ޚަބަރު ސިޔާސީ

ބޭނުން ބަޔަކު ޝަރުޢީ ދާއިރާއަށް އައްޔަނު ކުރުމަކީ އެ ދާއިރާ މިނިވަން ކުރުމެއް ނޫން: އުޝާމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް--

ބޭނުން ބަޔަކު ޝަރުޢީ ދާއިރާއަށް އައްްޔަނު ކުރުމަކީ އެ ދާއިރާ މިނިވަން ކުރުމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

Ads by STELCO

އޭނާ ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފައިވަނީ، ޖުޑީޝަލް އަހަރު ފެށުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު، ރާއްޖޭގެ ޝަރުޢީ ދާއިރާ މިނިވަންވެފައިވާ ކަމަށް ވިދާޅުވުމުންނެވެ.

ރައީސް ވިދާޅުވީ ޝަރުއީ ދާއިރާ މިހާރު ހިނގަމުން ދަނީ އެއްވެސް ނުފޫޒެއް ނެތި މިނިވަންކަމާ އެކު ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ އިތުބާރުވެސް އެ ދާއިރާއަށް ލިބެމުން އަންނަ ކަމަށެވެ.

ރައީސްގެ މި ވާހަކަފުޅާ ގުޅިގެން އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިން ތިބި ފަނޑިޔާރުން ބޭރުކޮށް މިސަރުކާރުން ބޭނުން ބަޔަކު ކޯޓުތަކަށް އައްޔަންކުރުމަކީ ޝަރުޢީ ދާއިރާ މިނިވަންވުން ނޫންކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މި ސަރުކާރަށް 4 އަހަރުވެގެން ދިޔައިރު ސަރުކާރުން ވަޢުދުވިގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކޮށްލަން ނުކެރުނުއިރު މި ސަރުކާރުން ޝަރުޢީ ދާއިރާގެ މިނިވަންކަމުގެ ވާހަކަ ނުދެއްކުން މާ ރަނގަޅުވާނެކަމަށެވެ.

ޝަރުއީ ދާއިރާގެ ޤަޟާއީ އަހަރު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ފަނޑިޔާރުގޭގެ ޒިންމާއަކީ އެންމެހައި ފަރުދުންގެ މެދުގައި އަދުލުއިންސާފު ގާއިމުކޮށްދިނުން ކަމަށާއި، އަނިޔާއިން އެއްކިބާވެ އަދުލަށް ނިޔާ ކަނޑައަޅައި، ރައްޔިތުންގެ ހައްގުތައް ހޯދައިދިނުން ކަމަށެވެ.

އެ ޒިންމާ އަދާކުރެވޭނީ، ގާނޫނުގެ ވެރިކަން ދެމެހެއްޓުމަކީ ފަނޑިޔާރުގޭގެ އެންމެ އިސް އަމާޒުކަމުގައި ހަދައިގެން ކަމަށާއި އެ އަމާޒު ހާސިލުކުރެވޭނީ، ފަނޑިޔާރުންގެ ހުކުމްތައް ބިނާކުރާ މަސްދަރަކީ، އިސްލާމީ ޝަރީއަތާއި ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތައް ކަމަށް ހަދައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!