ޚަބަރު

ރައީސް ޔާމީން ޙުކުމް ތަންފީޒު ކުރައްވަނީ، ވެރިންނަށް ޚާއްސަ ޔުނިޓުގައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް ޔާމީން އަބްދުލްގައްޔޫމް--

އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްޤައްޔޫމް، އެމަނިކުފާނަށް ދަށު ކޯޓުން އިއްވި 11 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ، އެމަނިކުފާނު ކުރިވެސް މާފުށި ޖަލުގައި ހުންނެވި ސްޕެޝަލް ޕްެރޮޓެކްޝަން ޔުނިޓުގައި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ކަރެކްޝަންސް ގެ މީޑިއާ އޮފިޝަލު ފާތިމަތު ޔުސްރީން ވިދާޅުވީ ރައީސް ޔާމީން ހުންނެވި ޔުނިޓުގައި އެމަނިކުފާނަށް ދޭން ޖެހޭ ހައްޤުތަކާ ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ.

ކަރެކްޝަންސްއިން ވިދާޅުވި ގޮތުގައި ރައީސް ޔާމީން ހުންނަވަނީ ކުރީގެ ރައީސުންނަށް ހުންނަ ވަކި އެޕާޓްމެންޓެއްގައެވެ.  އެތަނުގައި ކޮޓަރިއަކާއި ފާހަނާއަކާއި ސިޓިންރޫމެއް ހުރެއެެވެ.

ޖަލުގައި ތިބޭ މީހުންނަށް ދޭ ޚިދުމަތްތައް ދިނުމުގެ އިތުރުން، އެތަނުން ރައީސް ޔާމީންއަަށް ވަކިން ސެކިއުރިޓީވެސް ލިބޭނެއެވެ.

ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓަކީ ރަނގަޅު ފެންވަރަކަށް ހަދާފައި ހުންނަ ވަކި އެޕާޓްމެންޓްތަކެކެވެ.

އެހެން ކުށްވެރިންނާ ހިލާފަށް ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގައި އޮންނަ ބޭފުޅުންނަށް ހާއްސަ ކެއުންތައް ލިބެއެވެ. އަދި ކަސްރަތު ކުރުމަށް ވަކި ސަރަހައްދެއްވެސް ލިބެއެވެ.

ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކުރީ ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ދެ ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހުގައެވެ.

މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ނިންމައި، ރައީސް ޔާމީނަށް އިއްވީ ހަތް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ފަސް މިލިއަން ޑޮލަރުން ޖޫރިނަމަނާކޮށް އެ ފައިސާ މިއަދުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދައްކައި ޚަލާސްކުރުމަށް ވެސް އެ ހުކުމްގައި އެމަނިކުފާނަށް ވަނީ އަންގާފައެވެ.

ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތުވެ ރައީސް ޔާމީނަށް އިއްވީ ހަތަރު އަހަރުގެ ޖަލު ހުކުމެކެވެ.

އެ ކުށުގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހެވެ. ނަމަވެސް ޝަރީއަތުން ވަނީ އެ ކުށުގެ އަދަބު އެއް ދަރަޖަ މަތި ކޮށްފައެވެ.

 

Ads by Ooredoo
  1. ބަޚީލު

    ހުސްދޮގު މި މައްކާރު ސަރުކާރުން ތެދެއްނުބުނާނެ ބުނާ ބަހާ އަމަލަކާ ދިމައެއްނުވާނެ، ދެކެން ވާނީ ގަބޫލު ކުރަންވެސް ވާނީ ބުނާބަހާއިދިކޮޅަށް، އޭރުން ގަދަކަމުން ކިރިއާވެސް ދެކޮޅު ޖެއްސޭނީ.