ފުޓްބޯޅަ

އިނގިރޭސިންނާއި އީރާންގެ ފުރަތަމަ ކުރިމަތިލުން؛ ތާރީޚީ މެޗަކަށް ވެގެންދާނެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިއަދު އޮރުއޮއްސި 6 ޖަހާއިރު އޮންނަ، އިނގިރޭސިވިލާތާއި އީރާން ކުރިމަތިލާ މެޗް ވެގެންދާތީ ވަރަށް ތާރީޚީ މެޗަކަށެވެ. ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސް ގުޅުމުގެ ސަބަބުން ދެ ޤައުމުގެ ޤައުމީ ފުޓްބޯޅަ ޓީމުތަައް މިހާތަނަށް ބައްދަލުކޮށްފައެއް ނުވެއެވެ.

Ads by MWSC

އިންގްލޭންޑަކީ ރޭންކިން އާއި ކުރީގެ ނަތީޖާތަކާއި މުބާރާތުގެ ތާރީހަށް ބަލާއިރު ގްރޫޕުން ކުރިއެރުން ހޯދުމުގައި އެންމެ އުންމީދީ އެއް ޓީމެވެ. އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގެ ހަތަރުވަނަ ހޯދި އަދި އެންމެފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދަތުރުކުރި މި ޓީމް އޮތީ ފީފާގެ ރޭންކިންގް ފަސް ވަނައިގައެވެ.

ވޯލްޑް ކަޕްގައި މިފަހަރު އިނގިރޭސި ވިލާތުގެ ކޯޗަކީ ސައުތުގޭޓެވެ. މިއަހަރުގެ މުބާރާތަށް އިނގިރޭސިވިލާތުން 26 ކުޅުންތެރިންގެ ވަރުގަދަ ސްކޮޑެއް ކަނޑައަޅާފައިވާއިރު، އެ ޓީމުގެ އުންމީދު ހުރީ 1966 ވަނަ އަހަރު ހޯދި ވޯލްޑް ކަޕަށްފަހު ތަށްޓެއް ހޯދުމެވެ.

ކެޕްޓަން ހެރީ ކޭންއާއެކު އެޓޭކިންގައި އިސްކޮށް ހަރަކާތްތެރިވާނީ ފިލް ފޯޑެން، ރަހީމް ސްޓާލިން އަދި ބުކަޔޯ ސަކާ ފަދަ ކުޅުންތެރިންނެވެ. ޖޯޑަން ހެންޑަސަން، ޖޫޑް ބެލިންހަމް އަދި މޭސަން މައުންޓްއާއެކު އެ ޓީމުގައި ވަރުގަދަ މިޑްފީލްޑެއް އެބައޮތެވެ. ނަމަވެސް އެ ޓީމުގެ ޑިފެންސް އެހާ ވަރުގަދައެއް ނޫނެވެ.

ސަރުދާރު އަޒްމޫން އާއި އަލީރޭޒާ ޖަހަންބަޚްޝްގެ އެހީތެރިކަމާއެކު ގަދަ ފޯވާޑް މެހްދީ ތާރޭމީ އާއެކު އީރާނުން މި ބަލިކަށިކަމުގެ ބޭނުން ހިފަން މަސައްކަތް ކުރާނެއެވެ.

އީރާނުގެ ޤައުމީ ޓީމުގެ ޕޯޗުގަލްގެ ކޯޗް ކާލޯސް ކުއިރޯޒް މަސައްކަތް ކުރާނީ އިނގިރޭސި އެޓޭކިން ހިފެހެއްޓުމަށް އޭނާގެ ޑިފެންސް ވަރުގަދަ ކުރުމަށް ކަމަށް ބެލެވެއެވެ. އުރުގުއޭ އާއި ލުބްނާން އަތުން މޮޅުވެ އީރާނުން ވަނީ ދާދި ފަހުން ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ ދެ ވަނަ ސްޓޭޖުގައި އީރާނުން ކުޅުނު 10 މެޗުގެ ތެރެއިން އަށް މެޗުން މޮޅުވެ ގްރޫޕްގެ އެއް ވަނަ ވަނީ ހޯދާފައެވެ.

އީރާންގެ އުއްމީދަކީ ޕޮއިންޓެއް ހޯދައިގެން ފުރަތަމަ މެޗު ނިންމާލުމެވެ. އެއީ އެ ގްރޫޕްގައި ދެން އޮތީ ފޯމުގައި ނެތް އެމެރިކާ އާއި ރޭންކިންގައި އޮތް ވޭލްސް ކަމަށް ވުމުންނެވެ. މިއަދުގެ މެޗުން އީރާނުން އެއްވަރުވެ، ޕޮއިންޓެއް ލިބިއްޖެނަމަ، ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުން ޖާގަ ހޯދުމުގެ ފުރުސަތު އޮންނާނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!