ޚަބަރު

ދަރިން ތަރުބިއްޔަތު ކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވުމަށް މެޑަމް ފަޒްނާ އެދިވަޑައިގެންފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތުކުރުމަކީ އެއްވެސް މަރްޙަލާއެއްގައި ފަސޭހަ ކަމެއް ނޫންކަމަށާއި، މުޖުތަމަޢުގެ ތެރެއިން އެކަކު އަނެކަކުގެ ތަޖުރިބާއިން ކަންކަން ދަސްކޮށް އޭގެ މަންފާ އާއިއެކު، މި ޖަޒީރާގެ ދަރިން ތަރުބިއްޔަތުކުރުމަށް އެކަކު އަނެކަކަށް އެހީތެރިވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ގޮވާލައްވައިފިއެވެ.

Ads by MWSC

އެކަމަނާ މިކަމަށް ގޮވާލެއްވީ މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ނ. ކެނދިކުޅުދޫ ކައުންސިލާއި ޔުނިސެފް މޯލްޑިވްސް އާއި ގުޅިގެން ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުންނާއި ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށްކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން "ޕޮސިޓިވް ޕޭރެންޓިންގ ޕްރޮގްރާމް" އިފްޠިތާޙްކޮށްދެއްވާ ދެއްވި ވީޑިއޯ މެސެޖުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޕްރޮގްރާމުގެ މަޤްޞަދަކީ، ދަރީންގެ ޅައުމުރުގައްޔާއި ފުރާވަރުގައި، އެ ކުދީންގެ ތަރައްޤީއަށް އިތުރު ހަރުދަނާކަމާއެކު އެހީވެދިނުމުގައި ބޭނުންކުރާނެ ހެޔޮތަރުބިއްޔަތުގެ ހުނަރުތައް މައިންބަފައިންނަށާއި ބެލެނިވެރިންނަށް ލިބިދީ ބާރުވެރިކުރުވުމާއި މައިންބަފައިންގެ އަމިއްލަ ދުޅަހެޔޮކަމަށްވެސް ސަމާލުކަންދޭނެ ގޮތްތައް އަންގައިދިނުމެވެ.

މެޑަމް ފަޒްނާގެ ވީޑިއޯ މެސެޖުގައި އެކަމަނާ ވަނީ ކުދިން ބޮޑެތިވަމުން އަންނަ އިރު އެކުދިން ތަރުބިއްޔަތުކުރުމުގައި ބޭނުންކުރާ ހުނަރާއި ފޭޑިއަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަންކަން ކަމުގައި ފާހަގަކުރައްވައިފައެވެ.

އެގޮތުން އެކަމަނާ ވިދާޅުވީ ކުދީންގެ ޅަފަތަކީ އެ ކުދީންގެ ކުރިމަގުގެ ބިންގާ ކަމަށެވެ. އެހެންކަމުން ދަރީން ހެޔޮ ގޮތުގައި ބޮޑުވެ ދުނިޔޭގައި ހަމަޖެހޭ ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށްޓަކައި އެ ކުދީންނަށް ބޭނުންވާ ލޯތްބާއި، އަޅާލުމާއި، ރައްކާތެރިކަމާއި އެދެވޭ ތަރުބިއްޔަތެއް ކަށަވަރު ކޮށްދިނުމަށް އެކަމަނާގެ މެސެޖުގައި ބާރުއަޅުއްވާފައިވެއެވެ.

މީގެ އިތުރުންވެސް ފަޒްނާ ވަނީ މައިންބަފައިންގެ ވާޖިބު އަދާކުރުމުގައި މަންމައާއި ބައްޕައާ ދެމީހުން ނުވަތަ ކުއްޖާގެ ބެލެނިވެރިން އެކުއެކީ މަސައްކަތް ކުރުމަށް ބާރުއަޅުއްވާއިފައެވެ. ވަކިން ޙާއްސަކޮށް ކުދީން ފުރާވަރަށް އެރުމުން މައިންބަފައިންނާ ބެލެނިވެރިންގެ ޒިންމާ އަދި ވަކީން ބޮޑަށް މުހިންމުވާކަމުގައި އެކަމަނާ ފާހަގަކުރެއްވެވިއެވެ. ހަމަ އެއާއެކު ކުދިންނަށް އަބަދުވެސް ލޯތްބާ އަޅާލުމާއެކު ރަނގަޅުގޮތްތައް ބުނެދީ ހެޔޮލަފާ ނަސޭޙަތްދިނުމަށް އެކަމަނާ ވަނީ އެދިލައްވައިފައެވެ.

ފަޒްނާގެ ވީޑިއޯ މެސެޖު ނިންމަވާލައްވަމުން އެކަމަނާ ވަނީ މުޖުތަމަޢުގެ އެންމެން އެކުގައި މަސައްކަތްކޮށްފި ނަމަ، ދަރީން އުފާވެރިކަމާ ރައްކާތެރިކަމާއެކު ހެދިބޮޑުވެ އެ ކުދީންގެ ގާބިލިއްޔަތުގެ އެންމެ އުސްމިންތަކަށް ވާސިލުވުމަށް އެހީތެރިވެދެވޭނެކަމުގައި ފާހަގަކުރައްވައިފައެވެ.

"ޕޮސިޓިވް ޕޭރެންޓިންގ ޕްރޮގްރާމް" އަކީ މި ސަރުކާރުގެ މެނިފެސްޓޯގެ ތެރެއިން ފަޚުރުވެރި ދިވެހި އާއިލާ ބިނާކުރުމަށް އެހީތެރިވެދޭނެ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމުގެ ސަބަބުން ރާއްޖޭގެ އިޖްތިމާޢީ ފޭރާން ރަނގަޅު ކުރުމަށްޓަކައި ޢާންމު މަޞްލަޙަތުތަކަށް އިސްކަންދެވޭ ފޭރާން ހެޔޮ އިޖްތިމާޢީ ވެށްޓެއް ޤާއިމްކުރުމަށް މަގުފަހިވެގެންދާނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!