދި މިއީ އެއްވެސް އަސްލެއް ނެތް ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށް ވަނީ ބުނެފައެވެ.
ޕާކިސްތާނުގެ މިލިޓަރީގެ އިންޓަރ ސަރވިސަސް ޕަބްލިކް ރިލޭޝަންސް އިން ނެރުނު ބަޔާނެއްގައި ބުނީ ތުހުމަތުތައް ކުރާ މައްސަލަ ބަލައިދިނުމަށް ސަރުކާރުގެ ކިބައިން އެދިފައިވާނެ ކަމަށާއި މިފަދަ ތުހުމަތުތައް ކުރާ މީހުންނާއި ދެކޮޅަށް ޤާނޫނީ ފިޔަވަޅު އެޅުމަށް ވެސް އެދިފައިވާނެ ކަމަށެވެ.
އިމްރާން ޚާނަށް އަމާޒުކޮށް ބަޑީގެ ހަމަލާއެއް ދީފައިވަނީ, އަވަސް އިންތިޚާބެއް ބޭއްވުމަށް ގޮވާލައްވައި، އެމަނިކުފާނުގެ ސަޕޯޓަރުންނާއެކު މުޒާހަރާކުރައްވަމުން ވަޑައިގަންނަވަނިކޮށް، ބުރާސްފަތި ދުވަހުއެވެ. މިހަމަލާގައި އެމަނިކުފާނުގެ ފައިންޕުޅަށް ވަނީ ވަޒަން އަރާފައެވެ.
މިހާދިސާ ހިނގާފައިވަނީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދާ 120 މޭލު ދުރުގައި އޮންނަ ވަޒީރުއާބާދުގައެވެ.
ހަމަލާދިނުމަށްފަހު އެމީހާ ވަނީ ފިލަން މަސައްކަތްކޮށްފައެވެ.
އޭނާ މިހާރު ފުލުހުންގެ ބެލުމުގެދަށުގައި ހުރިއިރު، އޭނާ މަސައްކަތްކުރީ އަމިއްލައަށް، އެކަނިކަމަށް އޭނާ ބުނާ ވީޑިއޯއެއް ފުލުހުން ވަނީ އާންމުކޮށްފައެވެ. މި ވީޑިއޯގައި އޭނާ ވަނީ، އިމްރާން ޚާން ގެންދަވަނީ ގައުމުގެ އާންމުންނަށް އޮޅުވާލައްވަމުންކަމަށާއި އެހެންކަމުން އޭނާ ބޭނުންވީ އިމްރާން ޚާން އަވަހާރަކޮށްލަން ކަމަށްވެސް ބުނެފައެވެ.
މިހާދިސާއާ ގުޅިގެން އެެއްވެސް މީހަކަށް އަދި ދައުވާއެއް ނުކުރެއެވެ.
އިމްރާން ޚާނަށް ދިން މިހަމަލާ ގައުމުގެ މިހާރުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ ކުށްވެރިކުރައްވާފައެވެ. އަދި މިހާދިސާ ތަހުގީގުކުރުމަށް އިންޓީރިއަރ މިނިސްޓަރަށް ވަނީ އަންގަވާފައެވެ.