ޚަބަރު ސަރުކާރު

އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް އަދި އެންމެ އިތުބާރު ކުރެވޭ އެއް ރަޙުމަތްތެރިޔާ:ރައީސުލްޖުމްހޫރިއްޔާ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރާއްޖެއަށް ކުރިމަތިވި ގޮންޖެހުންބޮޑު އުނދަގޫ ހާލަތްތަކުގައި އިންޑިއާވެފައި ވަނީ، ރާއްޖޭގެ އެންމެ ގާތް އަދި އެންމެ އިތުބާރު ކުރެވޭ އެއް ރަޙުމަތްތެރިޔާއަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އިންޑިއާގެ 74ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި، ރާއްޖޭގެ ތަރައްޤީއަށް އިންޑިއާއިން ފޯރުކޮށް ދެމުންގެންދާ އެހީތަކަށާއި، ކޯވިޑް-19އާ ދެކޮޅަށް ރާއްޖެއިން ކުރި މައްސައްކަތްތަކުގައި އިންޑިއާއިން ފޯރުކޮށްދީފައިވާ އެހީތައް ފާހަގަކުރައްވާފައެވެ. އަދި އިންޑިއާގެ ޖުމްހޫރީ ޙަޔާތުން މިފެށުނު އައު އަހަރުގައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަޤީންކުރައްވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ހަމައެހެންމެ އިންޑިއާއަކީ އެޤައުމުގެ ދުސްތޫރީވެރިކަން ހިންގުމުގައި ރާއްޖެފަދަ ޑިމޮކްރަސީގެ ޅަފަތުގައިވާ ޤައުމުތަކަށް އަލިގަދަ ނަމޫނާއެއް ކަމުގައި ފާހަގަކުރައްވައި ރައީސް ވިދާޅުވީ އިންޑިއާގެ ޤާނޫނު އަސާސީ އެކުލަވައިލި ފަރާތްތަކުގެ ދުރުވިސްނުމާއި ތަޞައްވުރަކީ ފުރިހަމަ ނަމޫނާއެއްކަމަށެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ވޭތުވެދިޔަ އަހަރުތަކުގައި އިންޑިއާގެ ކުރިއެރުމަށާއި ތަރައްޤީއަށް އަދި ހަމަޖެހުމަށް އެޤައުމުން ކަޑައްތުކުރި ދަތުރު ސާބިތުކަމާއި ވިލުންވެރިކަމާއެކު ދައްކުވައިދީފައިކަމުގައި ވިދާޅުވެ އެކަމަށް ތަޢުރީފް ކުރައްވާފައެވެ. އަދި އިންޑިއާގެ ޤާނޫނުއަސާސީން ވަނީ އެ ޤައުމުގެ ސިޔާދަތާއި، ހުރިހާ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދީފައިކަމަށާއި އިންޑިއާގެ ކާމިޔާބީގައި އެޤައުމުގެ ޤާނޫނު އަސާސީ މުހިއްމު ދައުރެއް އަދާކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިންޑިޔާގެ އެންމެހައި ކަންކޮޅުތަކެއްގައި، ޢަދުލުވެރި އަދި ޝާމިލު ތަރައްޤީ ފެތުރުމުގެ ބާރު ލިބިދެނީވެސް އިންޑިއާގެ ޤާނޫނުއަސާސީންނާއި، އިންޑިއާގެ ވެރިންގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ. އަދި ޤައުމީ ތަރައްޤީއަށް ބުރުލެއް ނާރުވައި، ތަފާތު މުޖުތަމައުތައް އެއްބައިކޮށް، މުޖުތަމަޢުގައި ނަމޫނާ ހަމަކަމެއް ޤާއިމުކުރުމަށް މަސައްކަތްކުރެވިދާނެކަން، އިންޑިއާއިން މިހާރުވެސް އަންނަނީ ދުނިޔެއަށް ދައްކައިދެމުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ 74ވަނަ ޖުމްހޫރީ ދުވަހުގެ މުނާޞަބަތުގައި، އިންޑިއާގެ ރައީސާ ދްރައުޕަތީ މުރުމުއަށާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި އިންޑިއާގެ ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގަޔާއި، ދިވެހި ރައްޔިތުންގެ ނަމުގައި ދުވަހުގެ ހެޔޮއެދުންތަކާއި ތަޙްނިޔާ ފޮނުއްވާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!