އިދިކޮޅު ލީޑަރޝިޕްގައި ތިބި ބޭފުޅުންގެ އަސްލު މަޤުސަދު ދަނީ ހާމަވަމުން: އިމްރާން

އިދިކޮޅު ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުންގެ އަސްލު މަޤުސަދަކީ ރައީސް ޔާމީން ސަލާމަތް ކުރުންނޫންކަމަށާއި އެމީހުންގެ އަސްލު މަޤުސަދު ދަނީ ދުވަހެއް ދުވަހަކަށް ހާމަވަމުން ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ލީޑަރޝިޕަށް ފާޑު ވިދާޅުވެ މިނިސްޓަރ މިއަދު ވިދާޅުވީ އިހުލާސްތެރިކަމާއެކު ރައީސް ޔާމީން މިނިވަން ކުރުމަށް އުޅުއްވާ ބޭފުޅުންނަށްވުރެ އިދިކޮޅު ލީޑަރޝިޕްގެ ގިނަ މީހުންގެ އޮތީ އެހެން މަޤުސަދެއްކަމަށެވެ.
"އިހުލާސްތެރިކަމާއެކު ރައީސް ޔާމީން ސަލާމަތް ކުރުމަށް އުޅުއްވާ ބޭފުޅުންނަށްވުރެ ލީޑަރޝިޕްގައި ގިނައީ އެހެން މަޤުސަދެއް ހާސިލްކުރައްވަން އުޅުއްވާ ބޭފުޅުންކަން އެއްދުވަހުން އަނެއްދުވަހަށް ހާމަވާ މިންވަރު ބޮޑުވަމުން އެބަ ދެއެވެ" އިމްރާން ވިދާޅުވިއެވެ.
އިމްރާން މިހެން ވިދާޅުވީ އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާތީ އިދިކޮޅުގެ އެންމެ ބޮޑު މަސައްކަތަކީ އެމަނިކުފާނު މިނިވަން ކުރުންކަމުގައިކަމަށާއި އެންމެ ބޮޑަށް ފޯކަސް ކުރަނީވެސް އެކަމަކަށް ކަމަށް ބުނެފައިވަނިކޮށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އިދިކޮޅުން މިހާރު ދަނީ ހޯޕް ކޮންފަރެންސްގެ ނަމުގައި ކެމްޕޭނެއް ކުރިއަށް ގެންދަމުންކަން ފާހަގަކޮށްލެވެއެވެ. މިކޮންފަރެންގެ ތެރެއިން މިއަދުވަނީ "ބުންވަރު" ނަމުގައި ބޮޑު ހިނގާލުމެއްވެސް ކުރިއަށް ގެންގޮސްފައެވެ.