ޚަބަރު ޝަރުޢީ ދާއިރާ

ނަދީމްގެ މަރު: ދަޢުވާ ލިބުނު މީހުންގެ މައްޗަށް ކުށް ސާބިތެއްނުވި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މީގެ ފަސް އަހަރު ކުރިން ހއ.ތަކަންދޫ އިބްރާހީމީ ހިޔާ, ނަދީމް ޢަބްދުއްރަޙީމް (ނަޑޭ) މަރައިލި މައްސަލައިގައި ދަޢުވާ ލިބުނު އެންމެންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

Ads by Sosun Fihaara

ނަދީމްގެ މަރުގެ މައްސަލައިގައި ދަޢުވާކުރީ ފަސް މީހުންނާއި ކުޑަކުއްޖެއްގެ މައްޗަށެވެ.

އެ މައްސަލައިގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ދަޢުވާ އުފުލީ ގ.ޝާރާޒް, މުޙައްމަދު މަފާޒްގެ މައްޗަށެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރައިލުމުގައި ބައިވެރިވިކަމުގެ ދަޢުވާ އުފުލީ ލ.ގަން, ވިދާތަރި, ޢަލީ ނިފާޒާއި, ރ.އިންނަމާދޫ, ސަމަންތާ, ޙުސައިން ޝާމިންއާއި, ގއ.ގެމަނަފުށި,ހަވާސް, މުޙައްމަދު ކަރަމް ސުހައިލުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ހަވީރު ވަނީ މަފާޒުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ޙުކުމްކޮށްފައެވެ. އަދި ދެން ތިބި ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ނިންމީ ރޭގައެވެ.

ތޫނު އެއްޗަކުން ނަދީމަށް ހަމަލާދިނީ 2017 ވަނަ އަހަރުގެ ޖުލައިމަހުގެ 27 ވަނަ ދުވަހުގެ ހަވީރު ލޮނުޒިޔާރަތް މަގުގައި ހުންނަ ޓާރމިނަލް ކެފޭގައި އޭނާ ހުރި ވަގުތެއްގައެވެ.

ދަޢުވާގައިވާ ގޮތުން ތިން ސައިކަލެއްގައި ފަސް މީހަކު ޓާރމިނަލް ކެފޭ ކައިރިއަށް ގޮސް, އެ ކެފޭތެރެއަށް ވަދެ ނަދީމަށް ހަމަލާދިނީ މަފާޒެވެ. އަދި ނަދީމްގެ ވާތް ފަރާތު ކަންފަތާއި ދިމާއިން މައްޗަށް ހަ އިންޗި ހުންނަވަރުގެ ވަޅިއަކުން ހަމަލާދީފައިވާތީ ލިބުނު ޒަޚަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ޖުލައި 29 ވަނަ ދުވަހުގެ ހަވީރު 5:12 ގައި ނިޔާވެފައިވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!