އަމީތާބުގެ ކާފަ ދަރިއާއި ޝާހުގެ ދަރި ލޯބީގެ ގޮތުން ގުޅިއްޖެ
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަމީތާބު ބައްޗަންގެ ކާފަ ދަރި އަގަސްތިޔާ ނަންދާ އާއި ޝާހުރުކް ހާންގެ އަންހެން ދަރި ސުހާނާ ހާން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.
މި ވާހަކަ ސޯޝަލް މީޑިއާގައި ދެކެވެމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. މީޑިއާތަކުގެ ސަމާލުކަމަށް މިކަން އައިތާވެސް ދުވަސްކޮޅެއް ވެއްޖެ އެވެ. އެހެންނަމަވެސް ފަލަ ސުރުހީއަށް މި ހަބަރު އަރާފައި މިވަނީ ދާދި ފަހުންނެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ސުހާނާ އާއި އަގަސްތިޔާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްތަކެއް ވެއްޖެ އެވެ. މިދިޔަ އަހަރުގެ ކްރިސްމަސް ސެލެބްރޭޝަންގެ ތެރެއިން ބޮލީވުޑްގެ ކަޕޫރު އާއިލާއިން ބޭއްވި އެއްވުމަކަށް ދެތަރިން ދިޔައީވެސް އެއްކޮށެވެ. އަދި މިހާރު އަގަސްތިޔަ އޭނާގެ މައިން ބަފައިންނާއި އާއިލާއަށް ސުހާނާ، ލޯބިވެރިޔާގެ ގޮތުގައި ތައާރަފުކޮށްދީފައިވާކަމަށްވެސް މީޑިއާތަކުން ބުނެ އެވެ.
މިދެތަރިން ދިމާވި ކަމަށް ބުނަނީ ސުހާނާ ފުރަތަމަ ކުޅުނު ޒޯޔާ އަކްތަރުގެ "ދަ އާރޗީސް" ގެ ސެޓުންނެވެ. އޭގެ ފަހުން ދެމީހުން ގުޅުން ބާއްވަމުން އައިނަމަވެސް އެއްވެސް ވަރަކަށް އާންމުންގެ ތެރެއިން އެކީގައި ފެނިފައެއް ނުވެ އެވެ.
އަގަސްތިޔަގެ މަންމަ އަކީ އަމީތާބުގެ ދޮށީ ދަރި ޝްވެތާ ބައްޗަން ނަންދާ އެވެ. ޝްވެތާ ސުހާނާއާއި ވަރަށް ރުހޭކަމަށް ރިޕޯޓުތައް ބުނެ އެވެ. ސުހާނާގެ ބައްޕަ ޝާހު އަށާއި މަންމަ ގޯރީ ހާން އަށް މި ގުޅުމުގެ ވާހަކަ އެނގުނު ނަމަވެސް އޭގެ މާ ބޮޑު ތަފްސީލެއް ރިޕޯޓުތަކުގައި ދީފައެއް ނުވެ އެވެ.
ސުހާނާއާއި އަގަސްތިޔަ އަވަސް މުސްތަގުބަލެއްގައި އާންމުންގެ ތެރެއަށް ފާޅުގައި ނިކުންނާނެކަމަކަށް ނުބެލެވެ އެވެ. އެއީ ސުހާނާގެ އެކްޓިންގް ކެރިއަރު އަދި ފެށުނީ ނިމިދިޔަ އަހަރުކަމަށް ވެފައި ލޯބީގެ ގުޅުމުގެ ސަބަބުން އޭނާގެ ކެރިއަރަށް ހިޔަނި އެޅިދާނެތީ އެވެ.
ނަސީބެއްނު އަމީތާބު މާމަ ދަރިޔަކާ ނޫންކަން.