ކޮޕް ސަމިޓު ނިންމަވައިލެއްވުމަށްފަހު ނަޝީދު އިޓަލީއަށް

އެނުއަލް މީޓިންގ ކޮންފަރެންސް އޮފް ދަ ހެބިޓަބަލް ޕްރޮޖެކްޓްގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އިޓަލީގެ ރޯމަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.
ރައްޔިތުން މަޖިލީހުން ބުނީ ރައީސް ނަޝީދު ރޯމަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ ކޮޕް 27 ގައި ބައިވެރިވެވަޑައިގަތުމަށް މިޞްރަށް ކުރެއްވި ދަތުރުފުޅަށްފަހު މިޞްރުން ކަމަށެވެ.
ހެބިޓަބަލް ޕްރޮޖެކްޓްގެ މަގުސަދަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަސަރުތަކާއި ހިޖުރަކުރުމާއި ޑިސްޕްލޭސްމަންޓް ޕެޓަރންސްއާ ދެމެދު އޮންނަ ގުޅުންތައް ދެނެގަތުމާއި ކުރިއަށް އޮތް ތަނުގައި އަންނާނެ ބަދަލުތައް ލަފާކުރުމެވެ. 2020 އިން 2024 އަށް ކުރިއަށްދާ މި ޕްރޮޖެކްޓްގައި 17 ޤައުމަކުން 21 ބައިވެރިން ބައިވެރިވާނެއެވެ. އެ ކޮންފަރެންސްގައި ބައިވެރިން އެއްވެ ޕްރޮޖެކްޓް ހިންގުމާބެހޭ ގޮތުން މަޝްވަރާކޮށް ނަތީޖާތައް ހުށަހަޅާނެއެވެ.
ނަޝީދަކީ ހެބިޓަބަލް ޕްރޮޖެކްޓްގެ އެޑްވައިޒަރީ ބޯޑުގެ މެންބަރެކެވެ. ނަޝީދުގެ ދަތުރުފުޅުގެ ޚަރަދުބަރަދު ބަލަހައްޓާނޯ ހެބިޓަބަލް ޕްރޮޖެކްޓްގެ ކޯޑިނޭޓަރެއްގެ ހައިސިއްޔަތުން ޔުނިވަރސިޓީ އޮފް ލީޖްގެ ފަރާތުންނެވެ.