އެމޭޒަންއިން 10،000 މުވައްޒަފުން ވަޒީފާއިން ވަކި ކުރަނީ

ދުނިޔޭގެ މަޝްހޫރު ޓެކް ކުންފުނި، އެމޭޒަންއިން އެތައް ހާސް މުވައްޒަފުން ވަޒީފާއިން ވަކި ކުރުމަށް ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އެމެރިކާގެ މަޝްހޫރު ނޫހެއްކަމުގައިވާ ނިއުޔޯކް ޓައިމްސްއިން ރިޕޯޓުކުރި ގޮތުގައި އެމޭޒަންއިން ގާތްގަނޑަކަށް 10،000 މުވައްޒަފުން ފަޒީފާއިން ވަކިކުރަން ނިންމައިފައިވެއެވެ.
އެ ކުންފުނީގެ މި ނިންމުމާއެކު މި ފަހަރު ވެގެންދާނީ އެމޭޒަންއިން މިހާތަނަށް އެންމެ ގިނަ މުވައްޒަފުން ވަކި ކުރި ފަހަރަށެވެ.
އެމޭޒަންއިން މިފަދަ ނިންމުމެއް ނިންމިއިރު، މަޝްހޫރު އެހެނިހެން ޓެކް ކުންފުނިތައް ކަމުގައިވާ މެޓާއާއި ޓްވިޓާއިންވެސް ވަރަށް ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެ ކަމަށް އިއުލާނު ކޮށްފައިވެއެވެ.
ވަޒީފާއިން ވަކިކުރަން ނިންމާފައިވަނީ އެމޭޒަންގެ ޑިވައިސް ޔުނިޓާއި، ރީޓެއިލް ޑިވިޟަންއާއި އަދި ހިއުމަން ރިސޯސަސް ޔުނިޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނެވެ.
މިކަމާމެދު އެމޭޒަންއިން ރަސްމީކޮށް އެއްޗެއް ބުނެފައި ނުވާއިރު އެމޭޒަންގެ ފައުންޑަރ ޖެފް ބޭޒޯޒް ވަނީ އެމެރިކާގެ އިޤްތިޞާދު މިހާރު މިސްރާބު ޖަހާފައިވަނީ ރެސެޝަންއަކަށް ކަމަށާއި، މިކަމަށް ސަމާލުވެ ތިބެން ޖެހޭނެކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.
މިދިޔަ އާދީއްތަ ދުވަހު ސީއެންއެންއަށް ދެއްވި ބަސްދީގަތުމުގައި ޖެފް ވިދާޅުވީ މިހާރު އެމެރިކާވަނީ ރެސެޝަންއެއްގައި ނޫންކަމުގައި ތަފާސް ހިސާބުތަކުން ދެއްކިކަމުގައި ވިޔަސް މިއީ މިހާރު ވަރަށް ގާތްކަމެއްކަމަށެވެ. އަދި އޭނާގެ ނަސޭހަތަކީ ކުންފުނިތަކުން ނަގާ ރިސްކް އެއްކޮށްހެން ހުއްޓާލުން ކަމަށާއި، މިވަގުތައް ކުންފުނީގެ ޚަރަދުތައް މަޑުޖައްސައިލައިގެން ކުރިޔަށް ގެންދެވޭތޯ މަސައްކަތް ކުރުމަކީ އެންމެ މުހިންމު ކަމެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
އެމޭޒަންއިން މި ނިންމުން ނިންމާފައިވާއިރު، މިދިޔަ ހަފުތާގައި މެޓައިން ވަނީ އެ ކުންފުނިން 11،000 ވުރެ ގިނަ މީހުން ވަޒީފާއިން ވަކި ކުރާނެ ކަމަށް އިއުލާނު ކޮށްފައެވެ.