ޚަބަރު

އިންޑިއާގެ އެހީގައި ނޫސްވެރިން ތަމްރީނުކުރުމަށް މަޝްވަރާކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ދިވެހި ނޫސްވެރިން ތަމްރީނުކުރުމަށް ފުރުސަތުތަކެއް ހޯދައިދިނުމަށް މޯލްޑިވްސް މީޑިޔާ ކައުންސިލުން ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނާއެކު މަޝްވަރާ ކުރައްވައިފިއެވެ.

Ads by STELCO

މިއަދު ކުރިއަށް ގެންދިޔަ މި މަޝްވަރާ ބައްދަލުވުމަކީ އެމްއެމްސީއިން ދިވެހި ނޫސްވެރިން ތަމްރީނު ކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، ކުރިއަށްގެންދިޔަ މަޝްވަރާ ބައްދަލުވުމެއް ކަމަށް އެމްއެމްސީން މަޢުލޫމާތު ދެއްވައެވެ.

އެމްއެމްސީން އިންޑިއާ ހައިކޮމިޝަނާއެކު ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި އެކައުންސިލުގެ ފަރާތުން ބައިވެރިވެވަޑައިގަތީ، ކައުންސިލުގެ ރައީސް އަޙުމަދު މުސްތަފާއާއި، މެމްބަރުން ކަމުގައިވާ މުޙައްމަދު އަފްރާހާއި މޫސާ ރަޝީދުގެ އިތުރުން އުސްތާޒާ އަރްމާން ރަޝީދާއި އެކައުންސިލުގެ ސެކެއްޓްރީ ޖެނެރަލް ޑރ. އިބްރާހިމް ސަމީރެވެ. އަދި އިންޑިއާ ހައިކޮމިޝަނުގެ ފަރާތުން މިބައްދަލުވުމުގައި ހައިކޮމިޝަނަރު ހިޒް އެކްސެލެންސީ މިސްޓަ މޫނޫ މަހާވަރާއި ފަސްޓް ސެކެއްޓްރީ ކަރަން ޔާދޭވް ބައިވެރިވެވަޑައިގެންނެވި ކަމަށް އެމްއެމްސީން ވިދާޅުވެއެވއ.

އެމްއެމްސީން ވިދާޅުވީ، މިއަދު ކުރިއަށް ގެންދިޔަ މި މަޝްވަރާ ބައްދަލުވުމުގައި އިންޑިއާއަށް ދިވެހި ނޫސްވެރިންގެ ތަމްރީނު ޕްރޮގްރާމް ހިނގުމަށާއި އިންޑިއާއިން ކަމާބެހޭ މާހިރުން ގެނެސްގެން ތަމްރީނު ޕްރޮގްރާމްތަކެއް ފެށުމާއި، މި ދާއިރާއިން ތަމްރީނު ޕްރޮގްރާމްތައް ހިނގުމަށްވަނީ މަޝްވަރާ ކުރައްވާފައި ކަމަށެވެ.

މީގެ އިތުރުން މިބައްދަލުވުމުގައި މަޝްވަރާ ކުރެވުނު އިތުރު ކަންކަމުގެ ތެރޭގައި ކުރު މުއްދަތާއި ދިގު މުއްދަތުގެ ސްކޯލާޝިޕް ޕްރޮގްރާމްތަކެއް ދިވެހި ނޫސްވެރިންނަށް ހޯދައިދިނުމަށް މަޝްވަރާ ކުރެވިފައިވާކަމަށް އެމްއެމްސީން މަޢުލޫމާތު ދެއްވައެވެ.

އެމްއެމްސީން ވިދާޅުވީ، ދިވެހި ނޫސްވެރިންނަށް ތަމްރީން ޕްރޮގްރާމްތައް ހިނގުމަށް ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަށް ހައިކޮމިޝަނަރ ވަނީ އެކައުންސިލަށް ދެއްވައިފައެވެ.

މިގޮތުން ދިވެހި ރާއްޖޭގެ މީޑިއާ ކައުންސިލާއި އިންޑިއާގެ ޕްރެސް ކައުންސިލާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށް ގުޅުން ބަދަހި ކުރާނެކަމުގެ ޔަޤީންކަންވެސް އިންޑިއާ ހައިކޮމިޝަނަރު ދެއްވާފައިވާކަމަށް އެމްއެމްސީން ހާމަ ކުރައްވައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!