މިއަދު ހެނދުނު ވޯޓުލުން ފެށިގެން ކުރިއަށްދާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވޯޓު ލުމަށް ގދ. ގައްދޫގައި ގާއިމް ކޮށްފައިވާ އިންތިހާބީ މަރުކަޒުގައި ހަމަނުޖެހުން ހިނގައި ވޯޓުލުން ހުއްޓުވައިފި އެވެ.
ދާދި ދެންމެއަކު އެ މަރުކަޒުގައި ވޯޓުލަމުން ދަނިކޮށް ހަމަނުޖެހުން އުފެދުނީ އިންތިހާބުގައި ވާދަކުރާ ދެ ކެނޑިޑޭޓުންގެ ދެ ފެކްޝަން ދެމެދުގަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި މައްސަލަ ހޫނުވީ ވޯޓުލާން އައި މީހެއްގެ ހަށިގަނޑުގައި ކެމެރާ ހަރުކޮށްގެން ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމުން ކަމަށް ބުނެ އެވެ. މިކަން ކުރީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދު ކުރާ ފަރާތެއްކަމުން އެމައްސަލަ ހޫނުކުރީ ރައީސް މުހައްމަދު ނަޝީދުގެ އޮބްޒާވާ ޓީމުންނެވެ.
ވީޑިއޯތަކުން ފެންނަ ގޮތުގައި ގައްދޫ ވޯޓު ލާން ބަހައްޓާފައި ހުރި ފޮށި ފަޅާލައި ވޯޓާސް ލިސްޓުވެސް ވަނީ އިރާލައިފަ އެވެ. އަދި ވޯޓު ކަރުދާސްތައްވެސް ވަނީ ވީދާ ކުދިކޮށްފަ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަ ގޮތުގައި ގިނަ އަދަދެއްގެ ބަޔަކު ހަމަނުޖެހުން ހިންގާއިރު އެތަނުގައި ހަރަކާތްތެރިވާ ފުލުހުންނަށް ސަލާމަތީ ކަންކަން ބަލަހައްޓަން ވަނީ ނުކުޅެދިފަ އެވެ. އެކަކު އަނެކަކަށް ޖިސްމާނީ ގޮތުން އަނިޔާ ދެމުންދާއިރު މައްސަލަ ފިނިކުރަން އެއް ބަޔަކު މަސައްކަތް ކުރަމުންދާ މަންޒަރުވެސް ފެނެ އެވެ.
މިއަދު ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށްދާ އެމްޑީޕީ ޕްރައިމަރީގައި ގަޑުބަޑު ބޮޑެވެ. މާލޭގައިވެސް ހަތަރު ތިން ވޯޓު ފޮއްޓެއްގެ ވޯޓުލުން ވަނީ ހުއްޓުވައިފަ އެވެ. ލިސްޓުގައި ނަން ނެތް މީހުންގެ ނަމުގައި އާއިލާ މެމްބަރުން ބައެއް ވޯޓުފޮށިތަކަށް ވޯޓުލާ މައްސަލަތަކެއް ފެންމަތިވެފައިވާއިރު ވޯޓުގެ ސައްހަ ކަމާއިމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.