ޚަބަރު ސިޔާސީ

މި ވެރިކަމުގައި މީދޫއަށް ފަތުއަޑު ކިޔާފައި ތަރައްޤީ އެބަ ލިބޭ: ރޮޒައިނާ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި އައްޑޫ ސިޓީ މީދޫއަށް "ފަތުއަޑު ކިޔާފައި" ތަރައްޤީ އަންނަމުންދާ ކަމަށް އެ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

Ads by MWSC

އެމްޑީޕީގެ ފަރާތުން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓު ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނުގައި އައްޑޫ ސިޓީ މީދޫގައި ބޭއްވި ޖަލްސާގައި، މި އިންތިޚާބުގައި ވާދަކުރައްވާ ރައީސް ޞާލިޙަށް ތާއީދު ކުރައްވާ ރޮޒައިނާ ވިދާޅުވީ އެމްޑީޕީ ކުރިއަށްދާނީ އެމަނިކުފާނާ އެކުގައި ކަމަށާއި، ފަހަތަށް ޖެހުމެއް ނެތް ކަމަށެވެ.

އަދި އެމަނިކުފާނަކީ މީދޫގެ ރައްޔިތުންނަށް ލިބުނު ޖަވާހިރެއް ކަމަށް ވިދާޅުވެ، މީދޫއިން ރައީސްއަށް ވޯޓު ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ޞާލިޙަކީ މީދޫގެ ރައްޔިތުންނަށް ލިބިފައިވާ ޖަވާހިރެއް ކަމަށާއި، އެ ޖަވާހިރު ދޫކޮށް ނުލާނެ ކަމަށެވެ.

ރައީސް ޞާލިޙު ވެރިކަމަށް ވަޑައިގަތުމުން، މީދޫގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގުނުއިރު، މީދޫއާ ހުޅުމީދޫ ކުރިން އޮތީ ބާކީ ވެފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީދޫގެ ރައްޔިތުންނަކީ ތަރައްޤީއަށް ފެންބޮވައިގެންފައި ތިބި ބަޔަކު އުޅޭ ރަށެއް ކަމަށް ވިދާޅުވެ، އެރަށަށް މި ވެރިކަމުގެ ކުރިން ތަރައްޤީ ލިބިފައި ނުވާ ކަމަށްވެސް ރޮޒައިނާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މީދުއަށް އައިސް، ފުރަތަމަ ފައިބާއިރުގައި، މި ބަނދަރަކީ ރައީސް ޞާލިޙު އަޅުއްވައިދެއްވާފައިވާ ބަނދަރެއް. ދެން ކުޑަ ތަންކޮޅެއް ހިނގާލާފައި ގޮސް، އަރިމައްޗަކަށްދާއިރުގަ ފެންނަން އެހެރަ ފުޓްސަލް ދަނޑަކީ އިހަކަށް ދުވަހު ހުޅުވި، މި ސަރުކާރުން ކޮށްފައިވާ މަސައްކަތެއް." މީދުއަށް މި ސަރުކާރުން ކޮށްދީފައިވާ ބައެއް ކަންކަމަށް އަލިއަޅުވައިލައްވައި، ރޮޒައިނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މީދުއާ ހުޅުމީދޫއަށް އެންމެ ގިނަ މަސައްކަތްތައް ކޮށްދެއްވީ ރައީސް ޞާލިޙު ކަަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާ ގޮތަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. މި އިންތިޚާބުގައި ރައީސް ޞާލިޙާ ވާދަ ކުރައްވަނީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދެވެ.

Ads by Allied Insurance
  1. Anonymous

    މިވެރިކަމުގައި ފަތުއަޑުކިޔާފަ ހަޔާތް ކުޑަ އަންހެން ގަނޑަކު މީދޫމީހުންގެ ބޮލައް ސަވާރުވެގެން ދައުލަތުގެ ޙަޒާނާ ބަނޑު އެބަ އަޅާ މިޙައިނުގެ ލަދު ހަޔާތުގެ ކަން ފުޅެއްވެސް ހުރި ހެން ހީ ނުވޭ މިވަގު އަންހެނާގެ މުސީބާތުން މިންޖު ކުރައްވައި ފާދޭވެ އާމީން