ވޯލްޑް ކަޕް ގްރޫޕް ސްޓޭޖްގައި އާޖެންޓީނާއާއި ސައުދީ އަރަބިއްޔާ ކުޅުނު މެޗް 2-1ގެ ނަތީޖާއަކުން ސައުދީ އަރަބިއްޔާއިން ކާމިޔާބުކުރުމުން ސައުދީ އަރަބިއްޔާގެ ހުރިހާ މުވައްޒަފުންނަށާއި ދަރިވަރުންނަށް ބުދަ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ހަދައިފިއެެވެ.
ސައުދީ ޕްރެސް އެޖެންސީން ބުނީ ސަރުކާރު އަދި ޕްރައިވެޓް ސެކްޓާގެ ހުރިހާ މުވައްޒަފުންނަށާއި ތައުލީމީ ހުރިހާ އިދާރާއެއްގައި ކިޔަވާ ދަރިވަރުންނަށް ސައުދީ ރަސްގެފާނު ސަލްމާން ޗުއްޓީއެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
މިގޮތަށް ސަލްމާން ނިންމާފައިވަނީ އާޖެންޓީނާ އަތުން ގައުމީ ޓީމު ހޯދި ކާމިޔާބީ ޗުއްޓީއާއެކު ފާހަގަކުރުމަށް ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ހުށަހެޅުއްވި ލަފައަކާ ގުޅިގެންނެވެ.
ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ސައުދި އަރަބިއްޔާއިން ވަނީ އާޖެންޓީނާ މޮޅުވުމުގެ ރިކޯޑު ނިމުމަކަށް ގެނަސްފައެވެ.
މިއަދު ހަވީރު ކުޅުނު މެޗުގައި އާޖެންޓީނާ އިން ގޯލެއް ޖަހައި، ލީޑު ހޯދާފައިވަނިކޮށް ސައުދީން ވަނީ ދެ ގޯލު ޖަހައި ފަހަތުން އަރައި ލީޑު ހޯދައިފައެވެ.
އާޖެންޓީނާ އެންމެ ފަހުން ބަލިވީ މިދިޔަ އަހަރުގެ ޖުލައި މަހު ކޮޕާ އެމެރިކާގެ ސެމީ ފައިނަލުގައި ބްރެޒިލް އަތުންނެވެ. އަދި ވޯލްޑް ކަޕެއްގައި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުން ބަލިވީ 1990 ވަނަ އަހަރު ކެމަރޫން އާ ދެކޮޅަށް ކުޅުނު މެޗުންނެވެ.