ޚަބަރު ސަރުކާރު

ފާއިތުވި ވިއްސަކަށް އަހަރުތެރޭ ނުލިބޭހާ ބޮޑު ތަރައްޤީއެއް މިދައުރުގައި އަލިފުއްޓަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި އަލިފުށްޓަށް ނާންނަހާ ބޮޑު ތަރައްޤީއެއް މިދައުރުގައި އައިސްފައިވާ ކަމަށް އަލިފުށި ކައުންސިލުން ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އަލިއްފުއްޓަށް ކުރައްވާ ދަތުރުފުޅުގައި އެރަށު ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި ކައުންސިލުން ވިދާޅުވީ، މިފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި އަލިފުށްޓަށް ނާންނަހައި ބޮޑު ތަރައްޤީއެއް މިދައުރުގައި އައިސްފައިވާކަމަށެވެ.

އަދި މިހާރުވެސް ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާކަން ފާހަގަކުރައްވައި ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރައްވާފައެވެ. އެގޮތުން އަލިފުށީގެ އެއާޕޯޓުގެ މަސައްކަތާއި، ފެނާއި ނަރުދަމާގެ މަސައްކަތްތައް ފަދަ ގިނަ މަޝްރޫއުތައް ހިނގަމުންދާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިވަގުތަށް ބޭނުން ވެފައިވާ ކަންކަމުގެ ގޮތުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އަލިފުށީގެ އިރުމަތި ފަރާތު ބަނދަރު މަރާމާތު ކުރުމާއި، ސިނާޢީ ސަރަހައްދަށް ބިން އިތުރު ކުރުމާއި، އިޖުތިމާއީ މަރުކަޒެއް އެޅުމާއި އަދި އަލިފުށީގައި އަޅާ ހޮސްޕިޓަލްގެ މަސައްކަތް އަވަސް ކުރުމަށް ބޭނުންވާކަން ފާހަގަކުރެއްވިއެވެ.

މިބައްދަލުވުމުގައި އަލިފުށީ އ.ތ.މ ކޮމިޓީގެ ފަރާތުން ވަނީ އަލިފުށީ ބޯޓުޔާޑު ސަރަހައްދުގައި އުފެދޭ ފައިބަރުކުނި ނައްތާލެވޭނެ ނިޒާމެއް ޤާއިމްކުރަން ބޭނުންވާކަމާއި، އަދި އަލިފުށީގައި ކެންސަރުބަލި އިތުރުވެފައިވާތީ އެކަމުގެ ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ހެދުމަށް ބޭނުންވެފައިވާކަން ފާހަގަކުރައްވާފައެވެ.

މިބައްދަލު ކުރެއްވުމުގައި ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅުގައި، އަލިފުށީގައި މިހާރު ކުރިޔަށްދާ ތަރައްޤީގެ މަޝްރޫތައް ގޮސްފައިވާ ހިސާބާއި، އަދި ރޭވިފައިވާ މަޝްރޫއުތަކުގެ މަޢުލޫމާތު ކައުންސިލް މެމްބަރުންނާއި އ.ތ.މ ކޮމިޓީއާ ހިއްސާކުރެއްވިއެވެ. އެގޮތުން އަލިފުށީގައި ސަރުކާރުން އިމާރާތްކުރައްވާ އައު ހޮސްޕިޓަލަށް ފަންޑް ހަމަޖެހިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުތައް ނިމިގެން ދިޔުމަށްފަހުގައި ދެން އެންމެ ބޮޑުކަމަކަށް އޮންނާނީ ޒަމާނީ ފެންވަރަށް ރަށްރަށުގެ މަގުތައް ހެދުންކަމަށެވެ.

އަދި އެއީ ރަށްރަށުގެ ތަރައްޤީއަށް މުހިއްމުކަމެއްކަން ފާހަގަކުރައްވައި ރައީސް ވަނީ، އަލިފުށީގެ ތަރައްޤީއަށް ބޭނުންވެފައިވާ ކަންކަން ސަރުކާރުގެ ކަމާއި ގުޅުން ހުރި އިދާރާތަކާއެކު މަޝްވަރާކުރައްވައި ކުރިޔަށް ގެންދެވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

  1. އަބްދޫ

    ފާއިތުވި 20 އަހަރު ތެރޭ ނުލިބޭފަދަ ބޮޑެތި ގެއްލުން ދިވެހި ގައުމަށް ވަނީ ދީފަ،ގައުމުގެ ދަރަނި ވަނީ 120 ބިލިއަނާހަމަޔަށް އަރުވާފަ. ހަދަނަހަދާ ރައްޔިތުންނަށް ނޭގޭތޮތަށް ސްކޫކް