މެދުއިރުމަތި ދުނިޔެ

"ބިންހެލުން އައި ވަގުތު އިނީ ވީޑިއޯ ކޯލްކޮށްގެން،ލޯބިވެރިޔާ ވަކިވި އިރު އެންގޭޖް ވިތާ ހަފްތާއެއް"

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ޢަލީ

ތުރުކީ އާއި ސީރިއާއަށް ބިންހެލުމުގައި ގިނަ ބައެއްގެ ދިރިއުޅުން  އަލުން ބަލުން ފަށަން ޖެހިފައިވާއިރު އެމީހުންގެ ހިތްދަތި ހާލަތުން އަރައިގަތުމުގެ މަސައްކަތް ކުރާނެ ވަގުތު ނުލިބި އުޅެނިކޮށް އަނެއްކާ ބިންހެލުމެއް އައިސްފައިވާއިރު އެސަރަހައްދުގެ ހާލަތު ވަނީ ހިތަށް ތަސައްވަރު ނުކުރެވެއެވެ.

Ads by Sosun Fihaara

މިއީ އަލީއާއި ވިއާމްގެ ވާހަކައެވެ. އެންގޭޖްވެ ކައިވެންޏަށް ތައްޔާރުވަމުން ދިޔަ އަލީ އާއި ވިއާމްގެ ލޯބީގެ ރީތި ވާހަކަ ނިމުނީ ކުލަ ޖެހުމެއް ނެތް އެތަށް ހުވަފެނަކަށް ފަހުއެވެ. އަލީއާއި ވިއާމްގެ ހަތަރު އަހަރުވީ ލޯބީގެ ގުޅުން އިތުރަށް ވަރުގަދަކޮށް ކައިވެންޏަށް އެމީހުން ތައްޔާރުވާން ފަށާފައިވާއިރު ބިންހެލުމުގައި ވިއާމް މަރުވެ އަލީ ވަނީ މުޅި ދުނިޔެ މަތިން ފޫހިވެފައެވެ.

"އެރޭވެސް އަހަރުމެން ތިބީ ލަސްވަންދެން ވަޓްސް އެޕުން މެސެޖް ކުރަން. ނުނިދިގެން. ފަތިހު ހަތަރެއް ޖެހިއިރު އަހަންނަށް ވިއާމްގެ މެސެޖެއް ލިބުނު. އެމެސެޖުގައި އަހަރެން ހުރީ ހޭލާތޯ އޭނާ އެހި އަދި އާދަޔާ ހިލާފު ހުވަފެނެއް ފެނުން ވާހަކަބުނި" އަލީ ބުންޏެވެ.

އަލީ ބުނިގޮތުގައި ބިންހެލުން އައިވަގުތު އެމީހުން ތިބީ ވީޑިއޯ ކޯލް ކޮށްގެންނެވެ. ފެންކަޅިވެ ހުރެ އަލީ ކިޔައިދިން ގޮތުގައި ފެނުނު ހުވަފެނާއި ދޭތެރޭ ނުވިސްނުމަށް ވިއާމް ގާތު އޭނާ އެދުނެވެ. އަދި ލޯބިވާ ވާހަކަ ބުނުމުން ވިއާމް އިނީ ހިނިތުން ވެލައިގެންނެވެ. ބިންހެލުން އައި ވަގުތު އޭނާ ދުއްވައިގަންނަން މަސައްކަތް ކުރި ނަމަވެސް އެކަން ނުވިކަމަށް އަލީ ބުންޏެވެ. އަދި އިރުކޮޅަކުން ވީޑިއޯ ކެނޑުނުކަމަށް އަލީ ބުންޏެވެ.

އަލީ ބުނިގޮތުގައި ބިންހެލުން ނިމުމާއެކު އޭނާ ދުވެފައި ވިއާމް ދިރިއުޅޭ ގެއަށް ދިޔައިރު އެއިމާރާތްވަނީ ބިމާ ހަމަވެފައެވެ. އަދި އޭރު އެސަރަހައްދަށް މީހުން ސަލާމަތްކުރާ މީހުން ނާންނަނަމަވެސް އާއްމުން އަމިއްލައަށް މީހުން ހޯދުމުގެ މަސައްކަތް އޭރު ވަނީ ފަށާފައެވެ.

އެހެންނަމަވެސް އަލީގެ ލޯބިވާ ވިއާމްގެ ހަށިގަނޑު ފެނިފައިވަނީ ބިންހެލުން އައިތާ 8 ދުވަސް ފަހުންނެވެ. ވިއާމް ފެނުނުއިރު އޭނާއިނީ އޭނާގެ ކޮއްކޮ ގައިގަ ބައްދާލައިގެން އިންގޮތަށް މަރުވެފައިކަމަށް އަލީ ބުންޏެވެ. ވިއާމްގެ ހަށިގަނޑު ފެނުނީ މިހާރު އޭނާގެ އުފަން ސީރިއާއަށް ފޮނުވާފައިވާއިރު ތުރުކީގައި ސީރިއާގެ ގިނަ އަދަދެއްގެ މީހުން ދިރިއުޅެއެވެ.

 

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!