"ބާއީ ބޭރުގަ އާދޭ" ހަޅޭކުގެ އަޑު ނީވި ދެ އެކުވެރިން މަރުވީ ނިދާފައި ތިއްބާ
"ބާއީ އަލިފާން، ބޭރުގަ އާދޭ، ބޭރުގަ އާދޭ"
މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާ ކިޔައިދޭން ފަށަމުން އުމުރުން 38 އަހަރުގެ އައްލަޔަމް ބުނީ މިހެންނެވެ. މިއީ އޭނާ އޭރު ގޮވަމުން ދިޔަ ގޮވެއްޔެވެ، ބޭނުމަކަށްވީ ވީހާވެސް ގިނަ ބަޔަކު ހޭލެއްވުމެވެ. ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭތީ، ވީހާވެސް ގިނަ ބަޔަކަށް އެކަން އެންގުމެވެ.
އައްލަޔަމްގެ ވާހަކަތައް ހިއްސާކުރިއެވެ.
އައްލަޔަމް ކިޔައިދިން ގޮތުގައި އޭނާ ދިރިއުޅެމުން ދިޔައީ މ. ނިރުފެހިގޭގެ ފުރަތަމަ ފަންގި ފިލާގައެވެ. އެ ފްލޯގައި ހަތަރު ކޮޓަރި ހުންނަ ކަމަށް ކިޔައިދިނެވެ. އެތަނުން އެއްކޮޓަރި 2،200 ކުއްޔަކަށް ނަގައިގެން އޭނާ އުޅެމުން ދިޔައީ އިތުރު ދެ ބަންގްލަދޭޝް މީހުންނާއެކީގައެވެ.
"ނިކުމެގެން އަހަރެން ދިޔައީ ސިޑި ކައިރިއަށް، ދިޔައިރު އެތަން ވެސް އޮތީ އަދައަދާ، އެހެންވެ ސިޑިން ފުންމާލީ" އެ އިމާރާތުން ބޭރަށް ނުކުމެވެން ހުރި ހަމައެކަނި ހުރި ލަކުޑި ސިޑީގައި އަލިފާން ރޯވެފައި ހުރުމުން ދެން އޭނާ ކަންތައް ކުރިގޮތް ކިޔައިދިނެވެ.
އައްލަޔަމް ކިޔައިދިން ގޮތުގައި އޭނާ ގެއިން ނިކުތްއިރު ފުރަތަމަ ފަންގިފިލާއާ ހަމައަށް އަލިފާންގަނޑު އޮތީ ހިފާފައެވެ.
"އެކޮޅު ކޮޓަރީގައި ތިބި ދެ ފްރެންޑުން ނުހޭލެވި މަރުވީ. އަހަރެމެން ވަރަށް ގޮވިން. އެންމެން ވެސް ގޮވި، އަލިފާންގަނޑު ބޮޑުވާން ފެށުމުން އަވަހަށް ނިކުތީ" އައްލަޔަމް ބުނީ އޭނާ އުޅުނު ފްލޯގައި ނިދިން ނުހޭލެވުނު ދެ މީހަކު އަދައިގެން މަރުވެފައިވާ ކަމަށެވެ. އަދި އެ ދެމީހުން މަރުވިކަން އިނގުނީ މިއަދު ހެނދުނު ކަމަށާއި އެއީ ދެ އެކުވެރިން ކަމަށް ބުންޏެވެ.
"އަހަރެން އަތުގައި މިހާރު ހުރީ ލައިގެން ހުރި ހެދުން އެކަނި. ހުރިހާ އެއްޗެއް އަދައިގެން ގޮސްފި" އައްލަޔަމް ބުނީ ބައެއް ފަރާތްތައް މަސައްކަތް ކުރީ ސާމާނުތައް ހިފައިގެން ނިކުންނަން ކަމަށެވެ. ނަމަވެސް އޭނާ އަވަހަށް ބެލީ ފުރާނަ ސަލާމަތް ކުރަން ކަމަށެވެ.
"އަހަރެންގެ ދެ ފޯނާއި ކޮންޕެނީގެ 20،000 ރުފިޔާ ވެސް އަލިފާނުގައިވީ"
މ. ނިރުފެހިގޭގައި ރޭ ހިނގި މި ހާދިސާގައި ޖުމްލަ 10 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 8 އިންޑިއާ މީހުންނާއި ބަންގްލަދޭޝް މީހެވެ. އެމްއެންޑީއެފް ހާމަކުރި ގޮތުގައި، އެ ގޭގައި 28 އެދު ހުރި އެވެ. ނަމަވެސް އެގޭގައި އުޅެމުން ދިޔައީ ކިތައް މީހުން ކަމެއް ހާމައެއް ނުކުރެއެވެ.
ތީނަ ތިހެދީ ރަގަޅަށް.. އެެއްޗިއްސަށް ވުރެ މުޙިއްމު ވާންވާނީ ތިބާގެ ފުރާނަ..