ޚަބަރު ސިޔާސީ

އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާއިން ނެގި 37 މިލިއަން ރުފިޔާ އަނބުރާ ދޭން އަންގައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)/ ފޮޓޯ: އަވަސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތުގެ ފައިސާއިން އަމިއްލަ ފަރާތަކުން ނެގި 37 މިލިއަނަށްވުރެއް ގިނަ ރުފިޔާ އަނބުރާ ދޭން އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގައިފި އެވެ.

Ads by MWSC

މިފައިސާ އަނބުރާ ދޭން އަންގާފައިވަނީ ހ. ސްނޫފީ އަބްދުﷲ އާސިފަށެވެ. އެމްއެމްޕީއާރްސީން ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާގެ ތެރެއިން އޭނާ ނެގިކަމަށް އޭސީސީން ބުނަނީ 2،460،000 އެމެރިކާ ޑޮލަރު (37،933،200 ދިވެހި ރުފިޔާ) އެވެ.

އޭސީސީން މައުލޫމާތު ދޭ ގޮތުގައި އެފައިސާ އަނބުރާ ރައްދުކޮށްދޭން އާސިފަށް އަންގާފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.

އެމްއެމްޕީއާރްސީން ހިންގާފައިވާ ވައްކަމާއި ހިޔާނާތުގެ މައްސަލައިގައި މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 މީހެއްގެ ނަން ހިމެނޭ ލިސްޓެއް ތަހުގީގަށް ފަހު އޭސީސީން އެކުލަވާލާފައިވެ އެވެ. އޭގެ ތެރޭގައި ކުރިން ދައުލަތުގެ އެކި މަގާމުތަކުގައި ތިބި 119 ފަރާތެއް ހިމެނެ އެވެ. އަދި މިހާރުގެ މަޖިލިސް މެމްބަރުންގެ ތެރެއިން 16 މެމްބަރަކުވެސް ހިމެނެ އެވެ.

އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގައި ދައުލަތުން 1.22 ބިލިއަން ރުފިޔާ ވަނީ ގެއްލިފަ އެވެ. އޭގެ ތެރެއިން ގިނަ ފައިސާ މީހުންނަށް ދީފައިވަނީ އެސްއޯއެފް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏެއް މެދުވެރިކޮށެވެ.

މިމައްސަލައިގައި ގިނަ އަދަދެއްގެ ސިޔާސީ ފަރާތްތައް ހިމެނުނު ނަމަވެސް މައްސަލަ ބަލައި ހުކުމް ކޮށްފައިވަނީ މަދު ފަރާތަކަށެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ނައިބު ރައީސް އަހުމަދު އަދީބުގެ އިތުރުން އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ވަނީ ކޯޓުން ހުކުމް ކޮށްފަ އެވެ.

މީގެ ތެރެއިން ރައީސް ޔާމީން ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވިނަމަވެސް އަދީބާއި ޒިޔަތު ހުންނެވީ ގޭގަ އެވެ. އެމްޑީޕީ އަދި ޖޭޕީއަށް ނިސްބަތްވާ ގިނަ މީހުންގެ މައްސަލަތައް ކުރިއަކަށް ނުދެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!