ޚަބަރު އިޖުތިމާޢީ

ޑްރަގް އެތެރެކުރި ފަރާތް ހައްޔަރުނުކޮށް ދޫކޮށްލުމަކީ ބަލައިގަނެވޭނެކަމެއްނޫން: ޑރ. ޝަހީމް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރާއްޖެއަށް ޑްރަގް އެތެރެކުރި ފަރާތް ހައްޔަރުނުކޮށް ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ޑްރަގް އެތެރެކުރާ ފަރާތްތައް ދޫކޮށްލުމަކީ އެފަދަ ޢަމަލު ހިންގާ ފަރާތްތަކަށް ދެވޭނެ ހިއްވަރަކަށްވާނެ ކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޑރ. ޝަހީމް މިހެން ވިދާޅުވީ މިމަހު 6 ވަނަ ދުވަހު ގަތަރުގެ ދޯހާއިން ރާއްޖެ އައި އުމުރުން 23 އަހަރުގެ އަންހެނެއްގެ ލަގެޖްގައި މަސްތުވާތަކެތި ފެނުމުން ކަސްޓަމްސް އިން އެ މަސްތުވާތަކެތި އަތުލުމަށްފަހު އަންހެން މީހާ ރާއްޖެ އެތެރެވިޔަ ނުދީ ފޮނުވާލީ މައްސަލާއި ގުޅުވައިގެންނެވެ.

"ރާއްޖެއަށް ޑްރަގް އެތެރެކުރި ފަރާތް ހައްޔަރުނުކޮށް ދޫކޮށްލުމަކީ ބަލައިގަނެވޭނެކަމެއްނޫން. ދައުލަތުގެ ހައިބަތު ނަގަހައްޓައި ޤާނޫނު ހިންގަންޖެހޭ. ޑްރަގް އެތެރެކުރާ ފަރާތްތައް ދޫކޮށްލުމަކީ އެފަދަ ޢަމަލު ހިންގާ ފަރާތްތަކަށް ދެވޭނެ ހިއްވަރަކަށްވާނެ. ވީމާ ދެވަނަ ވިސްނުމަކަށް ދާންޖެހޭ" ޑރ. ޝަހީމް ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި އިންތިހާއަށް ބޮޑުވެފައިވާ މައްސަލައެއް ނަމަވެސް ހައްލު ހޯދުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ މައްސަލައެއްކަން ފާހަގަކޮށްލެއެވެ.

މިމަހުގެ 6 ވަނަ ދުވަހު މަސްތުވާތަކެއްޗާއެކު ރާއްޖެ އައި އަންހެން މީހާއައި ބެހޭ ގޮތުން ކަސްޓަމްސް އިން ބުނީ ގަތަރުގެ ދޯހާއިން ރާއްޖެ އައި އުމުރުން 23 އަހަރުގެ އަންހެނެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން ބެލިއިރު މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި އަތުލައިގަތް ތަކެތި ފުރަތަމަ މަރުހަލާގައި ތަހްލީލް ކުރިއިރު ކޮކެއިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 2.6 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 6.5 މިލިއަން ރުފިޔާ އަށް އަރާކަމަށް އެ އިދާރާއިން ބުންޏެވެ.

އެހެންނަމަވެސް މަސްތުވާތަކެތި އަތުލުމަށްފަހު އެމީހާވަނީ އަނބުރާ ފޮނުވާލައިފައެވެ. އަދި އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާއި ހަވާލުކޮށްފައިވާކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!