މިއަހަރުގެ ވޯލްޑް ކަޕް ޤަތަރުގައި ބޭއްވިގެން ދިޔުން ވެގެންދިޔައީ ހުޅަނގުގެ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވީ ކަމަކަށެވެ. އެގޮތުން ހުޅަނގުން އެންމެ ބޮޑަށް ނަގައިގެން އުޅުނު ޕޮއިންޓަކީ ޤަތަރުގައި ބިދޭސީ މަސައްކަތްކުރާ މީހުންނަށް އިހާނަތްތެރިކޮށް ހިތައި އޭގެ ތެރެއިން އެތައް ބައެއް ވޯލްޑް ކަޕްގެ ތައްޔާރީގައި މަރުވެފައިވާކަމަށް ބުނުމެވެ.
ވޯލްޑް ކަޕް ފެށެން ދެ ދުވަހަށް ވެފައި ވަނިކޮށް ޤަތަރުން ދެން ނިންމީ އެއްވެސް ސްޓޭޑިއަމްއެއްގައި ރާ ނުވިއްކުމަށެވެ. ރާ ވިއްކުން މަނާ ކުރުންވެސް ދިޔައީ އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވީކަމަކަށެވެ. އެހެންނަމަވެސް ފަހުގެ ރިޕޯޓުތަކުން ބުނާ ގޮތުގައި ސްޓޭޑިއަމްތަކުގައި ރާ ނެތުމަކީ ރައްކާތެރިކަން އިތުރުވެގެންދާ ކަމެއްކަމުގައެވެ.
އެގޮތުން ޤަތަރުގައި ހުރި އާޖެންޓީނާގެ ރައްޔެތެއްކަމަށްވާ ކެރެން ރެޓެމަލް ބުނާގޮތުގައި ސްޓޭޑިއަމްގައި ރާ ނެތުމަކީ އެމީހުން ވަރަށް ހިތްހަމަ ޖެހޭކަމެވެ.
"އަހަރެމެންނަކީ އާޖެންޓީނާ މީހުން. އަހަރެމެންނަށް ފުޓުބޯޅައަކީ ހުރިހާވެސް އެއްޗެއް. އެހެންވީމަ އަހަރެމެން ބަލި ވާ ގަޑީގައި އަތުގައި ރާ ނެތުމަކީ ހަމަ އެންމެ ރަނގަޅަށް ދިމާވި ކަމެއް. ސައުދީ ޓީމު މޮޅު ވީ ދުވަހު އެމީހުންގެ ސަޕޯޓަރުން އައިސް އަހަރެމެންނަށް މަލާމާތްކޮށް މެސީ ކޮބާހޭ މެސީ ކޮބާހޭ އެހި ވަގުތު ހިތަށް އެރި އެވަގުތު ރަލުގެ މަސްތުގައި ތިބި ނަމަ ކަންތައް އިތުރަށް ގޯހުން ގޯހަށް ދާނެއޭ. އެހެންވީމަ އެއީ ހަމަ ނަސީބެއް ސްޓޭޑިއަމްގަ ރާ ނުވިއްކުމަކީ." އޭނާ އިތުރަށް ކިޔައިދެއެވެ.
އަދި މީގެ އިތުރުން ވަރަށް ގިނަ އަންހެނުން މައުލޫމާތު ދޭ ގޮތުގައި ޤަތަރުގެ މަގުތައް މަތީގައި އެމީހުން އެކަނި ހިނގާލުމަށް އެއްވެސް ޖެހިލުމެއް ނުވެއެވެ. މަގުމަތިން ދާއިރު ފޮށޭ ކަންތައް ކުރާ އެއްވެސް ކަހަލަ ހާދިސާއެއް ދިމާނުވާކަމަށް އެންމެންވެސް ބުނެއެވެ.
މިއާ ޚިލާފަށް 2020 އިންގްލެންޑްގައި ބޭއްވި ޔޫރޯ މުބާރާތުގައި އެތައް ބައެއް ވަނީ އެތަނުގެ ނުރައްކާތެރި ކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.