ވާހަކަ

މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާރަވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
މަގޭ ހާލު ބުނެދެން މިތުރާއޭ... (ޓްރެއިލާރ) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެއްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދެވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތިންވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތަރުވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނުވަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދިހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެގާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސާދަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަނަރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސޯޅަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސަތާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ވިހިވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެކާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައުވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަންސަވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައްބީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަހުބައި)

"ކީއްކުރާނީ.. އެކަހަލަ ގަމާރު އަންހެނުން އުޅޭތީނު އަހަރެމެންނަށް މިފުރުސަތުވެސް ލިބެނީ.. ދެން ވާހަކަ ގިނަނުކޮށް ދާން ހިނގާ.. ޒާންއާއެކު ހޭދަކޮށްލަން ލިބޭ އެންމެ ވަގުތުކޮޅެއްވެސް ބޭކާރުކޮށްލާކަށް ބޭނުމެއްނޫން.." ރަޒާންގެ މެޔާދިމާލުން އަތްހިންގައިލަމުން ޔާނާ ތުއިވެލިއެވެ. ބޯޖަހައިލުމާއެކު އިންތަނުން ރަޒާން ތެދުވީ ޔާނާއާ ލޯބީގެ ކުދި ކުދި ސަމާސާ ކުރަމުންނެވެ.

Ads by MWSC

އެރޭ ތަންކޮޅެއް އަވަހަށް ރަޒާން ގެއަށް އައެވެ. މެހެރީން ރުއްސުމުގެ ނިޔަތުގައެވެ. ރޭގައިވީ ކަންތަކަށްފަހު އަދިވެސް މެހެރީން ހުރީ ނުރުހިފައިކަމުގައި އޭނާއަށް ހީވީއެވެ. ގެއަށް ވަދެގެން އައި ރަޒާން އަތުގައި އޮތް މާބޮނޑިއަށް ބަލައިލީ ހިތްހަމަޖެހުމުގެ ނަޒަރަކުންނެވެ. ކޮޓަރިއަށް ވަންނަމުން އެނދުގައި ހުރަހަށް އޮށޯވެލައިގެން އޮތް މެހެރީނަށް ރަޒާން ބަލައިލިއެވެ. އަދި ހިތާމައިގެ އަސަރުތައް މޫނަށް ވެރިކޮށްލަމުން އައިސް މެހެރީންގެ ގާތުގައި އިނށީނެވެ.

"ސޮރީ.. އަހަންނަށް އެނގޭ ރޭގަ ބުނެވުނީ ބުނެގެންނުވާނެ އެއްޗެއްކަން.. ސޮރީ ރީން.. މާބޮޑަށް ވަރުބަލިވެފަ ހުރީމަ އެހާ އަވަހަށް ރުޅިއާދެވުނީ.." މެހެރީންގެ ބޮލުގައި ނުހަނު ލޯބިން ރަޒާން ފިރުމައިލިއެވެ. އެއަޑުގައިވި މަޑުމައިތިރިކަމުން ހައިރާންވެފައި މޫނު އަނބުރައިލަމުން މެހެރީން ބަލައިލިއެވެ. ރަޒާން އެމޭރުމުން އޭނާއާ ވާހަކަދެއްކި ދުވަހެއްވެސް މެހެރީންގެ ހަނދާނުގައި ނެތެވެ. މެހެރީން ބަލައިލިތަންފެނި ރަޒާން ފަނޑު ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އަދި އަތުގައި އޮތް މާބޮނޑި މެހެރީން ގާތުގައި ބާއްވައިލަމުން އަނެއްކާވެސް މަޢާފަށް އެދުނެވެ. ދެން ދުވަހަކުވެސް އެފަދަ ކަމެއް ތަކުރާރުނުވާނެކަމުގައި އެތައް ވަޢުދެއް ވިއެވެ. އެހެނަސް އެބަސްތަކުގައި އެއްވެސް ތެދެއްވޭބާވައޭ މެހެރީންގެ ހިތަށް އެރީ އެއީ ކުރިންވެސް އެތައްފަހަރަކު ތަކުރާރުކޮށް އިވިފައިހުރި ވާހަކަތަކެއްވީމައެވެ. ދެންވެސް ރުޅިއަންނައިރަށް ރަޒާން ކަންތައްކުރާނީ ހަމައެބީދައިންކަން ޔަގީނެވެ. އެއްވެސް އެއްޗެއް ބުނަން ބޭނުންނުވީ އެހެންވެއެވެ. ހަމައެކަނި ހިނިތުންވުމަކުން މެހެރީން ފުއްދައިލީއެވެ. ހިތަށް ކިތަންމެ ތަދުވިއަސް މިއަދު އޭނާއަށް އެނޫންގޮތެއް ނެތީއެވެ.

* * * * *

އާރޓިފިޝަލް ބީޗްގައި ޖަހައިފައިހުރި ބެންޗްތަކުން ބެންޗެއްގައި އިނށީދެލައިގެން ލީމް އިނެވެ. އޭނާގެ ދެލޯވީ މޫދުގައި ހަރަކާތްތެރިވަމުންދިޔަ މީހުނަށް އަމާޒުވެފައެވެ. އެހެނަސް ހިތާއި ސިކުނޑިވީ މުޅިން އެހެން ދުނިޔެއެއްގައި ކަހަލައެވެ. އުނގުމަތީގައި ކޮލެޖަށް ދާއިރު ބޭނުންކުރާ ދަބަސް އޮތްއިރު ދެއަތްވީ ދަބަހުގައި ވަށައިލެވިފައެވެ. ޖެހިލާ މަޑު ރޯޅިއާއެކު ފަހަތަށް ދޫކޮށްލައިފައިއޮތް އިސްތަށިގަނޑު ވިހުރެމުންދިޔައެވެ.

އިރުކޮޅަކު ލީމްގެ ފަހަތުގައި ހުއްޓި އެމަންޒަރު ބަލަން ދާމިން ހުއްޓެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު އަތުގައި އޮތް ހުދުކުލައިގެ ބޮޑު ފިނިފެންމާބޮނޑިއަށް ދާމިން ބަލައިލީ ހިސާބަކަށް ހާސްވެފައި ހުރެއެވެ. އެއްޗެއް ވިސްނަން ހުރުމަށްފަހު މަޑުމަޑުން އޭނާ ހިނގައިގަތީ ލީމްއާ ދިމާއަށެވެ. ބެންޗްގެ އެއްފަރާތެއްގައި ހުއްޓެމުން ދާމިން ކަރުކެހިލިއެވެ. އެއަޑަށް ލީމްގެ ފިކުރުތައް ވިއްސިވިހާލިވެގެން ދިޔަކަހަލައެވެ. އަޑުއައި ދިމާއަށް މޫނު އަނބުރައިލަމުން އޭނާ ބަލައިލިއެވެ. ދާމިން ފެނުމުން އެއްވެސް އަސަރެއް ލީމްގެ މޫނުމަތިން ފައުޅުނުވީތީ އޭނާ ހިސާބަކަށް ހައިރާންވިއެވެ. އެހެންނާ ފެންނަންހުންނަ ހިތްހަމަނުޖެމުގެ އަސަރެއްވެސް އެމޫނުމަތިން މިއަދު ފެންނާކަށް ނެތެވެ.

"އަހަރެން މިތަނު އިނށީނަސް އެންމެ ރަނގަޅުތަ.." ކޮންމެވެސް ވަރެއްގެ ޖެހިލުންވުމެއް ދާމިންގެ އަޑުގައިވިއެވެ. ވަކިޖަވާބެއް ނުދިންނަމަވެސް ލީމް ދުރަށްޖެހިލިގޮތުން އެއީ ދާމިންއަށްދިން ދައުވަތެއް ކަމުގައި އޭނާ ދެކުނެވެ. ދެމެދުގައި ހުސްޖާގަ ހުންނާނޭހެން ދާމިން އިނށީނެވެ. އަދި ކުރިމަތިން ފެންނަންއޮތް މޫދަށް ނަޒަރު ހުއްޓައިލިއެވެ.

"އައި އެމް ސޮރީ.. ކުރިންދުވަހު ކަންތައްވީ ގޮތުން.. އެއީ އެއްގޮތަކަށްވެސް އަހަރެން ބޭނުންވި ގޮތެއް ނޫން.. ލީމް.. އަހަރެންގެ ވާހަކަތަކުން ލީމް ދެރަވީނަމަ އަހަރެން އެކަމަށްވެސް މަޢާފަށް އެދެން.. އެކަމަކު އަހަރެންގެ ގަސްދަކީ އެއްވެސް އިރަކު ލީމް ދެރަކުރުމެއް ނޫން.. ގަބޫލުކުރޭ.. އަހަރެން މީ ހަގީގަތުގަވެސް ލީމް ހީކުރާކަހަލަ މީހެއް ނޫން.. އެކަން ޔަގީންވާނީ ވެސް އަހަންނަށް ކުޑަވިއަސް ފުރުސަތެއް ލީމް ދިންނަމައެއްނު.. އަހަރެމެންގެ މައިންބަފައިންނަކީވެސް އެކުވެރިން.. ވީއިރު އަހަރެމެންނަށް ވެސް އެކުވެރިންނަށް ނުވެވޭނެތަ.. އާ ފެށުމަކުން ނުފެށޭނެތަ.." ދާމިންގެ ވާހަކަތައް ކަނުލައި އަހަން ލީމް އިނެވެ. އެންމެ ފަހުން އޭނާ ބުނި ވާހަކަތަކުން އިސްއުފުލައިލައި އެމޫނަށް ލީމް ދެލޯ ސީދާކޮށްލިއެވެ. ދޭނެ ޖަވާބެއް އޭނާގެ ސިކުނޑިއަކަށް ނައެވެ. ބަހެއްވެސް ނުބުނެ ލީމް ބަލަން އިނުމުން ދާމިންގެ ހިތްވަރުއެލޭގޮތްވިއެވެ. ތުންފިއްތައިލަމުން މަޑުމަޑުން ބޯޖަހައިލައިފައި އިންތަނުން އޭނާ ތެދުވިއެވެ. އެހެނަސް އަތުގައި އޮތް މާބޮނޑިއަށް ބަލައިލަމުން ލީމް ގާތުގައި އެ ބާއްވައިލިއެވެ.

"ވައިޓް ރޯޒެސް.. އެނގޭތަ.. އަހަރެން ތިމާބޮނޑި ހޯދަން ދިޔަ ފިހާރައިގަ އިން ފްލޯރިސްޓް ބުނި ހުދު ފިނިފެންމަލުން ރަމްޒުކޮށްދެނީ އާ ފެށުމޭ.. ނިއު ސްޓާރޓްސް.. ފްރެޝް ބިގިނިންގްސް.. ހުސް ހުދުކުލައިގެ ފިނިފެންމަލުން ތި މާބޮނޑި ތައްޔާރުކުރީ އެހެންވެ.. އަހަރެންގެ ހިތުގެ އެދުމަކީވެސް އެއީ ކަމަށް ވާތީ.. އެކަމަކު ލީމް ބޭނުންވާގޮތެއް އަހަންނަކަށް ނޭނގެ.. އެހެންވިއަސް އަހަރެން މިދަނީ މީތި މިތަނުގަ ބާއްވާފަ.. އަހަރެންގެ އެދުމަށް ލީމް އާނބަސްދޭނަމަ މިމާބޮނޑި ގެންދާނެ.. އެކަމަކު.. ލީމްގެ ޖަވާބަކީ ނޫނެނޭނަމަ.." އެހިސާބަށް ބުނެފައި ދާމިން ހުއްޓައިލީއެވެ. އެހެން ހިތަށް އަރުވަންވެސް އޭނާއަށް ދަތިވީއެވެ. އެއަށްވުރެ ބޮޑަށް ލީމްގެ ގާތްކަމަށް އޭނާގެ މުޅި ނަފުސުވެސް އެދޭތީއެވެ. އިތުރަށް އެންމެ ބަހެއްވެސް ބުނުމެއްނެތި ލައިގެންހުރި ފަޓުލޫނުގެ ޖީބަށް އަތްޖަހައިލުމާއެކު ދާމިން ހިނގައިގަތެވެ. ހަދާނެގޮތެއް ނުވިސްނިފައިހުރި ފަދައަކުން ލީމް އިނީއެވެ. އެހެނަސް އެގޮތުގައި އޭނާއަށް އިނދެވުނީ ކުޑަ ހިނދުކޮޅެއް ވަންދެނެވެ. ލަސްހަރަކާތަކާއެކު މާބޮނޑީގައި އޭނާއަށް ފިރުމައިލެވުނެވެ. އަދި އެއޮތްތަނުން ނަގައި މައުތަކުން ވަސްގަނެލެވުނެވެ. ލުއި ހިނިތުންވުމެއް ލީމްގެ ތުންފަތުގައި ދުވެލީ އޭނާއަށްވެސް އެނގުމަކާނުލައެވެ. މައުތަކުގެ މެދުގައި ހަރުކޮށްފައިއިން ކުޑަ ކާޑުކޮޅު އޭނާގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. އޭގައި ދާމިން ބުނި ފަދައިން އެމަލުން ރަމްޒުކޮށްދެނީ ކޮންކަމެއްކަން އިނގިރޭސިބަހުން ނުހަނު ރީތި އަތުލިޔުމަކުން ލިޔެފައި ހުއްޓެވެ. އަދި އޭގެ ތިރީގައި ދާމިންގެ ނަމާއެކު ފޯނުނަމްބަރެއް ލިޔެފައި އިނެވެ. ކާޑުކޮޅު ނެގުމާއެކު ލީމްގެ ހިނިތުންވުން އިހުނަށްވުރެ ފުންވެލިއެވެ. ފަސްއެނބުރި އޭނާ ބަލައިލީ ކުޑަކޮށްވެސް އޭނާގެ ހަރަކާތްތައް ދެކެން ދުރުގައި ދާމިން ހުންނާނެކަމަކަށް ނޫނެވެ. ނަމަވެސް ފުޅާ ހިނިތުންވުމަކާއެކު އޭނާއަށް ބަލަން ހުރި ދާމިންއާ ހަތަރުކަޅި ހަމަވުމުން ލީމް ރަކިވާގޮތްވިއެވެ. އަވަސް އަވަހަށް އަނެއްފަރާތަށް އެނބުރުމާއެކު ތުންފަތުގައި އޭނާއަށް ދަތްއަޅައިލެވުނެވެ.

"އޮހް ހޯ.. ކާކުތަ މާވަރަކަށް ލީމްއަށް އެބަލަނީ.. އަނެއްކާ ލީމްގެ ޕްރިންސް ޗާރމިންގްތަ.." ދެޖޫގޯތަށި ހިފައިގެން އައިސް ލީމް ގާތުގައި ޖެހިގެން އިނށީދެލަމުން ތާނީ ދިމާކޮށްލިއެވެ. އެއީ ކޮލެޖުން ލީމްއާ ދިމާވި އޭނާއަށް އެންމެ ހެޔޮއެދޭ އެކުވެރިޔާއެވެ. ތާނީގެ އެދުމަށް ކޮލެޖު ނިންމައިފައި އެތަނަށް އައީވެސް އެހެންވެއެވެ.

ތާނީގެ ވާހަކަތަކުން ލަދުގަނެފައި ދެލޯބޮޑުކޮށްލަމުން ލީމް ދެފަރާތަށް ބޯހޫރައިލިއެވެ. އެއާއެކު ތާނީ އަޑުވީއްލައި ހީނގަތެވެ. އަދި ފަހަތަށް ބަލައިލަމުން އިތުރަށް ލީމްއާ ދިމާކޮށްލިއެވެ.

* * * * *

ސަލާމް ގޮވަމުން ގޭތެރަށް ވަދެގެން އައި ޔާނާ ފެނިފައި މެހެރީނަށް އުފަލުންގޮސް ހުރެވުނުތަންވެސް ނޭނގުނެވެ. ޔާންއޭ ކިޔައި ގޮވައިލަމުން ދުވެފައިކަހަލަ ގޮތަކަށް އައިސް އޭނާގެ ގައިގައި ބައްދައިލިއެވެ. ޔާނާވެސް ނިކަން ހިނިއައިސްފައި މެހެރީންގެ ކޮނޑުގައި ޖަހައިލަމުން ކޮންމެވެސް އެއްޗެކޭ ބުނެލިއެވެ. އަދި މެހެރީނަށް ނޭނގޭނޭހެން ގޭތެރަށް ނަޒަރު ހިންގައިލިއެވެ.

"މިހާރު ދައްތަ ރަނގަޅުތަ.. ބޭސްފަރުވާއަށޭ ކިޔާފަ ފުރިމީހާގެ އެއްވެސް ޚަބަރެއް ނުވޭ.. އަހަރެން ހީކުރީ ކަންތައްތައް މާ ގޯސްވީކަމަށް.." ޔާނާގެ އަތުގައި ހިފައިގެން އައިސް ބޮޑުކޮޓަރިތެރޭގައި ހުރި ސޯފާތަކުން ސޯފާއެއްގައި ބައިންދަމުން މެހެރީން ބުންޏެވެ. ހިނިތުންވެލުމާއެކު މިހާރު ހުރިހާކަމެއްވެސް ރަނގަޅުކަމުގައި ޔާނާ ބުނެލިއެވެ. އަދި ޚަބަރެއް ނުވެވުނީ ބިޒާކަމުން ކަމުގައިބުނެ އެވާހަކަ އޮއްބައިލިއެވެ.

"ކޮބާތަ ރީންގެ ހަޒްބެންޑް.. ބަންދު ދުވަހެއްވީމަ ގޭގަވެސް މަޑުޖެހިނުލާ ދޯ.." އިރުކޮޅަކު ވާހަކަދައްކަން އިނދެފައި ޔާނާ އެއްސެވެ. އެއާއެކު މެހެރީންގެ ހިނިތުންވުން ފަނޑުވެލަން އުޅުނެވެ. އެހެނަސް އަމިއްލަ ނަފުސު ހަމައަކަށް އަޅުވައިލަމުން ރަޒާން ޓެރަހުގައި އެބަ އިންކަމުގައި ބުނެލިއެވެ. ޔާނާ އަކީ އެންމެ ގާތް އެކުވެރިޔާ ނަމަވެސް ދެމަފިރިން ދެމެދުގައިވާ އެއްވެސް ސިއްރެއް ޔާނާ ގާތުގައިވެސް މެހެރީން ހާމައެއްނުކުރެއެވެ. އޭނާގެ ނަޒަރުގައި އެއީ ރަނގަޅުކަމަކަށް ނުވާތީއެވެ. ދިރިއުޅުމުގެ އެފަދަ ސިއްރުތަކަކީ އެއްވެސް އިތުރުމީހަކަށް އެނގެން ޖެހޭ ކަމެއްކަމުގައި މެހެރީން ނުދެކެއެވެ.

ދުއްވާ ގޮނޑީގައި އެތަނަށް ނުކުމެގެން އައި އާރިޒް ފެނިފައި ފުންނަޒަރަކުން ޔާނާ ބަލައިލިއެވެ. އާރިޒްގެ ރީތިކަމަށް ހިތާހިތުން އޭނާއަށް ވެސް ތަޢުރީފުކޮށްލެވުނެވެ. ނިތްއަރުވައިލުމާއެކު އޭނާ މެހެރީނަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. ކުރުގޮތަކަށް ދެމީހުނަށް އެކަކު އަނެކަކު ތަޢާރަފުކޮށްދެމުން އިންތަނުން މެހެރީން ތެދުވީ އެހައި ދުވަސްފަހުން ޔާނާ އެގެއަށް އައުމުން އޭނާއަށް ބޯލާނެ ކޮންމެވެސް ފިނިއެއްޗެއް ގެނައުމުގެ ނިޔަތުއެވެ. މެހެރީން ދިއުމުން އިތުރަށް އެތަނުގައި މަޑުކުރުމުގެ ޚިޔާލެއް އާރިޒްވެސް ނުކުރިއެވެ. ދަނީކަމަށްބުނެ އޭނާ މިސްރާބުޖެހީ ކޮޓަރިއާ ދިމާއަށެވެ. ޔާނާ ބޭނުންވިފަދަ ފުރުސަތެއް އޭނާއަށް ލިބުނީ ދެނެވެ. އަވަސް އަވަހަށް އިންތަނުން ތެދުވަމުން އޭނާ ހިނގައިގަތީ ސިޑިއާ ދިމާއަށެވެ. ފަހަތަށް ބަލަމުންކަހަލަ ގޮތަކަށް ސިޑިން އަރައިގެން އޭނާ ދިޔައީ ނުހަނު ސިއްރުންނެވެ.

ޓެރެސްގެ ރެއިލިންގައި އަތްއަޅުވައިލައިގެން ހުރި ރަޒާން ސިހުނީ ފަހަތުން އޭނާގެ ގައިގައި މީހަކު ބައްދައިލުމުންނެވެ. އަވަސް ހަރަކާތަކާއެކު އޭނާ ފަހަތަށް އެނބުރުމުން ޔާނާގެ ލާނެތް ހުނުމުގެ އަޑު އިވިގެންދިޔައެވެ. "ޔާން.. މިތާނގަ ކީއްކުރަނީ.." ޓެރަހަށް ވަންނަންހުރި ދޮރަށް ނަޒަރެއް ދެމުން ރަޒާން އަހައިލިއެވެ.

"ރިލެކްސް ޒާން.. ރީންއަކަށް ނޭނގޭނޭ އަހަރެން މިތަނަށް އައި ކަމަށް.. ކަމަނާ އެބަ އުޅުއްވާ ބަދިގޭގަ އަހަރެންނަށް ވެލްކަމް ޑްރިންކް ތައްޔާރުކޮށް.. އެންމެ ހިނދުކޮޅެއްވެސް އަހަންނަށް މިހާރު ޒާން ނުފެނި ކެތްނުވޭ.. އެހެންވެ އެހާވަރުން މިއައީވެސް.. އައި މިސްޑް ޔޫ.. މިރޭ އަހަރެން ގާތަށް އަންނާނަން ދޯ.." ރަޒާންގެ މޭގައި ލައްވެލަމުން ޔާނާ ބުންޏެވެ. ކުޑަކޮށް ހީނލަމުން ޔާނާ ގަޔާ އިތުރަށް ކައިރިކޮށްލަމުން ރަޒާން ބޯޖަހައިލިއެވެ. އަދި އޭނާގެ މޫނުގައި ބޮސްދިނުމާއެކު ތިރިއަށްދާން ހިނގާށޭ ބުނެލިއެވެ. ކުޑަކޮށްވެސް މެހެރީނަށް ޝައްކުވާކަށް ރަޒާން ނޭދެއެވެ.

ވާހަކައިގައިތިބެ ސިޑިން ފައިބައިގެން އައި ދެމީހުނަށް ބަދިގެއިން ނުކުތް މެހެރީން ބަލައިލިއެވެ. "ސާބަސް.. ދަމުން ބުނެލާފަ ދިޔަނަމަ.. ޔާން ނުފެނިގެން މިހާރު އަހަރެން ނުހޯދާތަނެއް ނެތް.." ދެފަރާތަށް ބޯހޫރައިލަމުން މެހެރީން މޫނަށް ވައްތަރެއް ޖައްސައިލިއެވެ. "ހެހެ.. މާދަމާގެ މީޓީންގްއާ ބެހޭގޮތުން ބޮސްއާ ކުޑަ ވާހަކައެއް ދައްކަންވެފަ އޮތްކަން ހަނދާންވެގެންނޭ ދިޔައީ.. ދޯ ސަރ.." ރަޒާނަށް ބަލައިލަމުން ޔާނާ ނިތްއަރުވައިލިއެވެ. ޖަވާބުދިނުމުގެ ގޮތުން ރަޒާން ބޯޖަހައިލިއެވެ.

"މީ އޮފީހެއްނޫނޭ މިތާނގަ ބޮސްއޭ ސަރއޭ ކިޔާކަށް.. ދޯ ޒާން.. ޔާން އުޅެނީ މާރަސްމީ ވާހިތުން.." ޔާނާގެ ކޮނޑުގައި އަޅައި ކުޑަކޮށް ކޮށްޕައިލަމުން މެހެރީން ހީނލިއެވެ. އަދި އޭނާ ގާތުގައި އަންނާށޭބުނެ ސޯފާތަކާދިމާއަށް ހިނގައިގަތީ ބައިވަރު ވާހަކަތައް ދައްކަންވެފައި އޮތްކަމަށް ބުނަމުންނެވެ. ނުލަފާ ގޮތަކަށް ހީނލުމާއެކު މެހެރީންގެ ފަހަތުން ޔާނާ ހިނގައިގަތެވެ. އޭރު ހިތާހިތުން މެހެރީނަށް މަލާމަތްކުރަމުންދިޔައީ އޭނާގެ ފަސްފަހަތުން އެމީހުން ކުޅެމުންދިޔަ ކުޅިގަނޑު އަދިވެސް މެހެރީނަށް ނޭނގޭތީއެވެ. އަމިއްލަ ނަފުސާމެދު ފަޚުރުވެރިވާފަދަ އަސަރުތަކެއް ޔާނާގެ މޫނުގައިވިއެވެ. ކުރެވެމުންދިޔަ ކަންތަކާމެދު އޭނާ ކުޑަކޮށްވެސް ދެރަނުވާކަން ގައިމެވެ.

ހަފްތާ ބަންދަށްފަހު އޮފީސްތައް ހުޅުވުމާއެކު މަޑުމަޑުން އަނެއްކާވެސް ރަޒާންގެ އުޅުން އިހުހުރިގޮތަށް ބަދަލުވެއްޖެއެވެ. މާކުރިންވެސް ކަންތައްވާނީ އެހެންކަން މެހެރީނަށް އެނގެއެވެ. ކިތަންމެ ވަރަކަށް ދެމަފިރިންގެ ދެމެދުގައިވި ގުޅުން ރަނގަޅުކުރަން ބޭނުންވިއަސް އޭނާ ބޭނުންވާފަދަ އެއްބާރުލުމެއް ރަޒާންގެ ފުށުން ނުލިބެއެވެ. ފިރިއެއް ހުރެމެ ދުނިޔެއަށް ބިކަވެ ގިނަވެފައިވާކަމުގެ އިހުސާސުން އެހިތަށް އިތުރަށް އަސަރުކުރުވައެވެ. ކޮޓަރީގެ ހަތަރުފާރުތެރޭގައި އޭނާގެ އުފައުވެރި ހިނިތުންވުން ފިލައިދާގޮތްވެސް ނޭނގެއެވެ. މާޔޫސްކަމާއި އެކަނިވެރިކަންނޫން އެއްޗެއް އޭނާއަށް އެހަތަރުފާރުތެރެއިން އިހުސާސެއް ނުކުރެވެއެވެ.

ރޭގަނޑުގެ ވަގުތެވެ. ރަޒާންގެ އިންތިޒާރުގައި އެނދުގައި އޮށޯވެލައިގެން މެހެރީން އޮތެވެ. އޮތްގޮތަށްއޮވެ ވަރުބަލިވުމުން އަނެއްކާވެސް އެހެން ގޮތަކަށް އޭނާ ހަމަޖެހިލައެވެ. ވަގުތުތައް ފާއިތުވަމުންގޮސް ރަޒާން ގެއަށް އައި އިރު އެގާރަޖަހައި ބޮޑުވެއްޖެއެވެ. އޭނާ ފެނުމުން ތެދުވެ އެނދުގެ ހެޑްބޯޑުގައި މެހެރީން ލެނގިލިއެވެ. ނަމަވެސް ރަޒާންގެ ކުޑަވެސް ސަމާލުކަމެއް މެހެރީނަށް ނުހުއްޓުނެވެ. އެއައި ގޮތަށް އައިސް މެހެރީނަށް ބަލައިލުމެއްވެސްނެތި ތުވާލި ހިފައިގެން އޭނާ ވަނީ ފާޚާނާއަށެވެ. އެތަނުގައި އޭނާގެ އިންތިޒާރުގައި އަނބިމީހާ އިންކަންވެސް ރަޒާންއަށް ރެއަކާނުލާ ކަހަލައެވެ. ބުރަދުވަހަކަށްފަހު ފިރިމީހާގެ ފުށުން ކުޑަނަމަވެސް ގާތްކަމެއް ލިބޭނެކަމުގެ އުއްމީދުގައި އިން މެހެރީނަށް އިސްޖަހައިލެވުނީ ހިތަށް އިހުސާސުވި ތޫނު ތަދުންނެވެ. ހިންދިރުވައިލުމާއެކު ދެލޮލަށް ކަރުނަތައް ޖަވާމެގަތީ އިތުރަށް ކެތްނުވީތީއެވެ. އެވަގުތު ފާޚާނާގެ ދޮރު ހުޅުވުމަށްފަހު ރަޒާން ނުކުތެވެ. އަދި ނިދަން ތައްޔާރުވުމާއެކު އޭނާ އައިސް އެނދުގައި އޮށޯވެލިއެވެ. އަނގައިންނުބުނި ތަނުގައި އެންމެ ފަހަރަކުވެސް މެހެރީނާ ދިމާއަށް ބަލައިވެސް ނުލިއެވެ. ހިތުޖެހިފައި އިނދެ ޒާންއޭ ކިޔައި މެހެރީން ގޮވައިލީ މަޑުމައިތިރިކަމާއެކުއެވެ.

"ޕްލީޒް ރީން.. މިރެއަކު ނޫން.. ވަރަށް ވަރުބަލި.." މެހެރީނަށް ބަލައިލުމެއްނެތި ރަޒާން ބުނެލިއެވެ. ތުންފިއްތައިލުމާއެކު އިސްޖަހައިލި މެހެރީން އިންތަނުން ތެދުވިއެވެ. އެންމެ ހިނދުކޮޅަކުވެސް އެކޮޓަރިތެރޭގައި ދެން އޭނާއަކަށް ކެތެއްނުވާނެއެވެ. ހަތަރެސްފަރާތުން އޭނާ ބައްދަމުންގޮސް ނޭވައިލުމަށްވެސް ދަތިކުރުވާހެން ހީވިއެވެ. ހަލުވި ފިޔަވަޅުތަކެއްގައި އައިސް ކޮޓަރިން އޭނާ ނުކުތެވެ. އެއާއެކު ހަށިފުރާ ނޭވާއެއް މެހެރީނަށް ދޫކޮށްލެވުނެވެ.

ނިދީގެ އެއްވެސް އަސަރެއް އާރިޒްގެ ލޮލުގައި ނެތެވެ. ކޮޓަރީގައި އިންނަން ފޫހިވުމުން ބޭރަށް ނުކުތީ އެހެންވެއެވެ. މަޑުމަޑުން ގޮނޑި ދުއްވަމުން އައިސް އޭނާ ގަސްދުކުރީ ގޯތިތެރަށް ނުކުމެލުމަށެވެ. އެހެނަސް ހުޅުވިފައިހުރި ގޭގެ މައި ދޮރު ފެނުމުން އާރިޒް ސުވާލުއުފެދޭގޮތްވިއެވެ. މިފަދަ ވަގުތެއްގައި ދޮރުހުޅުވައިފައި އެހުރީ ކީއްވެކަމާމެދު ވިސްނަމުން އޭނާ އައިސް ދޮރުމަތީގައި މަޑުކޮށްލިއެވެ. އަދި ކުޑަކޮށް ބޯދިއްކޮށްލަމުން ދެފަރާތަށް ބަލައިލިއެވެ. އެވަގުތު ކަންފަތުގައިޖެހުނު ވޭނީ ގިސްލުމެއްގެ އަޑުން އޭނާގެ ގައިން ހީބިހި ހިލިގެން އައެވެ. ހުރިހައި ލޯލިތަށް ކޮޅަށް ޖެހިގެންދިއުމާއެކު އާރިޒްއަށް ދެލޯބޮޑުކޮށްލެވުނެވެ. ސުވާލު އުފެދިފައި އިނދެ އޭނާ ދޮރުން ބޭރަށް ނުކުތީ ފަހަރެއްގައިވެސް ދުރުގައި އިނށީދެއިން މެހެރީން ފެންނާނެ ކަމަކަށް ނޫނެވެ. ނަމަވެސް ގިސްލަގިސްލައިފައި ރޮމުންދިޔަ މެހެރީން ފެނުމުން އާރިޒްގެ މޫނުމަތިން ކަންބޮޑުވުން ފައުޅުވެލިއެވެ. އެދިމާއަށް ގޮނޑި ދުއްވައިލުމާއެކު މެހެރީންގެ ނަމުން އޭނާއަށް ގޮވައިލެވުނީ ހާސްވެފައި އިނދެއެވެ.

(ނުނިމޭ)

Ads by Allied Insurance
  1. ޙސދދ

    ޞދހ