ދުނިޔެ

ޗައިނާއިން އަވައްޓެރި ޓައިވާނަށް ބިރު ދެއްކުމުގައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާއިން އަމިއްލަ ޤައުމުގެ ބައެއް ކަމަށް ދައުވާ ކުރާ ޓައިވާންގެ ވަށައިގެންވާ ސަރަހައްދުގައި ޗައިނާ ސިފައިން އަސްކަރީ ފަރިތަކުރުންތަކެއް ބާއްވައިފި ކަމަށް ޗައިނާ އިން އިއްޔެ ބުނެފިއެވެ.

Ads by Sosun Fihaara

ޓައިވާންގެ ވަށައިގެން މި ބޭއްވި އަސްކަރީ ފަރިތަކުރުންތަކާ ބެހޭ ގޮތުން ޗައިނާ އިން ބުނި ގޮތުގައި މި ފަރިތަކުރުންތަކަކީ އެއްގަމު މަގުން ހަމަލާ ދިނުމާއި ހަނގުރާމައިގެ ހާލަތުގައި ކަނޑުމަގުން އެއްގަމަށް އަރާނެ ގޮތުގެ ފަރިތަކުރުންތަކެކެވެ. މި ތަމްރީންތަކުގައި ޗައިނާގެ ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިންގެ އިތުރުން އެއްގަމު ސިފައިން ވެސް ބައިވެރިވިއެވެ.

ޗައިނާ އަސްކަރިއްޔާގެ އިރުމަތީ ކޮމާންޑްގެ ފަރާތުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން މި ތަމްރީންތައް ބޭއްވުމުގެ ބޭނުމަކީ، ހަނގުރާމައިގެ ހަގީގީ ހާލަތަކަށް ތައްޔާރުވެ ތިބޭ މިންވަރު މަތިކުރުމާއި، ސަލާމަތީ ގޮތުން ބަލަހައްޓަންޖެހޭ ކަންކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމެވެ. މި ފަރިތަކުރުންތައް ކުރިއަށް ދިޔައީ ޓައިވާންގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުގަޔާއި ވައިގެ ސަރަހައްދުގައި ކަމަށް ވެސް ޗައިނާގެ އަސްކަރިއްޔާ އިން ބުންޏެވެ.

މި ފަރިތަކުރުންތަކާ ގުޅޭ ގޮތުން ޓައިވާން ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޗައިނާގެ އަސްކަރިއްޔާގެ އެ އަމަލުތަކަކީ ޓައިވާން ސަރަހައްދުގެ ހަމަޖެހުމާއި ސުލްހައަށް ހުރަސްއެޅޭނެ ކަންތައް ކަމަށެވެ. އެ އަމަލުތައް ކުށްވެރިކޮށް ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން، ޓައިވާން ސަރަހައްދުގެ ހަމަޖެހުމާއި ސުލްހަ ގާއިމުކުރުމަކީ ތައިވާންގެ އިތުރުން ޗައިނާގެ ވެސް ޒިންމާއެއް ކަމަށެވެ.

ޓައިވާންގެ އަސްކަރިއްޔާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ތައިވާންގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުން ޗައިނާގެ ހަތަރު މަނަވަރު ވަނީ ފެނިފަ އެވެ. އަދި ތައިވާންގެ ވަށައިގެންވާ ވައިގެ ސަރަހައްދުން ޗައިނާގެ ވައިގެ ސިފައިންގެ 57 އަސްކަރީ މަތިންދާބޯޓު ފެނުނެވެ.

ޗައިނާގެ އަސްކަރީ މަތިންދާބޯޓުތަކުގެ ތެރެއިން 28 މަތިންދާބޯޓެއް ދަތުރުކުރީ ތައިވާންގެ ހުޅަނގު ދެކުނުގައި އޮންނަ ވައިގެ ދިފާއީ ސަރަހައްދުގެ އެތެރެއިންނެވެ. އަދި ބައެއް ބޯޓުތައް ދަތުރުކުރީ ދެ ގައުމުގެ ދެމެދުގައި އޮންނަ އިން ވަކިކުރާ ރޮނގު ހިމެނޭ ސަރަހައްދުންނެވެ. އޭގެ އިތުރުން، ނިއުކްލިއާ ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިގެންވާ، އެޗް-6 މަރުކާގެ ބޮން އަޅާ ދެ ބޯޓު ތައިވާންގެ ދެކުނު ވައިގެ ސަރަހައްދުން ދަތުރުކުރިއެވެ.

  1. ގަލަން

    ޓައިވާނަކީ ޗައިނާގެ ތަނެއް ކަމައް ވަނީ.