މުޒާަހަރާއިން ހައްޔަރު ކުރި އެންމެން ދޫކޮށްލައިފި

ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް އިއްވި ޖަލު ޙުކުމަށް ފަހު، އެކަމާ ދެކޮޅަށް އަޑު އުފުލަން އިދިކޮޅުން ކޯލިޝަނުން ރޭ މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފިއެވެ.
މަނީ ލޯންޑްރިންއާ ރިޝްވަތު ޤަބޫލުކުރުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވެވުމުން، ރޭ ކުރި މުޒާހަރާގައި 16 މީހަކު ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި ޕީޕީއެމް ޕީއެންސީގެ ސެނެޓަރުންނާއި ބައެއް ދާއިރާތަކުގެ ރައީސުން ވެސް ހިމެނެއެވެ.
ފުލުހުން ވިދާޅުވީ، ރޭ ހައްޔަރުކުރި އެންމެން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ، އެ ކޯލިޝަނުގެ މަސައްކަތް ހުއްޓައިލާނީ ރައީސް ޔާމީން މިނިވަން ކުރުމަށް ފަހުގައި ކަމަށެވެ. މި މަސައްކަތުގައި އަތޮޅުތެރޭގެ ރައްޔިތުން ބައިވެރިވުމަށް ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ ވަނީ ގޮވައިލައްވައިފައެވެ.