ޚަބަރު ޝަރުޢީ ދާއިރާ

ކޯޓުން އަމުރުކުރި ގޮތަށް މުޞްޢަބަށް ފައިސާއެއް ނުދިން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުޞްޢަބު ޢަބްދުﷲ މަޤާމުން ވަކިކުރި މައްސަލައިގައި ބަދަލެއްގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ތިން ދުވަހުގެ ތެރޭގައި ޖަމާކުރަން ސިވިލް ކޯޓުން ކުރެއްވި ޢަމުރާ އެއްގޮތަށް ފައިސާ ނުދިނުމުން މުޞްޢަބުގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހަޅުއްވައިިފިއެވެ.

Ads by MWSC

ސިވިލް ސަރވިސް ކޮމިޝަނުން ބައްލަމުންދިޔަ މައްސަލަތަކަކާ ގުޅިގެން ގިނަ ދުވަސްތަކެއްގައި ސަސްޕެންޝަނުގައި ބެހެއްޓުމަށްފަހު މުޞްޢަބު މަޤާމުން ވަކިކުރެއްވީ ސެޕްޓެމްބަރު 2019 ގައެވެ.

އޭނާ މަޤާމުން ވަކިކުރެއްވި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުއްވުމުން އެ ކޯޓުން ނިންމެވީ އޭނާ މަޤާމުން ވަކިކުރެއްވީ ރަނގަޅަށް ކަމުގައެވެ. އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރެއްވުމުން މިދިޔަމަހުގެ 28 ވަނަ ދުވަހު އެ ކޯޓުން ނިންމެވީ މުޞްޢަބު ވަކިކުރެއްވީ ޤާނޫނާ ޚިލާފަށް ކަމުގައެވެ. އެގޮތުން ބަދަލުގެ ގޮތުގައި 1,187,666.60 ރުފިޔާ ދިނުމަށް ޙުކުމް ކުރެއްވިއެވެ.

ހައިކޯޓުގެ ޙުކުމާ އެއްގޮތަށް ސިވިލް ސަރވިސް ކޮމިޝަނުން ޢަމަލު ކުރައްވާފައިނުވާތީ އެ ޙުކުމް ތަންފީޒުކުރަން މުޞްޢަބްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މި މަހުގެ 23 ވަނަ ދުވަހު ޢަމުރު ކުރެއްވީ ތިން ދުވަހުގެ ތެރޭގައި އެ ފައިސާ ޖަމާކުރުމަށެވެ.

ނަމަވެސް މިއަދާ ހަމައަށް ވެސް އެ ފައިސާ ޖަމާކުރައްވާފައިނުވާތީ ސީއެސްސީން ކޯޓު ޢަމުރާ ޚިލާފުވެ ކޯޓުގެ ހުރުމަތް ކަނޑައިލައްވާފައިވާ ކަމަށް ވިދާޅުވެ މުޞްޢަބުގެ ފަރާތުން ވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފައެވެ.

ކޯޓު ޢަމުރާ އެއްގޮތަށް މުޞްޢަބަށް ދޭންޖެހޭ ފައިސާ ސިވިލް ކޯޓަށް ޖަމާކުރެއްވުމާމެދު ސީއެސްސީގެ ރައީސް މުޙައްމަދު ނާޞިޙް ވިދާޅުވީ ސިވިލް ކޯޓުގެ ޢަމުރު އިސްތިއުނާފު ކުރެއްވުމުގެ މަސައްކަތް ކުރައްވަމުންދާތީ ފައިސާ ޖަމާނުކުރެއްވީ ކަމުގައެވެ.

މީގެއިތުރުން ސީއެސްސީން ގެންދަވަނީ މުޞްޢަބަށް ބަދަލު ދޭން ކުރެއްވި ޙުކުމް ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް އިސްތިއުނާފަށް އަދި ހުށަހަޅުއްވައިފައެއް ނުވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!