ވައިނުސާފުވެ ދުރު ފެންނަވަރު ދަށްވެއްޖެ

ރާއްޖޭގެ ސަހަރައްދުތަކަށް ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ދުރުފެންނަވަރު ދަށްވެއްޖެއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފައިވާގޮތުގައި މިއަދު ރާއްޖޭގެ ބޮޑުބަޔަކަށް އާއްމުކޮށް އުތުރުން ވައިޖެހެމުން ދާއިރު މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި ވައި ނުސާފުވެ ދުރުފެންނަ މިންވަރު ދަށްވެފައިވާކަމަށެވެ.
"އާއްމުގޮތެއްގައި 10 ކިލޯމީޓަރަށް ވުރެ ދުރު ފެނުނު ނަމަވެސް މިއަދު ހެނދުނު 7:00 އިން ފެށިގެން ހާއްސަކޮށް މެދުރާއްޖެތެރޭ ހިމެނޭ ސަރަހައްދުގައި މި މިންވަރުވަނީ އެވްރެޖްގޮތެއްގައި 4 ކިލޯމީޓަރަށް ދަށްވެފައެވެ" މެޓު އޮފީހުން ބުނެފައިވެއެވެ.
މެޓު އޮފީހުން ބުނިގޮތުގައި ދުރުފެންނަ ނިސްބަތް ދަށްވުމުގައި ވައިގެ މިސްރާބާއި ބާރުމިން އަދި ވާރޭ ވެހުން މުހިންމު ދައުރެއް އަދާކުރެއެވެ.
މިފަހަކަށް އައިސް ދޭތެރެ ދޭތެރެއިން ރާއްޖޭގެ ސަރަހައްދުތަކުގެ ދުރުފެންނަ ނިސްބަތް ވަރަށް ބޮޑަށް ދަށްވަމުން ދެއެވެ.