ޖެނިލްގެ ދެމެފިރިންގެ މަރު: އެތެރޭގައި ތާށިވީ ބައެއް ތަކެތި ސަލާމަތް ކުރުމަށް އަލުން ވަނުމުން

މ. ނިރުފެހި ގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނޭ 42 އަހަރުގެ އެޑްވިން ޖެނިލްއާއި އޭނާގެ އަނބިމީހާ ސުންދާރީ އަލިފާންގަނޑު ރޯވުމުން، ގެއިން ނިކުތް ކަމަށާއި އެތެރޭގައި ތާށިވީ، އަލުން ގެއަށް ވަނުމުން ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އޮންލައިން ނޫހަކުން އެ ސަރަހައްދުގައި ހުރި މީހަކަށް ހަވާލާދީ ބުނެފައިވަނީ، ފުލުހުން އައިސް ގޮވުމުން އެގެއިން ފުރަތަމަ ނިކުތް މީހުންގެ ތެރޭގައި އެޑްވިންއާއި އަންހެނުން ވާނެ ކަމަށެވެ. ނަމަވެސް އަލުން އެގޭ ތެރެއަށް ވަންނަން ނިންމީ، އެ މީހުންގެ މުދަލުން އަގުހުރި އެއްޗެހި ބަލާ ކަމަށް ކިޔާދިނެއެވެ. އެގޮތުން އެދެމީހުން ގެންގުޅެމުންއައި ރަނާއި ގަހަނާ ހޯދަން ވަތް ކަމަށާއި ދެން އަނބުރާ ނުނިކުމެވުނު ކަމަށް ކިޔައިދިއެވެ.
ރޭ ހިނގި އަލިފާނުގެ ހާދިސާގައި މިހައިތަނަށް ޖުލްމަ 10 މީހަކު ވަނީ ނިޔާވެފައެވެ. އެމީހުން މަރުވާން ދިމާވި އެއް ސަބަބަކަށް އެ ގަރާޖުގައި ހުރި ތަކެތި ވާނެ ކަމަށް ބެލެވެއެވެ. އަލިފާން ހިފާ ޒާތުގެ އެތައް ސާމާނެއް ހުރި އިރު އެތަނުގައި ހުރި ކޮންމެ އެދެއްގެ ކައިރީގައި ގޭސް ފުޅިއެއް ހުރި ކަމަށް އެމްއެންޑީއެފުން ހާމަކުރެއްވިއެވެ.
އެ ގަރާޖާ ގުޅޭ ގޮތުން މަޢުލޫމާތު ދިން މީހަކު ބުނި ގޮތުގައި ނިރުފެހިގެ އެންމެ ފުރަތަމަ ހަދާފައި ހުރީ ގްރައުންޑް ފްލޯ ހިމެނޭހެން ދެބުރިއަށެވެ. ނަމަވެސް ފުރަތަމަ ފަންގިފިލާގައި ބިދޭސީން ދިރިއުޅެން ފެށުމުން އިތުރު މީހުން ތިބެވޭ ގޮތަށް ފުރަތަމަ ބުރީގައި ލަކުޑިން ޑެކެއް އަޅައި އިތުރު ފްލޯއެއް ހަދާފައިވެއެވެ. އެންމެ ތިރީގައި ހިންގަނީ ވެހިކަލް ގަރާޖެކެވެ.
އެ އިމާރާތް ހުރި ސަރަހައްދުގައި ތިބި ގިނަ މީހުން ބުނާ ގޮތުގައި މި ހާދިސާގައި ގިނަ ބަޔަކު މަރުވީ އެތަނުން ނުކުމެވޭނެ ގޮތެއް ނެތި ތާށިވެގެން ކަމަށް ބެލެވޭ ކަމަށެވެ. އެ ބްލޮކަކީ އިންސާނުން ދިރިއުޅެން އެކަށީގެންވާ ވަރުގެ ތަނެއް ނޫން ކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ.







ކޮމެންޓް