ކޮވިޑް ކޭސްއެއް ފެނުމާއެކު ނައިފަރަށް އަރާފޭބުން މަނާ ކޮށްފި

ޅ. ނައިފަރުން މީހަކު ކޮވިޑަށް ފައްސިވުމާއެކު އެ ރަށަށް އަރާފޭބުން މަނާކޮށްފިއެވެ.
ނައިފަރު ކައުންސިލާ ހަވާލާދީ "ވަގުތު" ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ފައްސިވެފައި ވަނީ އެ ރަށު "މެގަ އާރު" ބޯޓުގައި މަސައްކަތް ކުރާ ބިދޭސީ ފަޅުވެރިއެކެވެ.
އެ މީހާ މިވަގުތު ހުރީ ސެލްފް އައިސޮލޭޝަންގައި ކަމަށްވާއިރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
އެޗްޕީއޭ އިން މިއަދު ނެރުނު އެންގުމެއްގައި ބުނީ ނައިފަރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ކޮވިޑް-19 އާ ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށެވެ.
އެހެންކަމުން އެ ރަށުގައި ތިބި އެއްވެސް މީހަކު އެޗްޕީއޭ އިން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަ ނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާވާނެ ކަމަށްވެސް ބުނެފައިވެއެވެ.