ދުނިޔެ

އޮފީހުގައި "މަޖާ" ނުކޮށްގެން ވަޒީފާއިން ކަނޑާލި މީހަކު ކޯޓުން މޮޅު ވެއްޖެ

މަރްޔަމް އަޙްމަދު ، ދެން އޮންލައިން

ފަރަންސޭސި ވިލާތުގެ މީހަކު އޮފީހުގައި އެކަށީގެންވާ މިންވަރަށް "މަޖާ" ނުކޮށްގެން ކަނޑާލުމުން އޭނާ އެ ކުންފުންޏާ ދެކޮޅަށް އޭނާ ފައިލް ކުރި ކޯޓު ކޭސްގައި އޭނާއާ އެއްކޮޅަށް ކޯޓުން ހުކުމް ކޮށްފިއެވެ.

Ads by WAMCO

އޭނާ ވަޒީފާއިން ކަނޑާލީ އެ އޮފީހުގައި ކުރިޔަށް ގެންދާ ޕާޓީތަކާއި އެހެނިހެން ޓީމް ބިލްޑިންގް އެކްޓިވިޓީތަކުގައި ބައިވެރި ނުވުމުންނެވެ. މިސްޓަރ ޓީ ގެ ނަމުން މަޝްހޫރުވެފައިވާ މި މީހާ މަސައްކަތް ކުރަމުން ގެންދިޔައީ ޕެރިސްގައި ހުންނަ ކިއުބިކް ޕާޓްނާސް ކިޔާ ކޮންސަލްޓެންސީ ފާމެއްގެ ސީނިއަރ އެޑްވައިޒަރެއްގެ ގޮތުގައެވެ.

ކޯޓުން އޭނާއާ އެއްކޮޅަށް ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ ކޮންމެ މީހަކީ ޕާޓީތަކަށް ގޮސް ގިނަ އަދަދަކަށް ރާ ބުއިމަށް ބޭނުންވާނެ އަދި އެކަމަށް ކުޅަދާނަވެގެން ވާ މީހެއް ކަމުގައި ނުވެދާނެކަމަށެވެ. މި ޕާޓިތަކުގައި ކުންފުނީގެ ބޮޑުން ވަރަށް ގިނަ އަދަދަކަށް ރަލުގެ އެކި ބާވަތްތައް މީހުންނަށް ދޭން ބަހައްޓާކަމަށް ވެސް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

ފަރަންސޭސި ވިލާތުގެ ކޯޓުގެ މި ހުކުމުގައި ކުންފުންޏަށް ހަރުކަށި ބަހުން ފާޑު ކިޔަމުން ބުނެފައިވަނީ ކުންފުނިން ކުރިޔަށް ގެންދާ ބޭއަދަބީ ކަންތަކުގައި ކޮންމެ މުވައްޒަފެއް ބައިވެރިވާން ބޭނުން ނުވާނެކަމުގައެވެ. އަދި މި ކުންފުނިން "މަޖާ ކުރުން" މާނަ ކުރާ ގޮތަކީ ވަރަށް ލަދުވެތި ގޮތްތަކެއް ކަމުގައިވެސް މި ހުކުމުގައި ވެއެވެ.

މިސްޓަރ ޓީ އަކީ މި ކުންފުނީގައި 2011 އިން ފެށިގެން މަސައްކަތް ކުރަމުން އަންނަނިކޮށް 2015 ވަނަ އަހަރުގައި ވަޒީފާއިން ކަނޑާލި މީހެކެވެ. އޭނާ އޭނާގެ ބަޔާނުގައި ބުނެފައިވަނީ ކުންފުނިން "މަޖާ ކުރުން" މާނަ ކުރާ ގޮތާއި އޭނާ ދެކޮޅު ކަމަށާއި، ގަދަކަމުން މިފަދަ ކަންކަމުގައި މުވައްޒަފުން ބައިވެރި ކުރުމުގެ ހައްޤު ވަޒީފާދޭ ފަރާތަށް ލިބިގެން ނުވާ ކަމުގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!