އިޖުތިމާޢީ

ޤިޔާމަތުގެ ބޮޑެތި އަލާމާތްތަކުގެ ތެރެއިން، މަޙްދީގެފާނު ފައުޅު ކުރެއްވުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޤިޔާމަތް ދުވަހުގެ ބިރުވެރިކަން ކުރިމަތިވާނެ ވަގުތެއް ނޭނގޭ ކަަމާއި، އެ ބިރުވެރިކަން ކޮންމެ ވަގުތެއްގައިވެސް ކުރިމަތިވެދާނެކަމީ އަޅުގަނޑުމެން މުސްލިމުން ޤަބޫލު ކުރާ ހަޤީޤަތަކެވެ. ޤިޔާމަތް ވުމުގެ ކުދި އަލާމާތްތަކުގެ ތެރެއިން ގިނަ ކަންކަން އަޅުގަނޑުމެންގެ ލޯމައްޗަށް މިހާރުވެސް ފެންނަމުންދާ ކަމަށް އިލްމުވެރިން ވިދާޅުވަމުން ގެންދަވައައެވެ.

Ads by STELCO

ޤިޔާމަތުގެ ކުރިން ފެންނާނެ އެއް ކަމަކީ މާތް ނަބިއްުޔާ މުޙައްމަދު (ސ.އ.ވ)ގެ ޢާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ މަހްދީގެފާނު ފައުޅުވުމެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މަޙްދީގެފާނުގެ އަސްލު ނަމަކީ ކީރިތި ރަސޫލާ (ސ.އ.ވ)ގެ ވެސް ނަންފުޅެވެ.

އެއީ މުޙައްމަދު އިބްނު އަބްދުﷲއެވެ. މަހްދީގެފާނު ވަޑައިގަންނަވާނީ މުޅި ދުނިޔެ، ވަރަށް ބޮޑަށް އިންސާފަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައެވެ. މަހްދީގެފާނު ވަޑައިގެން، މުޅި ދުނިޔޭގައި އިންސާފު ޤާއިމު ކުރައްވައި، މުސްލިމުންނާއެކު މުޅި ދުނިޔެވެސް ބަދަލު ކުރައްވަވާނެއެވެ.

ޢިލްމުވެރިން ބަޔާންކުރައްވަނީ މަޙްދީގެފާނަކީ މި ކުދި ޢަލާމާތްތަކާ ބޮޑެތި ޢަލާމާތްތަކާ ދެމެދުގައި އެޅޭ ފާލަމެއްގެ ގޮތުގައެެވެ. އެއީ ކުދި ޢަލާމާތްތައް ނިމޭއިރު މަޙްދީގެފާނު ދުނިޔޭގަ ހުންނަވާނެއެވެ. ދައްޖާލު ފާޅުވެގެން އަންނާނީ އިމާމް މަޙްދީ ހުންނަވަނިކޮށެވެ. 

މަޙްދީގެފާނަކީ ރަސޫލާ(ސ.އ.ވ)ގެ ސިފަފުޅުތަކެއް ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމުގައި ބުނެވެއެވެ. ޖިސްމާނީ ގޮތަކުން ނޫނެވެ. ރިވެތި އަޚްލާާޤާ، ޚުލްޤުގެ ގޮތުންނެވެ.

މަޙްދީގެފާނުގެ ދުވަސްވަރަކީ އަނިޔާވެރިކަން ހައްދުފަހަނައަޅާފައިވާނެ ދުވަސްވަރެކެވެ. މާތް ﷲ މަހްދީގެފާނަށް ވެރިކަން ދެއްވައި، އިސާހިތަކު މީސްތަކުންގެ މެދުގައި ޢަދުލުވެރިކަން ޤާއިމުކުރައްވާނެއެވެ. މީސްތަކުންނަށް އުފާ ފާގަތިކަން ގެނެސްދެއްވާނެއެވެ. އަބޫ ސަޢީދުލް ޚުދްރީ رَضِيَ اللهُ عَنْهُ ގެ ކިބައިން ރިވާވެފައިވެއެވެ. رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. ((الْمَهْدِيُّ مِنِّي، أَجْلَى الْجَبْهَةِ، أَقْنَى الْأَنْفِ، يَمْلَأُ الْأَرْضَ قِسْطًا وَعَدْلًا، كَمَا مُلِئَتْ جَوْرًا وَظُلْمًا، يَمْلِكُ سَبْعَ سِنِينَ)) (رواه أبو داود (4285)، والحاكم (4/600). والحديث سكت عنه أبو داود، وقال الحاكم: صحيح على شرط مسلم، وقال الذهبي في ((تلخيص العلل المتناهية)) (319): إسناده صالح، وجوّد إسناده ابن القيم في ((المنار المنيف)) (ص: 109)، وحسنه ابن حجر في ((تخريج مشكاة المصابيح)) (5/120) كما قال ذلك في المقدمة.) މާނައީ: "މަހްދީގެފާނު ވަނީ ތިމަންކަލޭގެފާނުގެ ފުށުންނެވެ. ނިތްކުރިފުޅު ތަނަވަސްވެފައި، ނޭފަތްޕުޅު ރީތިވާނެއެވެ. ޢަދުލު އިންޞާފުން ބިން ފުރާލައްވާނެއެވެ. އޭގެކުރިން އަނިޔާވެރިކަމުން ބިން ފުރިގެންވި ފަދައިންނެވެ. ހަތްއަހަރު ވެރިކަން ކުރައްވާނެއެވެ."

ދުނިޔޭގެ މައްޗަށް އަންނާނެ އެންމެބޮޑު އެއްފިތުނަ ކަމުގައިވާ ދައްޖާލުގެ ފިތުނަ ފާޅުވާނީ މަހްދީގެފާނުގެ ޒަމާނުގައެވެ. އަދި މާތް ﷲގެ ރަސޫލާ ޢީސާ عَلَيْهِ السَّلامُ ފައިބާވަޑައިގަތުން ހިނގާނީވެސް އެދުވަސްވަރުގައެވެ. ޢީސާގެފާނު ވަޑައިގެން މަހްދީގެފާނުގެ ފަހަތްޕުޅުގައި ނަމާދުކުރައްވާނެއެވެ. ޞަހީޙު މުސްލިމުގައި އައިސްފައިވާ ޙަދީޘެއްގައިވެއެވެ. "ފަހެ، މަރްޔަމްގެފާނުގެ ދަރިކަލުން ފައިބާވަޑައިގަތުމުން، މީސްތަކުންގެ އަމީރު ދަންނަވާނެތެވެ. 'ވަޑައިގެން ތިމަންމެނަށް (އިމާމެއްގެ ގޮތުގައި) ނަމާދުކޮށް ދެއްވާށެވެ!' އެހިނދު އެކަލޭގެފާނު ވިދާޅުވާނެއެވެ. 'ނޫނެކެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ އެއްބަޔަކީ އަަނެއްބައެއްގެ މައްޗަށްވާ އަމީރުންތަކެކެވެ.' رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އެހެން ޙަދީޘެއްގައި އައިސްފައިވެއެވެ. ((مِنَّا الَّذِيْ يُصَلِّي عِيْسَى بْن مَرْيَمَ خَلْفَهُ)) (رواه أبو نعيم في ((الأربعون في المهدي)) (64). وصححه الألباني في ((سلسلة الأحاديث الصحيحة)) (2293).) މާނައީ: "ތިމަންމެންގެ ތެރޭގައި (އެބަހީ؛ މި އުއްމަތުގައި) އެބޭފުޅެއްގެ ފަހަތްޕުޅުގައި މަރްޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނު ނަމާދުކުރައްވާނެ ބޭފުޅަކުވެއެވެ." މީގެފަހުގައި މުސްލިމުންނައިގެން ޢީސާގެފާނު ވަޑައިގެން ދައްޖާލު ޤަތުލުކުރައްވާނެއެވެ.

މަހްދީގެފާނު މުސްލިމުންގެ އަމީރެއްގެ ގޮތުގައި ހަތް އަހަރު، އަދި އަށް އަހަރު، ނުވަތަ ނުވަ އަހަރު ހުންނަވާނެކަމަށް އައިސްފައިވެއެވެ. އޭގެފަހުގައި މަހްދީގެފާނު އަވަހާރަވާނެއެވެ. އޭގެފަހުން އަންނާނެ ފިތުނަތައް ބޮޑުކަމާއި، ހެވެއް ދެންނާންނާނެކަން ބަޔާންކުރައްވައި رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ވަނީ މަހްދީގެފާނަށްފަހު ދުނިޔޭގައި ހުރުމުގެ ހެވެއް ނެތްކަން ބަޔާންކޮށް ދެއްވާފައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!