ހުތުރު ބަސް ބޭނުން ކުރުމަކީ މޮޅު ކަމެއް ނޫނެވެ. އެމީހެއްގެ ދުލުން ނުކުންނާނީ ހިތުގައި އޮތް އެއްޗެކެވެ.
ކޮންމެ މީހެއްގެ ވެސް އެންމެ ގާތްބަޔަކީ އެމީހެއްގެ ޢާއިލާއެވެ. އެއަށްފަހު ގާތް އެކުވެރީންނާއި ރަޙުމަތްތެރީންނެވެ. ދެން ދަންނަ މީހުންނާއި ދިރިއުޅުމުގެ އެކި މުޢާމަލާތްތަކުގައި ދަންނަ ދެކެފަރިތަ މީހުންނެވެ. މިހުރިހާ އެންމެންނާއެކު ދިރިއުޅޭ މި އުޅުމާއި ގުޅުމެއްގައި ވެސް ތަފާތު މައްސަލަތައް ޖެހެއެވެ. ޖެހެންވެސް ވާނެއެވެ. ޙަޤީޤަތަށް ދަންނަވާނަމަ މައްސަލަ ނުޖެހުމަކީ ވެސް މައްސަލައެކެވެ.
ނަމަވެސް މައްސަލައަކީ ކުދިކުދި މައްސަލަތައް ވެސް ހައްލު ނުވެ ، ބޮޑު ހަމަނުޖެހުމަކަށް ދިޔުމެވެ. ޢާއިލާގެ އެކަކު އަނެކަކާއި މޫނު ދިމާނުވާ ހިސާބަށް ދިޔުމެވެ. ރަޙުމަތްތެރިކަމުގައި ހޭދަ ކުރި އުފާވެރި ހުރިހާ ވަގުތުތަކެއް ނިންމާލަން ޖެހުމެވެ. ވަކިން ޚާއްޞަކޮށް ދެރަވެ ހިތާމަ ކުރާން ޖެހޭ ކަމަކީ އެކިއެކި ޚިޔާލު ތަފާތުވުންތަކުގައި ތިމާގެ ދުލުން ނުކުންނަ ހަޑި ބަސްތަކެވެ. ބޭނުންކުރާ ދަށު ދަރަޖައިގެ ބަސްތަކެވެ.
ތިމާގެ މޮޅުކަން ދައްކަން ، ނުވަތަ ގަދަކަން ދައްކަން ހެއްޔެވެ؟ ބުނަން ހެއްޔެވެ؟ އެ ދެއްކެނީ މޮޅު ކަމެއް ނޫނެވެ. އެހެނެއްކަމަކު އެ ދެއްކެނީ ތިމާގެ އަސްލު ސިފައެވެ. ތިމާގެ އަސްލު އަޚްލާޤެވެ. އެ އެއްޗަކުން ނުކުންނާނީ އެ އެއްޗެއްގައި ހުރި އެއްޗެއް ނޫން ހެއްޔެވެ؟
ޔަޙްޔާ ބުނު މުޢާޛު ރަޙިމަޙުﷲ ވިދާޅުވެފައިވެއެވެ.
''ހިތަކީ ޖާޑިއެއް(ތެއްޔެއް) ފަދަ އެއްޗެކެވެ. އޭގެ ތެރޭގައި ހުންނާނީ އެމީހަކު އެއަށް އެޅި އެއްޗެކެވެ. އޭގައިވާ އުނދުޅިއަކީ ދޫފަދަ އެއްޗެކެވެ. ވީމާ ، މީހެއްގެ ހިތުގައިވާ އެއްޗެއް ބަލަން ބޭނުން ނަމަ ، އޭނާގެ ދުލުން ނުކުންނަ އެއްޗަކަށް ބަލާށެވެ. ފަހެ ދުލުން ނުކުމެގެން އަންނާނީ އެމީހަކު ހިތުގައި ކެކެމުންދާ އެއްޗެކެވެ. އެއީ ފޮނި އެއްޗެއް ކަމުގައި ވިޔަސްމެއެވެ. އަދި ހިތި އެއްޗެއް ކަމުގައި ވިޔަސް މެއެވެ."
ހަމަ މި މައުޟޫގައި އިބްނު ޤައްޔިމް ރަޙިމަހުﷲ ތަޢާލާ ވިދާޅުވެފައިވެއެވެ.
''މީހެއްގެ ދުލުން ނެރެދޭނީ އެމީހެއްގެ ހިތުގައިވާ އެއްޗެކެވެ."
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދޫ ރައްކާތެރި ކުރާށެވެ. މީހާ މަގު ގެއްލިގެންދާ އެއްޗަކީ ވެސް އެއެވެ. އަދި ހެޔޮ މަގުގައި މީހާ ޘާބިތު ކުރުވާ އެއްޗަކީ ވެސް ހަމަ ދުލެވެ. ރުޅި އަންނަ ކޮންމެ ފަހަރަކު ތިމާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް މީގެ އިތުރުން ދަރީންނާއި އެކުވެރީންނާއި ދިމާއަށް ހަޑިހުތުރު ބަސް ބޭނުން ކުރުމުން އެ ދޭހަ ވަނީ ތިމާގެ ނުކުޅެދުންތެރިކަމެވެ. ތިމާގެ އަޞްލު ސޫރައެވެ. ހުތުރު ބަސްތައް ނެރެ ، ތިމާގެ މިލްކުގައި ހުރީ އެފަދަ އެއްޗެހިކަން ނުދައްކާށެވެ. ދުލުން ނެރެދޭނީ ހިތުގައިވާ އެއްޗެކެވެ.