ޚަބަރު ސިޔާސީ

އިމްރާންގެ މެސެޖު: ރައީސް ނަޝީދު އިސްލާހުވާންވީ ވަގުތު ނުޖެހޭތޯ؟

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންނެނި ރައީސް މުހައްމަދު ނަޝީދު އިސްލާހުވެވަޑައިގެން ހެޔޮ ގޮތަށް ބަދަލުވާންވީ ވަގުތު އަދިވެސް ނުޖެހޭތޯ، އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ސުވާލު އުފައްދަވައިފި އެވެ.

ރައީސް ނަޝީދު މިއަދު ވަނީ ދޮންމަނިކު ސްކައިވިއު ގައި އެމަނިކުފާނުގެ ކެމްޕެއިން ޓީމުތަކާއި ބައްދަލުކުރައްވައިފަ އެވެ. ބަލި ގަބޫލު ކުރެއްވިނަމަވެސް އެމަނިކުފާނުގެ ތާއީދު ރައީސް އިބްރާހިމް މުހައްމަަދު ޞާލިހަށް ނޯންނާނެކަން ހާމަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ އެތެރޭގައި ފިކުރެއްގެ ދިރުން ގޮފިތަކެއް އުފައްދަވާނެ ކަމަށެވެ.

މިބައްދަލުކުރެއްވުމަށްފަހު އިމްރާން ކުރެއްވި ޓުވީޓެއްގައި ނުސީދާކޮށް ރައީސް ނަޝީދަށް މެސެޖެއް ދެއްވި އެވެ. ވިދާޅުވީ އެއްގޮތެއް ނުވިއްޔާ އަނެއްގޮތަކުންވެސް ކަނޑައެޅިގެން އިސްލާމް ދީނާއި ދެކޮޅު ފިކުރުތަކެއް މިރާއްޖޭގައި ދިރުވަން ދިވެހި ރައްޔިުން ޖާގަ ނުދޭނެކަން އެނގިއްޖެ ކަމަށެވެ.

"އިސްލާހުވެ ހެޔޮ ގޮތަށް ބަދަލުވާންވީ ވަގުތު އަދިވެސް ނުޖެހޭ ހެއްޔެވެ" އިމްރާން ވިދާޅުވި އެވެ.

އިއްޔެވެސް އިމްރާން ރައީސް ނަޝީދަށް ބަހުގެ ހަމަލާތަކެއް ދެއްވި އެވެ. ވިދާޅުވީ ރައީސްކަން ކުރާހިތްވާ ކޮންމެ ބޭފުޅަކަށް ރައީސްކަން ލިބޭނަމަ މިގައުމުގައި މިހާރު ކިތައް ރައީސުން ތިއްބަވާނެތޯ އެވެ. އަދި ވެރިކަމަކީ ގަދަކަމުން ހޯދޭ އެއްޗެއް ނޫންކަމަށްވެސް އިމްރާން ވިދާޅުވި އެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު އިމްރާން ރައީސް ނަޝީދަށް ތައުރީފު ކުރައްވައި ވާހަކަފުޅު ދެއްކެވި ނަމަވެސް އޭގެ ކުރިންނާއި ފަހުންވެސް އިމްރާނާއި ނަޝީދަކީ ސިޔާސީ ހަތުރުންނެވެ. އިމްރާނާއި ރައީސް ނަޝީދު ސިޔާސީ ގޮތުން އެއްގަލަކަށް އަރާވަޑައިގެންނެވީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކޯލިޝަން ހެއްދެވުމުގެ މަގުސަދުގަ އެވެ.

Ads by Ooredoo
  1. ާރާށިދު

    އިސްލާމް ދީނަކީ ތިބޭފުޅާޔައް ބާވައިލެއްވިދީނެއްނޫ އެއީމުޅި އާލަމްތަކައް ބާވައިލެއްވި ދީނެއް.