ޚަބަރު ޝަރުޢީ ދާއިރާ

ބޮމުގެ ހަމަލާ: ފަނޑިޔާރުންގެ ބެންޗު އުވާލައި އެންމެ ފަނޑިޔާރަކާ މައްސަލަ ހަވާލުކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގެ މައްސަލަ ބެއްލެވުމަށް ކްރިމިނަލް ކޯޓުން އެކުލަވައިލެއްވި ފަނޑިޔާރުންގެ ބެންޗު އުވާލައްވައި އެންމެ ފަނޑިޔާރަކާ އެ މައްސަލަ ހަވާލު ކުރައްވައިފިއެވެ.

Ads by STELCO

މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ދަޢުވާ އުފުލައިފައިވާ މީހުންގެ ޝަރީޢަތް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން އެކުލަވައިލެއްވި ތިން ފަނޑިޔާރުން ހިމެނޭ ބެންޗު އުވައިލެއްވީ އެ ބެންޗަށް އެންމެ ފަހުން އައްޔަން ކުރެއްވި ފަނޑިޔާރު ޙަސަން ސަޢީދު ތަނާޒުލުވެވަޑައިގަތުމުންނެވެ.

ކްރިމިނަލް ކޯޓުން ވިދާޅުވީ ދެން އެ މައްސަލައިގެ ޝަރީޢަތް ކުރިއަށްގެންދަވާނީ ފަނޑިޔާރު ސޮފްޢަތު ޙަބީބު ކަމަށެވެ.

ބޮމުގެ ހަމަލާއާ ގުޅިގެން ޖުމްލަ 10 މީހަކު ހައްޔަރު ކުރިއެވެ.
އޭގެތެރޭގައި ހިމެނެނީ ވ.ތިނަދޫ/ހިޔާ, އަދުހަމް އަޙްމަދު ރަޝީދާއި, މއ.ފޭރުގޭ މުޖާޒް އަޙްމަދާއި, ގއ.ކޮނޑޭ/ފޮޅޭމާ ތަހުމީން އަޙްމަދާއި، ލ.ގަން/ދުންފިނި އުފާ އަޙްމަދު ފާތިޙާއި, ނ.މަަނަދޫ/ނޫރީގެ ޢަލީ ހައިޝަމާއި, ކ.މާލެ/ކުދެހިގޭ އިސްޙާޤާއި, ގއ.ވިލިނގިލި/ހުދުރުވާގޭ ފަހުމީ ޢަލީއާއި, އއ.މާޅޮސް/އަސަރީގޭ މުޙައްމަދު ނާޒިމާއި, ހއ.މޮޅަދޫ/ ބަހާރުގޭ ޢަބްދުﷲ އަލިމަނިކާއި, ހއ.ހޯރަފުށި/އަލަނާސިގޭ މުޙައްމަދު ތަސްލީމެވެ.

މީގެތެރެއިން ފާޠިޙު ދޫކޮށްލީ ދަޢުވާކުރެވޭ ވަރަށް ހެކި ނެތުމުންނެވެ. އަދުހަމް ކުށަށް ޢިއުތިރާފުވުމުން މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ވަނީ އޭނާއަށް 23 އަހަރުގެ ޖަލު ޙުކުމެއް އިއްވައިފައެވެ. ޢަބްދުﷲ އަލިމަނިކާއި, ތަސްލީމް ހައްޔަރުކުރީ ބޮމުގެ ހަމަލާއާ ގުޅިގެން ހިންގި އޮޕަރޭޝަނުގެ ތެރެއިން ކަމަށްވިޔަސް އެ ދެ މީހުންނަށް އުފުލާފައިވަނީ ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރުމުގެ ކުށުގެ ދަޢުވާއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!