ނަފްސާނީ ސިއްޙަތާ ގުޅޭ ޚިދުމަތްތައް ލިބޭނެ ގޮތް ހަދަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު މިއަދު މަޖިލީހަށް ހުށަހެޅުއްވި ޤަރާރުގައި ވަނީ ނަފްސާނީ ޞިއްޙަތު ނުވަތަ ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ހިދުމަތްތަކާއި ނަފްސާނީ ސިއްހަތުގެ ފަރުވާ ދިނުމާބެހޭ ހަރުދަނާ އޮނިގަނޑެއް ރާއްޖޭގައި ނެތް ކަަމަށާއި، ރާއްޖޭގެ އާބާދީއާ އެކަށޭނަ މިންވަރަށް އެ ޚިދުމަތްތައް ލިބެން ނެތުމާއި، ސަރުކާރުން ހިންގަވާ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗުން ވެސް އެފަދަ ބަލިތަކުގެ ފަރުވާ ހޯދުމަށް ބޭނުންވާ މީހުންގެ ވެއިޓްލިސްޓަށް ބެލިނަމަވެސް އަބަދުވެސް ބޮޑު ކިއު އެއް އޮންނަ ކަމަށެވެ.
ނަފްސާނީ ގޮތުން ބަލިތައް ތަޙައްމަލު ކުރާ މީހުންނަށް ބޭނުންވާ އަވަސް ފަރުވާ ނުލިބޭކަން ފާހަގަކުރައްވައި ޤަރާރުގައި ވަނީ، މިފަދަ ބަލިތަކަށް ފަރުވާ ދިނުމުގައި މާލެއާއި އަތޮޅުތެރޭގައި ހުރި ބޮޑު ތަފާތު ކުޑަކުރަން ގޮވައިލައިފައެވެ.
އަދި އެ ޚިދުމަތް ހޯދަން ފަންނީ އަދި ޓެކްނިކަލް މީހުން ރާއްޖެއިން މީހުން ނުލިބޭތީ ބޭރުން ބޭރުން މީހުން ހޯދެން އޮތް އިރުވެސް އެގޮތަށް އަމަލު ނުކުރާ ކަމަށާއި، އެ ބޮޑު މައްސަލައަށް ހައްލެއް ހޯދަން ނަފްސާނީ ބަލިތަކަށް ބޭނުންވާ ފަރުވާ ދިނުމަށް އެކަށީގެންވާ ނިޒާމެއް އަތޮޅު ތެރޭގައި ދެވޭ ފަދަ ގޮތަކަށް ޤާއިމުކޮށް ހަރުދަނާ ނިޒާމެއްގެ ތެރެއިން ނަފްސާނީ ސިއްޙަތުގެ ޚިދުމަތްތައް އެކަށޭނެ ގޮތެއްގައި ލިބޭނެ ގޮތް ހެދުމަށްވެސް ރިޔާޒުގެ ޤަރާރުގައި ވަނީ ގޮވައިލައްވައިފައެވެ.