ޚަބަރު

7 ދުވަސް ފަހުން ކުޑަ އަންހެން ކުއްޖަކު ސަލާމަތްކޮށްފި، މުޅި ސަރަޙައްދު ގުގުމާލީ ތަކުބީރުގެ އަޑުން

ރައުފާ ރަޝީދު ، ދެން އޮންލައިން

ތުރުކީއާއި ސީރިޔާއަށް މިމަހުގެ 6ވަނަ ދުވަހު އައި ބާރުގަދަ ބިންހެލުމުގައި އިމާރާތްތަކުގެ ދަށުގައި ތާށިވެފައި އޮތް ކުޑަ އަންހެން ކުއްޖަކު ސަލާމަތްކޮށްފިއެވެ.

Ads by Sosun Fihaara

އެ ކުއްޖާ ފެނިފައިވަނީ ދެކުނުގެ ފްލެޓްތަކުގެ ބްލޮކެއްގެ ކުނިތަކުގެ ތެރެއިން ރޭގަނޑުގެ ވަގުތެއްގައެވެ. އަނދިރީގެ ތެރެއިން އެ ކުއްޖާ ސަލާމަތްކުރުމަށްފަހު އެ ސަރަހައްދުގައި ހަރަކާތްތެރިވި މަސައްކަތްތެރިން ވަނީ އުފާފާޅުކޮށްފައެވެ.

ބިންހެލުން އައިތާ ހަފްތާއަކަށްވުރެ ގިނަ ދުވަސް ފަހުން، އެ ކުއްޖާ ހެޔޮ ހާލުގައި ދިރިހުއްޓާ ފެނިގެންދިޔުމަކީ ހައިރާންކުރުވަނިވި ކަމެއް ކަމަށް މަސައްކަތްތެރިން ވަނީ ބުނެފައެވެ. އެ ސަރަހައްދުން އިވެމުން ދިޔައީ "الله أكبر" މި ކަލިމައެވެ. މާތް الله ގެ ހައިބަވަންތަކާއި މަތިވެރިވަންތަކަށް ބަޔާންކޮށް އިޤުރާރުވުމުގެ ގޮވުމެވެ.

ވެއްޓިފައިވާ ޢިމާރާތެއްގެ ކޮންކްރީޓްތަކުގެ ދަށުން ދިރިހުރި ފުރާނައެއް ފެންނަ ކޮންމެ ފަހަރަކު އިވެމުން ދަނީ ތަކުބީރުގެ އަޑެވެ.

އެ ކުއްޖާގެ އިތުރުން މިއަދު ވަނީ 182 ގަޑިއިރު ވަންދެން  އިމާރާތްތަކުގެ ދަށުގައި ތާށިވެފައި އޮތް 13 އަހަރުގެ ކުއްޖަކު ވެސް ސަލާމަތްކޮށްފައެވެ.

ތުރުކީގެ ދެކުނުގެ ސަރަހައްދާއި ސީރިއާގެ އުތުރުގެ ސަރަހައްދަށް މީގެ 6 ދުވަސް ކުރިން އައި 7.7 އަދި 7.6 މެގްނިޓިއުޑްގެ ދެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 34،179 އަށް ވަނީ އަރާފައެވެ. އަދި 98،685 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!