މެދުއިރުމަތި ދުނިޔެ

ތުރުކީ-ސީރިއާ ބިންހެލުން: ގެއްލުނު ފުޓުބޯޅަ ކުޅުންތެރިޔާ މަރުވެފައިއޮއްވާ ފެނިއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިމަހުގެ 6 ވަނަ ދުވަހު ތުރުކީ އާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމުގައި ގެއްލުނު ގާނާގެ އިންޓަނޭޝަނަލް ކުޅުންތެރިޔާ ކްރިސްޓިއަން އަޓްސޫ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

Ads by WAMCO

ބިންހެލުމާއެކު ގެއްލުނު އަޓްސޫ ފެނިފައިވާކަމަށް މީގެ ކުރިން ރިޕޯޓްކޮށްފައިވީ ނަމަވެސް ފަހުން އޭނާގެ އެޖެންޓުވަނީ އޭނާ ފެނުނުކަން ޔަގީންވެފައި ނުވާކަމަށް ބުނެފައެވެ. އަދި އޭނާގެ މައުލޫމާތު ހޯދުމަށް އޭނާގެ އެޖެންޓް ނާނާ ސެޗޭރޭ ވަނީ ތުރުކީއަށް ގޮސްފައެވެ.

އެންމެފަހުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު އަޓްސޫ މަރުވެފައި އޮއްވާ ފެނުނީ ވެއްޓިފައިވާ އިމާރާތެއްގެ ދަށުންނެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ ބިންހެލުން އައިތާ ދެހަފްތާ ފަހުންނެވެ.

އުމުރުން 31 އަހަރުގެ ގާނާގެ އިންޓަނޭޝަނަލް ކުޅުންތެރިޔާ ވަނީ ޕްރިމިއާ ލީގުގެ ދެ ޓީމު ކަމަށްވާ އެވަޓަން، ޗެލްސީ އަދި ނިއުކާސަލްއާ އެކު އެއްބަސްވުންތަކެއް ހަދާފައެވެ. އަޓްސޫ ގެއްލުނީ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު އައި ބިންހެލުމުގެ ސަބަބުން ހަޓޭގެ އަންޓަކްޔާގައި ހުންނަ އޭނާގެ އެޕާޓްމަންޓް ވެއްޓުނު ފަހުންނެވެ.

ބިންހެލުމާ ގުޅިގެން ހަޓައިސްޕޯރ އެންމެ ފުރަތަމަ ރިޕޯޓުކުރި ގޮތުގައި އަޓްސޫ ވަނީ "ޒަހަމްތަކަކާއެކު" ސަލާމަތްކޮށްފައެވެ. އެހެންނަމަވެސް އޭގެ އެއްދުވަސް ފަހުން އޭނާ ސަލާމަތް ކުރެވިފައިނުވާކަމަށާއި އޭނާގެ ފެނިފައިނުވާކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

އަޓްސޫ ގެއްލުމާއެކު ހަޓޭއަށް ގޮސްހުންނެވި އޭނާގެ އޭޖެންޓް ނާނާ ސެޗޭރޭ މިއަދު ކުރި ޓްވީޓެއްގައިވަނީ އަޓްސޫގެ ހަށިގަނޑު މިއަދު ހެނދުނު ފެނިފައިވާކަމަށް އިއުލާނުކޮށްފައެވެ.

ސައުދީ އަރަބިއާގެ ޓީމު އަލް ރާއިދާއެކު ސީޒަނަކަށް ފަހު 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އަޓްސޫ ހަޓައިސްޕޯރާ ގުޅުނުއިރު، ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ސުޕަ ލިގް މެޗެއްގައި އަޓްސޫ ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.

ތުރުކީގެ ދެކުނުގެ ސަރަހައްދާއި ސީރިއާގެ އުތުރުގެ ސަރަހައްދުތަކަށް އައި ބިންހެލުމާއި އާފްޓާ ޝޮކްތަކުގައި 40،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!