އަދުރޭގެ ރައްދު ރައީސް ޞާލިޙަށް: ޣައްދާރުން އޯކޭއެއްނޫން، އެކުގައި މަސައްކަތް ނުކުރާނަން
ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއެކު މަސައްކަތްޕުޅު ކުރައްވަން އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލްޤައްޔޫމް ބޭނުންފުޅު ނުވާ ކަމަށް އިދިކޮޅުގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ، ރައީސް ޔާމީން އޯކޭ ނޫން ކަމަށާއި ރައީސް ޔާމީނާއެކު ކުރާނެ އެއްވެސް ސިޔާސީ މަސައްކަތެއް ނޯންނާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވާ ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ.
އެމްޑީޕީ ޕްރައިމަރީ ކެންޕެއިންގެ ތެރެއިން ރައީސް ނަޝީދު ވަނީ ރައީސް ޔާމީނަށް ތައުރީފް ކުރައްވަވާ އެމަނިކުފާނަކީ ވިޝަނަރީ ލީޑަރެއް ކަމަށް ވިދާޅުވެފައެވެ. އެ ވާހަކަފުޅަށް ރައްދު ދެއްވަމުން ރައީސް ޞާލިޙް ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ކަންތައް ކުރިގޮތް ހަނދާނުން ނުފިލާ ކަމަށާއި އެކުގައި މަސައްކަތް ނުކުރައްވާނެ ކަމަށެވެ.
މި ވާހަކަފުޅަށް ރައްދު ދެއްވަމުން އަދުރޭ ވިދާޅުވީ، ގައުމުގައި ތިބި ޣައްދާރުންނާ އެކު މަސައްކަތް ކުރައްވަން ޔާމީން ނޫޅުއްވާ ކަމަށާއި އެކަން ދުވަހަކުވެސް ނުކުރައްވާނެ ކަމަށެވެ.
"ރައީސް ޔާމީނަކަށް ޣައްދާރުންނެއް އޯކޭއެއް ނޫން. ދިވެހި ތާރީޚް މިހާތަނަށް ދުށް އެންމެ ބޮޑު ޣައްދާރަކީ ރައީސް ޞާލިޙް" އަދުރޭ ވިދާޅުވިއެވެ.