ދެ ރަށެއްގެ ޕޮލިސް ޕޯސްޓު ހުޅުވައިފި
![](https://dhen.mv/wp-content/uploads/2022/12/IMG_20221211_125608_834-850x548.jpg)
ފ.ދަރަނބޫދުއާއި ފީއަލީ ޕޮލިސް ޕޯސްޓު ހުޅުވައިފިއެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ފީއަލީ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފުއެވެ.
ދަރަނބޫދޫ ޕޮލިސް ޕޯސްޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ރަށު ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ މިނިސްޓަރު ޢިމްރާނާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދުއެވެ.
ފީއަލީގައި ކުރިން ދެމުންގެންދިޔަ ޕޮލިސް ޑެސްކުގެ ޚިދުމަތް ޕޮލިސް ޕޯސްޓެއްގެ ޚިދުމަތަށް ބަދަލުކޮށްފައިވާއިރު, ދަރަނބޫދޫގައި ހުޅުވި ޕޮލިސް ޕޯސްޓާއެކު އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ ފުލުހުންގެ މަރުކަޒު ގާއިމުކުރެވިފައެވެ.
ދަރަނބޫދޫ ޕޮލިސް ޕޯސްޓް ހުޅުވުމާ ގުޅިގެން އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ރަށަކީ މިހާރު ވެސް ކުށްމަދު ރަށެއް ކަމަށާއި ޕޮލިސް ޕޯސްޓު ހުޅުވުމުގެ ސަބަބުން މިހާރަށްވުރެ ވެސް އަމާން ސުލްހަވެރި ކުށްމަދު ރަށަކަށްވުމަށް މަގުފަހިކޮށްދޭނެ ކަމުގައެވެ.