ބިންހެލުމަށް 8 ދުވަސް: ތާށިވި މީހެއް ސަލާމަތްކޮށް އެންމެން އާޝޯހު ކޮށްލައިފި!

ތުރުކީ އަދި ސީރިޔާއަށް 7.8 އަދި 7.6 މެގްނިޓިއުޑްގެ ބިންހެލުމެއް އައިތާ 8 ދުވަސް ފަހުން، އިމާރާތްތަކުގެ ދަށުން އަންހެނަކާއި ކުޑަ ކުއްޖަކު ސަލާމަތްކޮށްފިއެވެ.
ހަޓޭ ޕްރޮވިންސްގެ ސަމަންޑާގްގައި އިމާރާތެއްގެ ދަށުން އެ އަންހެން މިހާއާއި އޭނާގެ ދަރުފުޅު ސަލާމަތްކޮށްފައިވަނީ ބިންހެލުން އައިތާ ގާތްގަޑަކަށް 200 ގަޑިއިރު ފަހުންނެވެ. ދެމީހުންވެސް ހެޔޮ ހާލުގައި ދިރިހުއްޓާ ފެނިގެންދިޔުން ވެގެންދިޔައީ އެންމެން އާޝޯހުކުރުވި ކަމަކަށެވެ.
ތުރުކީއަށް ބިންހެލުން އައިތާ މިހާރު 8 ދުވަސްވެފައިވާ އިރު އެ ސަރަހައްދުގައި ތިބި މީހުން ސަލާމަތްކުރާ ފަރާތްތަކުން ވަނީ އިތުރު އެތައް ބަޔަކު ވެސް ސަލާމަތްކޮށްފައެވެ. އެންމެ ފަހުން ސަލާމަތްކުރި މީހުންގެ ތެރޭގައި ހިމެނެނީ އަޑިޔަމަން ޕްރޮވިންސްގެ ވެއްޓިފައިވާ އިމާރާތަކުން އެކަކާއި، ކަހްރާމަންމާރަސްގެ ހަލާކުވެފައިވާ އިމާރާތަކުން ދެ މީހެކެވެ.
ހަޓޭ ޕްރޮވިންސްގެ ސަމަންޑާގްގައި ދިރިއުޅޭ ތުރުކީގެ ރައްޔިތުން ވަނީ ސަލާމަތްވި މީހުން ހޯދުމުގައި އެ ގައުމުގެ ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމުގެ ޝަކުވާކޮށްފައެވެ. ބިންހެލުމުން ސަލާމަތްވި އެކަކު ބުނީ ހުރިހާ ކަމެއް ވެސް ކުރަނީ ވޮލަންޓިއަރުންނާއި އާންމުންގެ މަސައްކަތުން ކަމަށާއި ސަރުކާރުން ނޫން ކަމަށެވެ.
ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުން އިތުރު މީހުން ދިރިތިއްބާ ފެނުމަކީ ނާދިރު ކަމެއް ކަމަށް ތަޖުރިބާކާރުން ވަނީ ބުނެފަައެވެ.
﴿44﴾ وَأَنَّهُ هُوَ أَمَاتَ وَأَحْيَا
އަދި މަރުގަންނަވަނީވެސް، އަދި ދިރުއްވަނީވެސް ހަމައެކަލާނގެއެވެ.
[ އައްނަޖްމް 44 ވަނަ އާޔަތް ]
#Tharujamaa