ޞާލިޙްގެ މަލާމަތް ނަޝީދަށް: ސާކް ސަމިޓަށް ގެނައި ގޮނޑިތައް ވެސް ގެންދިޔައީ މާލެ

ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑުއަށް ގެނެސް ދެއްވާފައިވާ ތަރައްޤީއަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ތާއީދު ހޯއްދެވުމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އިއްޔެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުން ވެސް އައްޑޫ އަށް ކަންތައްތަކެއް ކޮށްދިނުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ވެރިކަމުގެ ހަތަރު އަހަރު އެ ސިޓީގައި ކުރަން ފެށި މަސައްކަތްތަކާއި ކުރީ ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާއި އަޅާ ނުކިޔޭނެ ކަމަށް ވިދާޅުވިއެވެ.
“ކުރީގެ ބައެއް ސަރުކާރުތަކުން މަސައްކަތްތަކެއް ކުރެވޭތޯ ބަލާފައި އެބަހުރި. އެހެންނަމަވެސް އެއިން ކޮންމެ ކަމެއްވެސް މިހާތަނަށް ކުރެވިފައި ހުރީ ވަގުތީ ހައްލެއް ހޯދައި ދިނުމަށް. ސާކް ސަމިޓާ ދިމާކޮށް ކޮށްފައި ހުރި ކަންކަން ކުރެވިފައި އެ ހުރީކީއެއް، ދާއިމީ ހައްލެއް އެއަށް ލިބޭ ގޮތަކަށް ނޫން” ރިޔާސ ޕްރައިމަރީގައި ވާދަވެރި ކެނޑިޑޭޓް ރައީސް ނަޝީދުގެ ވެރިކަމުގައި އައްޑޫގައި ބޭއްވި ސާކް ސަމިޓްއާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވިއެވެ.
"ސާކް ސަމިޓު ނިމިގެން ދިޔައިރުގައި ވެގެން ދިޔަ ގޮތް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އެތާ ހުރި ގޮނޑިކޮޅާ އެއްޗެހި ހިފައިގެން އޭރުގެ ސަރުކާރުން ދިޔައީ (މާލެއަށް)"
އޭގެ އިތުރުން ރައީސް ޞާޅިޙް ވަނީ ވެސް ސާކް ސަމިޓަށް އައްޑޫއަށް މަގުހެދުމުގައި އަމަލު ކުރި ގޮތަށް ފާޑުވިދާޅުވެފައެވެ. ބޮޑެތި ގަސްތައް ކަނޑާލައިގެން އެކަން ކޮށްފައިވަނީ އެންމެ ދެމެހެެއްޓެނިވި ގޮތުގައި ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.




.webp)

ކޮމެންޓް