ރޭގެ މުޒާހަރާއިން ހައްޔަރު ކުރި ތިން މީހަކު އަދިވެސް ބަންދުގައި

އިދިކޮޅު ލީޑަރު، ރައީސް ޔާމީން މިނިވަން ކުރުަމަށް ގޮވާލައި، ރޭ ވެރިރަށް މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއިން ހައްޔަރު ކުރި މީހުންގެ ތެރެއިން ތިން މީހަކު ފިޔަވާ އެހެން އެންމެން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
"ދެން"އަށް މަޢުލޫމާތުދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭގެ މުޒާހަރާއިން ނުވަ މީހަކު ހައްޔަރު ކުރި ކަމަށެވެ. ހައްޔަރީންގެ ތެރެއިން ހަ މީހަކު ދޫކޮށްލާފައިވާއިރު، ތިން މީހަކު އަދިވެސް ތިބީ ފުލުހުންގެ ބަންދުގައި ކަމަށްވެސް ވިދާޅުވިއެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީންގެ މައްޗަށް ދެ ދަޢުވާއެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އެމަނިކުފާނު 11 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. ޙުކުމް ތަންފީޒު ކުރަން އެ ދުވަހުގެ ރޭ އެމަނިކުފާނު މާފުށީ ޖަލަށް ބަދަލު ކުރިއެވެ. އެ ރޭގެ ފަހުން، ސިލްސިލާ ގޮތެއްގައި އިދިކޮޅުން ކުރަމުން އަންނަ މުޒާހަރާތައް ހުއްޓައިލާނީ ރައީސް ޔާމީން އަނެއްކާވެސް މިނިވަން ވުމުން ކަމަށް އިދިކޮޅުން ބުނެއެވެ.