އިންސާނީ ޙައްޤުތަކުގެ ދާއިރާއިން ދިވެހި ދައުލަތުގެ އެންމެ އިސް ސިޔާސަތަކީ އަސާސީ ޚިދުމަތްތައް ދިނުމުގައި ދިވެހި ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތެއް ނުކުރުން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި ރައީސް ޞާލިޙް ވިދާޅުވީ އިންސާނީ އަސާސީ ޙައްޤުތަކާ ގުޅިފައިވާ ޒަރޫރީ ޚިދުމަތްތައް ދިވެހި ކޮންމެ ރައްޔިތަކަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރުން މިހާރު ވެސް ވަރަށް މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމުގައެވެ.
އެގޮތުން ރަށްރަށުގައި ޤާއިމުނުކުރެވި ހުރި އަސާސީ ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރުމަށް ނިންމަވައި, ސަރުކާރުން އެ މަސައްކަތް ކުރިއަށް ގެންދަވަނީ އިންސާނީ އަސާސީ ޙައްޤުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ޤާނޫނުއަސާސީން ދިވެހި ދައުލަތާ މަތިކޮށްފައިވާ ޒިންމާގެ ދަށުންކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
އިންސާނީ ޙައްޤުތަކުގެ ދާއިރާއިން ދިވެހި ދައުލަތުގެ އެންމެ އިސް ސިޔާސަތަކީ އަސާސީ ޚިދުމަތްތައް ދިނުމުގައި ދިވެހި ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތެއް ނުކުރުން.
އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާއިރު މިއަދު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހިފައިވަނީ އިންސާނީ ޙައްޤުތަކަށް ހުރަސްއެޅޭ ގޮތަށް ހުރި ނުރަނގަޅު އާދަތައް ނައްތައިލުން ކަމަށް ރައީސް ޞާލިޙްގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.
އެ ގޮތުން ކުޑަކުދިންނަށާއި އަންހެނުންނަށް ކުރާ ޖިސްމާނީ އަދި ޖިންސީ އަނިޔާ އާއި ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވުމަށް މުޅި މުޖުތަމަޢު އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށާއި އިންސާނީ ޙައްޤުތަކަށް އެންމެ ބޮޑަށް ހުރަސްއެޅޭ އިޖްތިމާޢީ މައްސަލަތަކާއި ކުށްތައް ހުއްޓުވުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އަދި އެކަނިވެރިކަމުގައި ޢުމުރުގެ ފަހު ދުވަސްތައް ގުނަމުންދާ ދޮށީ ޢުމުރުގެ މީހުންނަށް ޙައްޤުވާ ޢާއިލީ ލޯތްބާއި އަޅައިލުން ދިނުމަށް ސަމާލުކަން ދޭންޖެހޭ ކަމަށާއި މައިންބަފައިންގެ ލޯބިން މަޙުރޫމުވެފައިވާ ކުޑަކުދިންނަށް މުޖުތަމަޢުގެ ތެރެއިން އަޅާލުމާއި ލޯތްބާއި ކުލުނުގެ މާހައުލެއް ފަހިކޮށްދިނުމަކީ ކުރަންޖެހޭ ކަމެއްކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.