ލައިފްސްޓައިލް ޓެކްނޮލޮޖީ

ލޮލުގެ ފެނުމުން މަޙްރޫމުވެފައިވާ މީހަކު އުފެއްދި އޭއައި އެޕެއް

މަރްޔަމް އަޙްމަދު ، ދެން އޮންލައިން

ތިބާ ފިހާރައަށް ގޮސްފައި، ދަޅެއް ނަގައި އެއީ ޓޮމާޓޯ ދަޅެއްތޯ ނުވަތަ އަލަނާސި ދަޅެއްތޯ ބުނެލަން އިނގޭނެތަ؟ އެ ދަޅުގައިވާ ލޭބަލް ފެނުނީމަ ވަރަށް ފަސޭހައިން ކޮންމެ މީހަކަށްވެސް ބުނެލަން އެނގޭނެތާއެވެ.

Ads by STELCO

އެހެންނަމަވެސް، ލޮލުގެ ފެނުމުން މަޙްރޫމްވެފައިވާ މީހުންނަށް މިއީ ފަސޭހަކަމެއް ނޫނެވެ. އެފަދަ މީހުން ޖެހެނީ އެހެން މީހެއްގެ އެހީތެރިކަން ހޯދާށެވެ.

"އަހަރެމެން އިންސާނުން ބޭނުންވާނެ އަހަރެމެންގެ ވަށައިގެންވާ މާހައުލު ދެނެގަނެވޭނެ ބަޔަކަށް ވުމަށް" މައިކްރޮސޮފްޓްގެ އިންޖިނިއަރިންގް މެނޭޖަރު އަދި ޕްރޮޑަކްޓު ލީޑަރު ސާޤިބް ޝެއިޚް ބުނެއެވެ.

އުމުރުން އެންމެ ހަތް އަހަރުގައި ލޮލުގެ ފެނުން އެއްކޮށް ގޮސްފައިވާ ސާޤިބް ވަނީ "ސީއިން އޭއައި" ކިޔާ އެޕްލިކޭޝަންއެއް މައިކްރޮސޮފްޓަށް ހަދާފީފައެވެ. މި އެޕް މަސައްކަތް ކުރާ ގޮތަކީ ފޯނުގެ ކެމެރާ އަމާޒުކުރާ ކޮންމެ އެއްޗެއް އޭއައިގެ ޒަރިއްޔާއިން ކިޔައިދެނީއެވެ. މީގެ އިތުރުން މީހެއްގެ ކައިރީގައި ހިނގަމުންދާ ކަންތައްވެސް މި އެޕް ކިޔައިދެއެވެ. މިސާލަކަށް ކައިރިން މީހަކު ހިނގާފައިދާނަމަ އެކަން ވެސް ސިފަ ކޮށްދެއެވެ.

މި އެޕް އުފެއްދިތާ އަހަރުތަކެއް ވީ ފަހުން ސާޤިބް މަސައްކަތް ކުރީ އެޕްގެ ޒަރިއްޔާއިން ސިއްޚީ ދާއިރާއަށް ލުއިފަސޭހަކޮށްދިނުމަށެވެ. އެގޮތުން ލޮލަށް ނުފެންނަ މީހުންނަށް ވަރަށް އުނދަގޫވާ ކަމަކަށްވެފައިވާ އެއްކަމަކީ ބޭސްތަކުގެ ނަންތަކާއި އޭގެ ޑޯސޭޖުތައް ނޭނގުމެވެ. އެހެންކަމުން އޭނާ ވަނީ ސިއްޚީ ދާއިރާގެ ކުންފުންޏެއް ކަމަށްވާ "ހެލިއޯން" އާ ގުޅިގެން މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ފަށާފައެވެ.

އޭނާގެ މި މަސައްކަތުގެ ސަބަބުން މިހާރު ލޮލުގެ ފެނުން ގޮސްފައިވާ މީހުން، މި އެޕް ބޭނުންކޮށްގެން ފޯނުން ބޭހެއް ސްކޭނު ކުރުމުން އެބޭހުގެ ނަމާއި، ބޭނުންކުރާނެ ގޮތާއި، އަދި ރަހަ ވެސް މި އެޕްއިން ކިޔައިދޭނެއެވެ.

އޮކްޓޯބަރު 13 ގައި ނެރުނު މި އެޕް އެޕަލް ސްޓޯރުން ހިލޭ ޑައުންލޯޑުކުރެވޭނެއެވެ. ހެލިއޯންގެ މިހާރުގެ އަމާޒަކީ މި އެޕް އިތުރު ޤައުމުތަކަށް އިތުރު ބަސްތަކުގައި ފޯރުކޮށްދިނުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!