ބޮލީވުޑް މުނިފޫހިފިލުވުން

ނޯރާ ނަށާކަން އެނގުމުން މަންމަމެން ރުޅި އައި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ނޯރާ ފަތޭހީ

ބޮލީވުޑް ތަރި ނޯރާ ފަތޭހީ އަކީ ކާކުކަން އިނގޭހެއްޔެވެ؟

Ads by Sosun Fihaara

30 އަހަރުގެ ޒުވާން ބަތަލާއަކީ މިހާރު ބޮލީވުޑްގައި ހުރި އެންމެ އަގުބޮޑު އެއް ތަރިއެވެ. އޭނާގެ އައިޓަމް ލަވަތަކުން ބޮލީވުޑްގެ ފިލްމުތައް ފަޅު ފިލުވަމުން ދާއިރު ފަހުގެ އަހަރުތަކުގައި އޭނާ ވަނީ ބޮޑު މަގުބޫލުކަމެއް އާންމުންގެ މެދުގައި ހޯދައިފައެވެ. މިދިޔަ އަހަރު ބޭއްވި ފީފާ ވޯލްޑްކަޕް މުބާރާތުގެ އޮފިޝަލް ލަވައިން ފެނުނު ނޯރާ ވަނީ އެ މުބާރާތުގެ އެކި ސެލެބްރޭޝަންތަކުގައި ހުށަހެޅުއްތައް ހުށަހަޅައިދީފައެވެ.

ހިންދީ ބަހުން ވާހަކަ ދައްކައި އިންޑިއާގައި މަސައްކަތް ކުރިނަމަވެސް ނޯރާއަކީ އިންޑިއާއަށް އުފަން، އިންޑިއާ މީހެއް ނޫނެވެ. ނޯރާގެ ބައްޕަ އަކީ ކެނެޑާއަށް ނިސްބަތްވާ މީހެކެވެ.

މަންމަ އަކީ މޮރޮކޯ މީހެކެވެ. ނޯރާގެ މަންމައާއި ބައްޕަ ކައިވެނި ކުރުމަށްފަހު ބައްޕަ ވަނީ މުސްލިމަކަށް ބަދަލުވެފަ އެވެ. އޭގެ ފަހުން އާއިލާ ދިރިއުޅެމުން ދިޔައީ ކެނެޑާގައެވެ. ނޯރާ ވިހެއީ 1992 ވަނަ އަހަރު ކެނެޑާއަށެވެ.

ބޮޑުވަމުން އައިއިރު ނެށުމަށް ޝައުގުވެރިކަން އުފެދުނު ނޯރާ ގޭތެރޭގައި އުޅޭއިރު ނަށައި ހަދައެވެ. އެހެންނަމަވެސް އެކަން އޭނާގެ މައިންބަފައިންނަށް ކަމަކު ނުދިޔައެވެ. އެހެންވެ ނެށުން މަނާކުރިއެވެ. އެކަމަކުވެސް ނޯރާ ދިޔައީ ކޮޓަރި ތަޅުލައިގެން އަމިއްލައަށް ނަށައި ފޯނަށް ވީޑިއޯ ރެކޯޑު ކުރަމުންނެވެ.

މި ވީޑިއޯތައް ރައްޓެހިންނަށް ދެއްކުމުން އެމީހުން ކުރަމުންދިޔަ ތައުރީފުގެ ސަބަބުން ނޯރާއަށް އާ ހިތްވަރެއް ލިބުނެވެ. އެހެންވެ ނެށުމަކީ އޭނާއަށް ކުރެވިދާނެ ކަމެއްކަން އެނގުނެވެ.

އެދުވަސްވަރު ނޯރާ ދިޔައީ ޔޫޓިއުބް ވީޑިއޯތައް ބަލައިގެން ނަށަން ދަސް ކުރަމުންނެވެ. އަދި މަޑުމަޑުން ހިންދީ ބަސް ދަސްކޮށް ބޮލީވުޑަށް ޝައުގުވެރިކަން އުފައްދަމުންނެވެ. ވަކި ހިސާބަކުން ނޯރާގެ މަންމަ އާއި ބައްޕަ ދުރުވާން ނިންމިއެވެ. ބައްޕަ ގެއިން ނިކުމެގެން ދިޔުމާއިއެކު އާއިލާއަށް ހަރަދު ކުރަން ނޯރާ ކޮލެޖުން ވަކިވިއެވެ. އަދި މަސައްކަތް ކުރަން ފެށިއެވެ. އޭނާ އިންޑިއާއަށް ބަދަލުވީ އޭގެ ދުވަސްކޮޅެއް ފަހުންނެވެ.

އެންމެ ފުރަތަމަ ނޯރާ ގުޅުނީ ރިއަލިޓީ ޝޯއެއްގެ ބައިވެރިއެއްގެ ގޮތުގައެވެ. އޭގެ ފަހުން މޮޑެލް ޕްރޮޖެކްޓުތައް ނަގައި މަޑުމަޑުން މަސައްކަތް ކުރަން ފެށިއެވެ. އޭގެ ފަހުން ލޯ ބަޖެޓު ފިލްމެއްގައި 2014 ވަނަ އަހަރު މަސައްކަތް ކުރިއެވެ. އައިޓަމް ލަވައަކުން ފެނުމުގެ ފުރުސަތު ފުރަތަމަ ލިބުނީ 2015 ވަނަ އަހަރެވެ. ތަމަޅަ ފިލްމު "ޓެމްޕާ" ގައި ހިމެނުނު ލަވައިން ނޯރާއަށް މާބޮޑު ސަމާލުކަމެއް ނުލިބުނެވެ. ހަމަ އެއަހަރު ހިންދީ ފިލްމު "މިސްޓަރ އެކްސް" ގައި ހިމެނުނު އަލިފް ސޭ އިންވެސް ނޯރާ ފެނުނެވެ. ޕްރޮޑިއުސަރުންގެ ސަމާލުކަން ނޯރާ ދަމައިގަތީ މިހާ ހިސާބުންނެވެ. އެހެންނަމަވެސް ބެލުންތެރިންގެ ސަމާލުކަން އޭނާއަށް ލިބުނީ ހަމަ އެ އަހަރު ރިލީޒްވި "ބާހޫބަލީ: ދަ ބިގިނިންގް" ގައި ހިމެނުނު މަނޯހަރީ ލަވައިންނެވެ.

ކާމިޔާބު ފެށުމަކާއިއެކު ނޯރާ ދިޔައީ ވަރަށް ހަލުވި ދުވެއްޔެއްގައި އައިޓަމް ލަވައަކަށްފަހު ލަވައެއް ކުޅެމުންނެވެ. މިހައިތަނަށް އޭނާގެ 17 އައިޓަމް ލަވަ ފެނިގެން ގޮސްފައިވާއިރު ބައެއް ފިލްމުތަކުންވެސް އޭނާ ފެނިގެން ގޮސްފިއެވެ. މިހާރު ނޯރާ އަކީ އޭނާ ކޮންޓެސްޓެންޓެއްގެ ގޮތުގައި ބައިވެރިވި މުބާރާތުގައި ޖަޖެކެވެ. އަނެއްކޮޅުން ބޮލީވުޑްގެ އެންމެ އަގުބޮޑު އެއް ތަރިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ނޯރާގެ ނެޓް ވޯތު މިހާރު 5 މިލިއަން ޔޫއެސް ޑޮލަރަށް އަރައެވެ. ލަވައެއް އޭނާ ކުޅެދެނީ 40 ލައްކަ ރުޕީސް އަށެވެ. އަދި ބްރޭންޑް ޕްރޮމޯޝަނެއް 5 ލައްކަ ރުޕީސް އަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!