ޚަބަރު ސިޔާސީ

"ޖީލެއްގެ ދިރުން" ނަމުގައި ނަޝީދުގެ ޚާއްސަ އިވެންޓެއް ޒުވާނުންނަށް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

"ޖީލެއްގެ ދިރުން" ނަމުގައި ރައީސް ނަޝީދު ޒުވާނުންނަށް ހާއްސަކޮށްގެން މިރޭ މާލޭގައި ސުވާލު ޖަވާބު ޝެޝަނެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

Ads by Hajj Corporation

މިރޭ 8:15 ގައި  ލޮނުޒިޔާރަތް ޕާކްގައި އޮންނަ މިހާއްސަ އިވެންޓުގައި ބައިވެރިވާ ޒުވާނުންނަށް ނަޝީދާ ސުވާލުކުރުމުގެ ފުރުސަތު އޮންނާނެއެވެ.

އަދި މިއިވެންޓް ކުރިއަށް ގެންދާނީ ކޮފީ އާއި މިއުޒިކާއެކުގައި ކަމަށް ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން މައުލޫމާތު ދެއްވައެވެ.

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބަށް ކެމްޕޭން ކުރެއްވުމަށް ރައީސް ނަޝީދު މިވަގުތު ހުންނެވީ އައްޑޫ ސިޓީގައެވެ. އަދި މިއަދު ފުއައްމުލަކަށް ވަޑައިގެންނެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އަދި މިރޭ މާލެ ވަޑައިގެން ޒުވާނުންނާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު އެމަނިކުފާނުގެ ކެމްޕޭން ނިންމާ ޖަލްސާ އޮންނާނީ މިމަހުގެ 26 ވަނަ ދުވަހުގެ ރޭ މާލޭގައެވެ. އަދި ރަސްމީކޮށް ކެމްޕޭން ނިންމުމަށް ބާއްވާ ހާއްސަ ހިނގާލުމެއްވެސް މާލޭގައި މިމަހުގެ 27 ވަނަ ދުވަހުގެ ހަވީރު އޮންނާނެކަމަށް އެމަނިކުފާނުގެ ކެމްޕޭން ޓީމުން މައުލޫމާތު ދެއްވައެވެ.

އިންތިހާބަށް ކުރަމުންދާ ކެމްޕޭނުގެ ފޯރި ގަދަވެފައިވާއިރު ރައީސް ނަޝީދުގެ ވާދަވެރި ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހާއި އެމަނިކުފާނުގެ ޓީމުން ގެންދަނީ ނަޝީދުގެ ކެމްޕޭނުގައި ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ބައިވެރިވާކަމަށާއި އިންތިހާބު ގަޑުބަޑު ކުރުމަށް އިދިކޮޅުން މަސައްކަތް ކުރާކަމަށް ތުހުމަތުކޮށްފައެވެ. އެހެންނަމަވެސް އިދިކޮޅު ޕީޕީއެމުން ދަނީ މި ތުހުމަތުތައް ދޮގުކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!