ޚަބަރު ސަރުކާރު

އާރުޑީސީއަށް ނުވެގެން އަމީނީ މަގު މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އާރުޑީސީން އަމީނީ މަގުގެ މަސައްކަތް ކުރިއަށް ގެންދަނީ | ފޮޓޯ: އާރުޑީސީ

މާލެ ސިޓީގެ އެންމެ ކާރޫބާރޫ ބޮޑު އެއް މަގު، އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފި އެވެ.

Ads by Sosun Fihaara

އަމީނީ މަގު މަޝްރޫއު ކުރިން ހަވާލުކޮށްފައި އޮތީ ސަރުކާރު ހިއްސާވާ ކުންފުނި، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާ އެވެ. އެކުންފުންޏަށް އެމަޝްރޫއު ހަވާލު ކުރީ 84،414،546.83 ރުފިޔާ އަށް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ.

7 މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި އެ މަޝްރޫއުގެ މަސައްކަތް އާރުޑީސީން ފެށި ނަމަވެސް މަގުގައި އަތުރާފައި ހުރި ގާތަށް ނަގައި ވެލި އަޅާފައި އެ މަގު ހުޅުވައިލީ އެވެ. އޭގެ ފަހުން ނިންމަން ބޭނުންވާ ތާރީހަށް އަމީނީ މަގު ނުނިމޭނެކަން ސަރުކާރުން ހާމަ ކުރި އެވެ.

އަމީނީ މަގު މަޝްރޫއު އާރުޑީސީން އަތުލައި އެމްޓީސީސީއާއި ހަވާލުކޮށްފައިވާކަން ޕްލޭނިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ. އެހެންނަމަވެސް މަޝްރޫއަށް ހަރަދުވާ ފައިސާ އެމްޓީސީސީއަށް ދޫކުރާނީ އާރުޑީސީ މެދުވެރިކޮށެވެ. ބެލެވޭ ގޮތުގައި އެކަން އެގޮތަށް ކުރަނީ ސަރުކާރުން އާރުޑީސީއާއެކު އެއްބަސްވުމުގައި ސޮއިކޮށް ފައިސާވެސް ދޫކޮށްފައިވާތީ އެވެ.

އެމްޓީސީސީއާއި މަޝްރޫއު ހަވާލުކުރީ އަމީނީ މަގު ތަރައްގީކުރުމުގެ މަޝްރޫއު ލަސްވާތީ އެވެ. އަދި އަމީނީ މަގަކީ ގިނަ ބަޔަކު ބޭނުންކުރާ މަގަކަށް ވެފައި އެމަގުގެ މަސައްކަތް ދިގުލައިގެން ދާތީ އޭގެ ސަބަބުން ގިނަ ބަޔަކަށް ތަކުލީފުތަކެއް އުފުލަން ޖެހިފައިވާތީ އެވެ.

އަކްރަމް ވިދާޅުވެފައިވަނީ އާރުޑީސީން އަދިވެސް އަމީނީ މަގު މަޝްރޫއުގެ ބައެއް މަސައްކަތްތައް ކުރާނެ ކަމަށެވެ. އެގޮތުން ތާރު މެޝިން ބަހައްޓައިގެން އެ މަސައްކަތް ކުރިއަށް ގެންދާނީ އާރުޑީސީން ކަމަށް އަކްރަމް ވަނީ ވިދާޅުވެފަ އެވެ.

އަމީނީ މަގު މަޝްރޫއު ނިމޭނެކަމަށް މިހާރު ލަފާކުރަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅެވެ. މިއީ ކުރިން ނިންމަން ބުނި ތާރީހަށްވުރެއް ފަސް މަސް ދުވަސް ދިގު މުއްދަތެކެވެ.

Ads by Allied Insurance
  1. އިބްރާހިމް

    ދެން އެމްޓީސީސީން އިންޑިއާގެ ގުއިފުންޏަކާއި ތިޔަ މަސައްކަތް ހަވާލު ނުކޮށްފިއްޔާވެސް ރަނގަޅެވެ. ވާނުވާއެއް ނޭނގޭ ބަޔަކަށް ބާރުދިނީމާ ވާނީ މިހެންނެވެ.