ޚަބަރު ޝަރުޢީ ދާއިރާ

މެޖިސްޓްރޭޓް ރަފީޢުއްދީންގެ އިތުރު ސުލޫކީ މައްސަލައެއް ބަލަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދުގެ އިތުރު ސުލޫކީ މައްސަލައެއް ބައްލަވަން ނިންމަވާފައިވާ ކަމުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އެ މައްސަލައަކީ އަވަސް ނިޔާގެ ޙުކުމް ކުރައްވަންޖެހޭ މައްސަލައެއްގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 151 ވަނަ މާއްދާގެ (ބ) އާ ޚިލާފަށް މައްސަލައިގެ ޙުކުމް ކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅުނު މައްސަލައެކެވެ.

ޖޭއެސްސީން ވިދާޅުވީ އެ މައްސަލަ ތަޙްޤީޤު ކުރެއްވުމަށް މި މަހުގެ 21 ވީ ބުދަ ދުވަހު ބޭއްވި ކޮމިޝަނުގެ 91 ވަނަ ޖަލްސާގައި ކޮމިޓީ އެކުލަވާލައްވާފައިވާ ކަމުގައެވެ.

ޖޭއެސްސީން މިހާރު ގެންދަވަނީ މެޖިސްޓްރޭޓް ރަފީޢުއްދީނާ ގުޅޭ އިތުރު ދެ މައްސަލައެއް ވެސް ބައްލަވަމުންނެވެ.

އެއީ މީހެއްގެ ބަންދާމެދު ގޮތެއް ނިންމެވުމުގައާއި އެ ނިންމެވުމާ ގުޅޭ ގޮތުން ނޫސްބަޔާނެއް ނެރުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ޢަމަލު ކުރައްވާފައިވާކަމަށް ބެލެވޭ މައްސަލައަކާއި ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ޖިނާޢީ މައްސަލައެއްގައި ޚުލާސާ ބަޔާން އިއްވެވުމަށްފަހު ޙުކުމް ކުރުމުގެ މަޖިލިސް ބާއްވަންޖެހޭކަމަށް ޤާނޫނުގައި ބުނާ 30 ދުވަހު މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް މައްސަލައިގެ ޙުކުމް ކުރައްވާފައިނުވާ މައްސަލައެވެ.‏

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!