އިންޑިއާގެ ބައެއް ރަށްތަކަށް ޤައުމީ ބަތަލުންގެ ނަމުން ނަންދީފި
އަންޑަމަން އެންޑް ނިކޮބާ އައިލަންޑްސްގެ 21 ޖަޒީރާއެއްގެ ނަން، ގައުމީ ބަތޮލުންގެ ގޮތުގައި ބަލާ ފަރާތްތަކަށް ދެވޭ ޕްރަމްވީރު ޗަކްރާ އެވޯޑް ލިބިފައިވާ ބައެއް ފަރާތްތަކުގެ ނަމުން ނަން ދީފިއެވެ. އަންޑަމަން އެންޑް ނިކޮބާ އައިލަންޑްސްއަކީ ބޭއޮފް ބެންގޯލްގައި ވާ، އިންޑިޔާއަށް ނިސްބަތްވާ، 300 ޖަޒީރާގެ މައްޗަށް އެކުލެވޭ އާކިފެލަގޯއެކެވެ. ހޯމަ ދުވަހު ބޭއްވުނު ވަރޗުއަލް އިހުތިފާލެއްގައި ޖަޒީރާތަކުގެ ނަމަށް ގެނައި ބަދަލު އިއުލާނުކޮށްދެއްވަމުން ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ، މި ގެނެވުނު ބަދަލުގެ ސަބަބުން މި ޖަޒީރާތަކަކީ ކުރިމަގުގެ ގައުމީ ލޭ ހިންގާ ޒުވާނުންނަށް ވަރަށް ބޮޑަށް އުންމީދު ގެނުވާނެ ޖަޒީރާތަކަށް ވާނެކަމުގައެވެ.
އިންޑިޔާގެ ގައުމީ ދިދަ ޓްރައިކަލަރ، 1943 ވަނަ އަހަރު ފުރަތަމަ ވިހުރާލެވުނީ އަންޑަމަން އެންޑް ނިކޮބާ އައިލަންޑަސްގައިކަން، މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނަރެންދުރަ މޯދީ ވަނީ ފާހަގަކުރައްވާފައެވެ. ދިދަ އުފުލާފައިވަނީ ގައުމީ ބަތަލު ނެތާޖީ ސުބާސް ޗަބްދުރާ ބޯސްއެވެ. އަދި މިނިވަން އިންޑިޔާގެ ފުރަތަމަ ސަރުކާރު އެކުލަވާލެވުނީވެސް އަންޑަމަން އެންޑް ނިކޮބާ އައިލަންޑްސްގައި ކަން މޯދީ ފާހަގަކުރެއްވިއެވެ.
މިއަދުގެ ރަސްމިއްޔާތަކީ ސުބާސް ޗަބްދުރާ ބޯސްގެ 126ވަނަ އުފަން މީލާދު ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތެކެވެ. އިންޑިޔާގައި މިދުވަސް އަންނަނީ ގައުމީ ފެންވަރުގައި ފާހަގަކުރަމުންނެވެ. މިއަދުގެ ރަސްމިއްޔާތުގައި ނަރެންދުރަ މޯދީ ވަނީ ސުބާސް ޗަންދުރަ ބޯސްގެ ހަދާނުގައި އަންޑަމަން އެންޑް ނިކޮބާ އައިލަންޑްސްގައި ހެދުމަށް ނިންމާފައިވާ ޚާއްސަ މެމޯރިއަލްއެއްގެ މޮޑެލް އެއްވެސް ދައްކާ ލައްވާފައެވެ.
މީގެ ކުރިން 2018 ވަނަ އަހަރުވެސް އަންޑަމަން އެންޑް ނިކޮބާ އައިލަންޑަސްގެ މައި ތިން ޖަޒީރާއަށް ވަނީ ގައުމީ ބަތޮލުންގެ ނަމުން ނަންދީފައެވެ. މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ޔޫނިއަން ހޯމް މިނިސްޓަރ އަމިތު ޝާހް ވިދާޅުވީ، މިގޮތަށް ޖަޒީރާތަކަށް އެބައެއްގެ ނަމުން ނަން ދިނުމަކީ ގައުމަށްޓަކައި ޖިހާދުވީ ސިފައިން ނުވަތަ ގައުމީ ބަތަލުންނަށް އެހެން އެއްވެސް ގައުމެއްގައި ދެވުނު ޝަރަފެއް ނޫންކަމުގައެވެ. އަދި ބަތަލުންގެ ނަން، ދުނިޔެ ދެމިއޮތްހާ ދުވަހަކަށް ދެމެހެއްޓުމަށްޓަކައި ނަރެންދުރަ މޯދީ މިއަދު މި އެޅުއްވި ފިޔަވަޅުގެ ސަބަބުން އަސްކަރިޔާގެ މެމްބަރުންގެ ހިތްވަރު ވަރަށް ބޮޑަށް އާވެގެން ދާނެކަމަށް މިނިސްޓަރ އަމިތު ޝާހް ވިދާޅުވެފައިވެއެވެ.