އުތުރު ކޮރެއާއިން ޖަޕާނުގެ ކަނޑުގެ ސަރަހައްދަށް ތިން ބެލިސްޓިކް މިސައިލް ފޮނުވައިލައިފި

އުތުރު ކޮރެއާއިން ޖަޕާނުގެ ކަނޑުގެ ސަރަހައްދަށް ކުރު ރާސްތާގެ ތިން ބެލިސްޓިކް މިސައިލް ފޮނުވާލައިފި އެވެ.
ޖަޕާނުގެ ދިފާއީ ވުޒާރާއިން ބުނީ ފުރަތަމަ ބެލިސްޓިކް މިސައިލް ފޮނުވާލާފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 ހާއިރު ކަމަށާއި، ދެވަނަ މިސައިލް ފޮނުވާލާފައިވަނީ ހެނދުނު 08:14 ހާއިރު ކަމަށާއި އޭގެ މިނެޓެއް ފަހުން ތިންވަނަ މިސައިލެއް ފޮނުވާލާފައިވާ ކަމަށެވެ.
މި ތިން މިސައިލް ވެސް ފޮނުވާފައިވަނީ އުތުރު ކޮރެއާގެ ވެރިރަށް ޕިޔޮންގްޔަންގްގެ އަވަށްތަކުންނެވެ. މި މިސައިލުތައް ވަނީ 100 ކިލޯމީޓަރު (62 މޭލު) އުސްމިނަށް ގޮސް ގާތްގަނޑަކަށް 350 ކިލޯމީޓަރު (217 މޭލު) އަށް އުދުހިފައެވެ.
ޖަޕާނު ކަނޑުގެ ސަރަހައްދަށް މިސައިލްތައް ވެއްޓުނީ ޖަޕާނުގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދުގެ ބޭރުން ކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެއެވެ.
އެ ޤައުމުގެ ދިފާޢީ ވުޒާރާއިމް މިނިސްޓްރީން ބުނީ މިސައިލްތަކުގެ ސަބަބުން، އެ ސަރަޙައްދުން ދަތުރު ކުރާ މަތިންދާ ބޯޓުތަކާއި އުޅަނދުތަކަށް އިންޒާރުގެ މަޢުލޫމާތު ދީފައިވާ ކަމަށާއި "މިވަގުތު" އެއްވެސް ހާދިސާއެއް ހިނގާފައި ނުވާ ކަމަށެވެ.
އަދި އުތުރު ކޮރެއާއިން މިއަހަރު ރެކޯޑް އަދަދަކަށް ޖަޕާނު ސަރަހައްދަށް މިސައިލު ފޮނުވައިފައިވާއިރު، މިއީ އެ ޤައުމުގެ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައިވެސް، ޖަޕާނުގެ ސަރުކާރުން ސިފަ ކުރެއެވެ.